ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން އިމާރާތެއްގެ ކުނިބުނިތަކުގެ ދަށުގައި ތާށިވި މީހަކު، އަށް ދުވަހަށް ފަހު ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.
ޕާކިން ލޮޓެއްގެ ބޭސްމަންޓުގައި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ހެނާން ގިލް ސަލާމަތްކުރެވުނީ 140 ޓަނުގެ ކޮންކްރީޓް ކުނިބުނިތަކުގެ ދަށުންނެވެ.
އިމާރާތް ވެއްޓުނު ހާދިސާގައި ގިލް ތާށިވެފައި އޮތް ތަން ހޯދުމަށްފަހު، އޭނާ ސަލާމަތްކުރުމަށް ސަލާމަތީ ފަރާތްތަކުން 100 އަށްވުރެ ގިނަ ގަޑިއިރު ވަންދެން މެދުކެނޑުމެއްނެތި މަސައްކަތް ކުރި އެވެ. މި އޮޕަރޭޝަނުގައި ބައިވެރިވި ޗިލީގެ ފަޔަރ ފައިޓަރަކު ސިފަކުރި ގޮތުގައި، މިއީ އޭނާގެ މުޅި ހަޔާތުގައިވެސް ކުރިމަތިލާންޖެހުނު އެންމެ އުނދަގޫ އަދި ފަންނީ ގޮތުން ގޮންޖެހުންތައް ބޮޑު ސަލާމަތީ މަސައްކަތެވެ.
ޖޫން މަހުގެ 24 ވަނަ ދުވަހު ވެނެޒުއޭލާއަށް އައި ބިންހެލުންތަކުގައި މިހާތަނަށް 2،300 އެއްހާ މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، އެތައް ހާސް ބަޔަކު އަދިވެސް ވަނީ ގެއްލިފަ އެވެ. މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ގިލް ދިރިހުއްޓާ ފެނުމަކީ ސަލާމަތީ މަސައްކަތްތެރިންނަށް ލިބުނު ބޮޑު އުންމީދެކެވެ. ކޮސްޓަރީކާގެ ރެޑް ކްރޮސްގެ ޕެރަމެޑިކެއް ކަމަށްވާ އެލަން މެޑްރިގަލް ބުނި ގޮތުގައި، ގިލް ސަލާމަތްކުރެވުނު އިރު އޭނާގެ ހާލަތު ވަރަށް ރަނގަޅެވެ.
މެޑްރިގަލްއަކީ މިދިޔަ އާދީއްތަ ދުވަހު ކުނިބުނިތަކުގެ ތެރެއިން ގިލް އެހީއަށް އެދި ގޮވާ މަޑު އަޑު އެންމެ ފުރަތަމަ އިވުނު މީހާއެވެ. އެއީ ވަރަށް އަސަރުގަދަ ވަގުތުކޮޅެއް ކަމަށާއި، ފުރަތަމަ އެ އަޑު އިވުމުން އަމިއްލަ ކަންފަތަށް އިތުބާރު ނުކުރެވިގެން އެހެން މީހަކު ލައްވައި އެކަން ކަށަވަރުކުރި ކަމަށް އޭނާ ކިޔައިދިނެވެ. އެ ހިސާބުން ފެށިގެން އެކި ގައުމުތަކުގެ މާހިރުން ގުޅިގެން ގިލް ސަލާމަތްކުރުމުގެ ރޭސް ފެށުނެވެ.
ބިންހެލުން އައި ވަގުތު ގިލް ހުރީ ޕާކިން ލޮޓުގެ ބޭސްމަންޓުގައި ހުރި ކުޑަ ކޮންކްރީޓް ގޮޅިއެއްގެ ތެރޭގައެވެ. ބެލެވޭ ގޮތުގައި އެ ގޮޅީގެ ވަރުގަދަކަމުން، އޭގެ މައްޗަށް ވެއްޓުނު ބޮޑެތި ކޮންކްރީޓް ގަނޑުތަކުން އޭނާ ސަލާމަތްވީއެވެ. އޭނާ ސަލާމަތްކުރުމުގެ މަސައްކަތުގައި ވެނެޒުއޭލާގެ އިތުރުން ޗިލީ، ކޮސްޓަރީކާ، އެލްސަލްވަޑޯ، މެކްސިކޯ، ޕޯޗުގަލް އަދި އެމެރިކާގެ ޓީމުތަކުން ބައިވެރިވިއެވެ.
މަސައްކަތުގެ ތެރޭގައި ގިލްއާ ހަމައަށް ދިއުމަށް ކޮނުނު މަގުތައް އެތައް ފަހަރަކު ވެއްޓި، ސަލާމަތީ ފަރާތްތަކުގެ ފުރާނައަށްވެސް ނުރައްކާވިއެވެ. ނަމަވެސް، ކުޑަ ކެމެރާއެއް ބޭނުންކޮށްގެން އޭނާގެ ހާލަތު ބަލަމުން ގެންދިޔައެވެ. މެކްސިކޯގެ ރެޑް ކްރޮސްގެ މާކޯ އެންޓޯނިއޯ ފްރާންކޯ ބުނި ގޮތުގައި ގިލްއަކީ ވަރަށް ހިތްވަރުގަދަ، އުފާވެރި މިޒާޖެއްގެ މީހެކެވެ.
ވެނެޒުއޭލާގެ ބިންހެލުން: އަށް ދުވަސް ފަހުން ކޮންކްރީޓްތަކުގެ ދަށުން ދިރިހުރި މީހަކު ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ