ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ކުރިއަށް

ޓޮރޮންޓޯ، ކެނަޑާ (ޖުލައި 3) - ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ 2-1 އިން ބަލިކޮށް، ޕޯޗުގަލް އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފި އެވެ.
ގަދަ 16 ބުރުގައި ޕޯޗުގަލް އިން ކުޅޭނީ ސްޕެއިނާ ދެކޮޅަށެވެ. 
މެޗު ފަށައިގެން ޕޯޗުގަލް އިން ކުރިއަށްޖެހިގެން ކުޅެމުންދިޔައިރު، ލީޑުނެގުމާ ގާތަށް ޖެހިލި އެވެ.  އެ ގޮތުން، ކްރޮއޭޝިއާގެ އޭރިއާތެެރެއިން، ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބޯޅައެއް ކްރޮއޭޝިއާގެ ކީޕަރު، ޑޮމިނިކް ލިވާކޮވިޗް ވަނީ މަަތަކޮށްފަ އެވެ. އަދި، ރީބައުންސުން ފެނާންޑޭޒް ޖެހި ޝޮޓް ކްރޮއޭޝިއާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. 
ފުރަަތަމަ ހާފުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ބޮލުން ފޮނުވާލަން ކުރި މަސައްކަތް ރަނގަޅަށް ނުދިޔައިރު، ރަފައެލް ލެއާއޯ ފޮނާލި ޝޮޓެއް އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. ކްރޮއޭޝިއާ އަށް ފުރަަތަމަ ހާފުގައި އެޓޭކުގައި މާ ބޮޑު ތަފާތެއް ދެއްކޭގޮތެއްނުވި އެވެ. 
އެހެން ނަމަވެސް، ދެ ވަަނަ ހާފު ފެށިގެން، ކްރޮއޭޝިއާ އިން ގިނަ ކުޅުންތެރިންތަކެއް އެޓޭކަށް ފޮނުވަން ފެށި އެވެ. އެ ގޮތުން، މި ހާފުގެ ކުރިކޮޅުގައި، ޕޯޗުގަލް އޭރިއާތެރެއަށް ވަދެ، މަޓެއޯ ކޮވަސިޗް ޖެހި ޝޮޓެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.  
ދެ ވަނަ ހާފުގެ އަށް ވަނަ މިނިޓްގައި، ކްރޮއޭޝިއާ އިން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އިވާން ޕެރިސިޗް އެެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ޕެރިސިޗް ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، އަންޓޭ ބުޑިމީރް ވަނީ ކްރޮއޭޝިއާ ކޮޅަށް ދެ ވަަނަ ލަނޑު ޖަހައިފަ އެވެ. އެކަަމަކު، ބުޑިމީރަށް އެ ބޯޅަ ދިން ނިކޮލަ ވްލަސިޗް އޮފްސައިޑް ކަމަށްވުމުން ގޯލު ބަލައިނުގަތެވެ. 
މެޗުގެ 55 ވަނަ މިނިޓްގައި ޕޯޗުގަލް އަށް އެއްވަރުކޮށްދޭން ލެއާއޯ ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ މިނިޓެއް ފަހުން، ކްރޮއޭޝިއާ އިން ކައުންޓަ އެޓޭކެއްގައި ޕީޓަ ސުޗިޗް ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ. 
ޕޯޗުގަލް އަށް މެޗުގެ 60 ވަަނަ މިނިޓްގައި، ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، މެޗުގެ ރެފްރީ އާއި ވީއޭއާރް އިން ނިންމީ އޮފްސައިޑެއް ކަމަށެވެ. އެކަމަކު، އޭގެ ހަ މިނިޓް ފަހުން، ޕޯޗުގަލް އަށް ވަނީ ވީއޭއާރް އިން ބަލާފައި ޕެނަލްޓީއެއް ދީފަ އެވެ. ރޮނާލްޑޯ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށް އެއްވަރުކޮށްދީފަ އެވެ. 
ކްރޮއޭޝިއާ އިން އަލުން ލީޑުނަގަން ގާތްގާތުގައި، މަޓެއޯ ކޮވަސިޗް ޖެހި ދެ ހަމަލާއެއް ކީޕަރު ކޮސްޓާ ވަނީ މަތަކޮށްފަ އެވެ. އަދި، ކްރޮއޭޝިއާގެ އީގޯ މަޓާނޮވިޗް ޖެހި ބޯޅަ ވެސް ކީޕަރު، ކޮސްޓާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި، ކްރޮއޭޝިއާގެ ޕީޓަ ސުޗިޗް ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. 
އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި، ޕޯޗުގަލް މޮޅުވި ލަނޑު ޖެހީ ރަފައެލް ލެއާއޯ ނެގި ހުރަހަކުން ގޮންޒާލޯ ރާމޯސް ބޮލުންނެވެ. 
މެޗުގެ އިތުރު ވަގުުތުގެ ފަހުކޮޅުގައި، ކްރޮއޭޝިއާގެ ޖޮސްކޯ ގްވާޑިއޯލް ޖެހި ގޯލު ވަނީ ވީއޭއާރް އިން ބަލައިފައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މިއީ، މި މެޗުގައި ކްރޮއޭޝިއާ އިން ޖެހި ގޯލެއް އޮފްސައިޑް ވި ތިން ވަަނަ ފަަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ