ހިދުމަތްތެރިންގެ ރެކޯޑްތައް ރައީސް އޮފީހުން ހޯދާ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅަން ނިންމައިފި

ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިުގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ރެކޯޑްތައް ރައީސް އޮފީހުން ހޯދުމަށްފަހު ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅާ އެބޭފުޅުންނަށް ހިދުމަތުގެ އަގު ވަޒަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ އެބޭފުޅުންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ބައެއް ބޭފުޅުންގެ އަތްޕުޅުގައި ޚިދުމަތާބެހޭ ރެކޯޑުތައް ނެތުން ކަމަށެވެ.
އަދި އޭގެ ތެރެއިން ގިނަ ބޭފުޅުން ޚިދުމަތް ކުރައްވަން ފެށްޓެވީ މީގެ އެތައް އަހަރެއް ކުރިން ކަމަށާއި، މިދިޔަ އަހަރުތަކުގައި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް އުވައިވެސްލެވިއްޖެ ކަމަށް ވިދާޅުވިއެވެ.
އެފަދަ ބައެއް އޮފީސްތައް އުވައިލެވިގެން ދިޔައިރު، އެ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތެއްވެސް ނެތް.
ރައީސް ވިދާޅުވީ އެ ބޭފުޅުންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި، ދައުލަތުގެ މުއައްސަސާތަކަށްވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ.
އަދި ބައެއް ބޭފުޅުން އަމިއްލަފުޅަށް އިނާމަށް ނަން ހުށަހެޅުއްވުމަށް ބޭނުންފުޅުނުވުމަކީވެސް، އަޅުގަނޑާ ހަމައަށް އަދި ޤައުމީ އިނާމު ކޮމިޓީއާ ހިސާބަށްވެސް ހުށަހެޅޭ މައްސަލައެއް.
އެހެން ނަމަވެސް އެފަދަ ބޭފުޅުންނަށްވެސް އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ އެހެން ބޭފުޅުންނަށްވެސް، މި ޝަރަފު އަރުވަންޖެހޭ ކަމަށް ދެކެވަޑަިއގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަން ފެށުމުގެ ގޮތުން،  ޤަޞްދުކުރަނީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު، ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން، އެކަން ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތަށް ހުށަހެޅޭ ބޭފުޅުންނާވެސް ކޮމިޓީން ބައްދަލުކުރައްވައި، އިތުރު މަޢުލޫމާތު ހޯއްދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޤައުމީ ޚިދުމަތުގައި މަތީ އަރުތަ ޙާޞިލްކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރުމާ ހަމައިން އެކަން ނިމުނީ ކަމަށް ދެކިގެން ނުވާނެ ކަމަށާއި އެފަދަ ބޭފުޅުންނަކީ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ޙިއްޞާދާރުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ދައުލަތް މިހާ ހިސާބަށް އައުމުގައި، އެ ބޭފުޅުންގެ ބައިވެރިވުމާއި، އެ ބޭފުޅުންގެ މިންނެތް މަސައްކަތް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވޭ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 86 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ވަނީ ދެއްވާފައެވެ.
މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ