ވޯލްޑްކަޕް ވޯލްޑްކަޕް ރޮނާލްޑޯގެ ދައްތަ ބުނަނީ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމުން ރިޓަޔާކުރާނެ ކަމަށް

ކްރިސްޓިއާނޯ ރޮނާލްޑޯ މި ވޯލްޑް ކަޕަށް ފަހު ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާ ކުރާނެ ކަމަށް އޭނާގެ ދައްތަ ކާޓިއާ އަވެއިރޯ ބުނެފިއެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ކުޅެމުން ދަނީ ޕޯޗުގަލްގެ ހަ ވަނަ ވޯލްޑް ކަޕެވެ. އޭނާ އަކީ ޕޯޗުގަލް ގައުމީ ޓީމުގެ އެންމެ ގިނަ މެޗު ކުޅުނު އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެއީ 231 މެޗުން 145 ގޯލެވެ.
ވޯލްޑް ކަޕް 2026 ގައި ޑީއާރް ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި 1-1 އިން އެއްވަރުވުމުން ރޮނާލްޑޯއަށް ފާޑުކިޔުންތައް އަމާޒުވީ ނަމަވެސް އުޒްބެކިސްތާނާ ދެކޮޅަށް ކުޅެ 5-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި ގްރޫޕު ސްޓޭޖުގެ ފަހު މެޗު ނިންމާލަން ޖެހުނީ އެއްވަރުވެގެންނެވެ.
ގަދަ 32 ގައި ކްރޮއޭޝިއާއާ ދެކޮޅަށް ޕޯޗުގަލުން ކުޅޭ މެޗުގެ ކުރިން ޕޯޗުގީޒް މީޑިއާއާ ވާހަކަދައްކަމުން ރޮނާލްޑޯގެ ދައްތަ، އަވެއިރޯ ބުނީ މިއީ ރޮނާލްޑޯ ޕޯޗުގަލް ޖާޒީގައި ކުޅޭ ފަހު ފަހަރު ކަމުގައި ވެދާނެ ކަމަށެވެ.
”މި ވަގުތުތައް ހިތްހަމަޖެހިގެން ބަލަންޖެހޭ. އެންމެ މުހިންމީ މި 20 އަހަރު ޖެހި ގޯލުތަކާއި ހޯދި ކާމިޔާބީތައް ހިތްހަމަޖެހިގެން ބެލުން“ އަވެއިރޯ ބުންޏެވެ.
ޔޫރޯ 2028 ގައި ޕޯޗުގަލް ޓީމުން ރޮނާލްޑޯ ފެނިދާނެތޯ ސުވާލުކުރުމުން އަވެއިރޯ ބުނީ ”އަހަންނަށް ލިބިފައި ހުރި މައުލޫމާތުން އިތުބާރު ހުރި މަސްދަރަކުން ގައުމީ ޓީމުގައި މިއީ އޭނާގެ ފަހު ފެނިލުން ކަމަށް އަހަރެން ގަބޫލުކުރަން. ލިބެން ހުރި ވަގުތު ހިތްހަމަޖެހިގެން ބަލާ. މިއަދަކު ނޫން އަލްވަދާއު ކިޔަނީ، އެކަމަކު ވަރަށް އަވަހަށް. އޭނާ ކަހަލަ މީހެއް ހޯދަން ވަރަށް އުނދަގޫ ވާނެ“ ކަމަށެވެ.
ފާޑުކިޔުންތަކާ ބެހޭ ގޮތުން އަވެއިރޯ ބުނީ ރޮނާލްޑޯ ދެކެ ލޯބި ނުވާ މީހުން ފުޓުބޯޅަ ދެކެ ލޯބި ނުވާ ކަމަށާއި ގެއްލުން ލިބެނީ އެ މީހުންނަށް ކަމަށެވެ. އަދި 20 އަހަރަށްވުރެ ގިނަ ދުވަހު ފުޓުބޯޅައިގައި ވިދުން ގަދަ ކަމަށާއި ފާޑުކިޔުންތަކުން އެ އާއިލާގެ އުފާވެރިކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ