ސޯޅަ އަހަރަށްފަހު ވޯލްޑް ކަޕުގެ ނޮކްއައުޓް މެޗަކުން މޮޅުވެ، ސްޕެއިން ގަދަ 16 އަށް
އޮސްޓްރިއާގެ މައްޗަށް 3-0 ގެ ފަސޭހަ ނަތީޖާއަކުން ކުރިހޯދައި، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނުން ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިފަހުން، ވޭތުވެދިޔަ 16 އަހަރު ދުވަހުގެ ތެރޭގައި ސްޕެއިނުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ހޯދި ފުރަތަމަ މޮޅެވެ. މިދިޔަ ބޮޑެތި މުބާރާތްތަކުގައި ނޮކްއައުޓްގެ ކުރީކޮޅުން ކަޓައިގެންދިޔަ ހިތްދަތި ތާރީޚަށް ނިމުމެއް ގެނައި މި މެޗުގައި، ސްޕެއިންގެ ފަރާތުން ފެނުނީ މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު މޮޅު ކުޅުމެކެވެ. މިއާ ޚިލާފަށް، 1954 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި ވާދަކުރި އޮސްޓްރިއާއިން މި މެޗުގައި ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ކުޅުމެއް ކުޅުމުގެ ނަތީޖާއަކަށްވީ، ސްޕެއިންގެ ވަރުގަދަ އެޓޭކްތައް ހުއްޓުވުމުގައި ނުކުޅެދުމެވެ. ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި ސްޕެއިނުން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގެ ކުރީކޮޅުން ފެށިގެން ސްޕެއިނުން ދިޔައީ ބޯޅަ ހިފަހައްޓައިގެން އޮސްޓްރިއާގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި މާކް ކުކުރެޔާ ގޯލެއް ޖެހި ނަމަވެސް، ސްޕެއިންގެ ޒުވާން ޑިފެންޑަރު ޕައު ކުބާސީ އޮސްޓްރިއާގެ ކީޕަރު އެލެކްޒެންޑާ ޝްލާގާއަށް ފައުލްކުރި ކަމަށް ނިންމައި ރެފްރީ އެ ގޯލު ބަލައެއްނުގަތެވެ. ނަމަވެސް ސްޕެއިނުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ، މެޗުގެ 36 ވަނަ މިނެޓުގައި ލީޑު ނެގުމެވެ. މާކް ކުކުރެޔާ ތަނަވަސްކޮށްދިން ފުރުސަތަކުން، ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ގޯލު ކާމިޔާބުކޮށްދިނީ ފޯވާޑް މިކެލް އޮޔާޒަބަލްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން އެލެކްސް ބައޭނާ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ރީބައުންސްގައި ޒުވާން ތަރި ލަމީން ޔަމާލް ފޮނުވާލި ނުރައްކާތެރި ހަމަލާ އޮސްޓްރިއާގެ ކީޕަރު ޝްލާގާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި ސްޕެއިނާއި އޮސްޓްރިއާ ކުޅުނު މެޗުގެ ތެރެއިން-- ދެވަނަ ހާފަށް ނުކުމެވެސް ސްޕެއިނުން މެޗު ކޮންޓްރޯލްކޮށްގެން ހަމަލާތައް ކުރިއަށްގެންދިޔައެވެ. އޮސްޓްރިއާގެ ބަދަލު ކުޅުންތެރިޔާ ސާސާ ކަލައިޑްޖިޗް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް ގޮސް ބިރުގަންނަވާލި ނަމަވެސް، މެޗުގެ 66 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ދެވަނަ ލަނޑު ޖަހައި ހަމަޖެހިލާފައެވެ. އެލެކްސް ބައޭނާ ނަގައިދިން ހުރަހަކުން، ކަނާތް ފަޅިން އޭރިއާ ތެރެއަށް ދުވެފައި އައިސް ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ރައިޓް-ބެކް ޕެޑްރޯ ޕޮރޯއެވެ. އޭގެ ފަހުން ޔަމާލް ފޮނުވާލި ހަމަލާއެއް އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ ގޯލު ލައިންމަތިން ސަލާމަތްކުރި ނަމަވެސް، މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ސްޕެއިނުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. ރެއާލް މެޑްރިޑްގެ އާ ލެފްޓްބެކް ކުކުރެޔާ ދިން ބޯޅަ ހޯދައި، އޮޔާޒަބަލް ވަނީ އޭނާގެ ދެވަނަ ލަނޑާއެކު މުބާރާތުގައި ޖެހި 4 ވަނަ ގޯލު ކާމިޔާބުކޮށް، ސްޕެއިންގެ މޮޅު ޔަގީންކޮށްދީފައެވެ. މި މޮޅާއެކު ސްޕެއިން ވެފައިވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ކޮޅަށް ގޯލެއް ނުވަދެ ސާފު ރެކޯޑެއް ދަމަހައްޓަމުން އަންނަ ދެވަނަ ޓީމަށެވެ. އަނެއްކޮޅުން، 1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި އޮސްޓްރިއާ މި މުބާރާތުން ވަނީ ވަކިވާން ޖެހިފައެވެ. ގަދަ 16 ގެ ބުރުގައި ސްޕެއިން ދެން ނުކުންނަން ޖެހޭނީ ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ