ކަރަންޓުގެ ހިދުމަތް ޔަގީންކުރުމަށް ސްޓެލްކޯގެ އެމްޑީގެ ބެއްލެވުމުގެ ދަށުން ހާއްސަ މަސައްކަތްތަކެއް

މިދުވަސްވަރު އާދަޔާއި ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓުގެ ޑިމާންޑު ބޮޑުވުމާއެކު، ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ވިދާޅުވީ ހޫނު މޫސުމާއި ގުޅިގެން ރެކޯޑު ޢަދަދަކަށް މިދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށެވެ. އެހެންކަމުން އެކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުކެނޑުނަނުދީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި މިކަން ކަށަވަރުކުރުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން ޚާއްސަ ޓީމެއް އެކުލަވާލައި، އެޓީމުގެ މަސައްކަތްތައް ފަށާފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.
މިދުވަސްވަރު ހޫނު ގަދަވުމާއި ގުޅިގެން، ޕީކްލޯޑް ދަށްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނީގެ ހުރިހާ އެއާރ ކޮންޑިޝަންތަކެއް 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. އަދި މިދުވަސްވަރު ހޫނުން ސަލާމަތްވުމަށްޓަކައި ރަސްމީ އޮފީސް ހެދުމުގެ ބަދަލުގައި، ކުރިއަށް އޮތް އެއް މަސްދުވަހަށް، ކުންފުނީގެ ޔުނީފޯމްގައި އޮފީހަށް އައުމުގެ އިޚުތިޔާރު ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށްވެސް ވަނީ ދެއްވާފައެވެ.
ރާއްޖޭގެ މޫސުމަށް ބަލާއިރު ޢާއްމުގޮތެއްގައިވެސް އޭޕްރީލް މަހަކީ ހޫނު ގަދަވާ ދުވަސްވަރެކެވެ. އެހެންނަމަވެސް ފާއިތުވި އެހެން ހުރިހާ އަހަރުތަކަށްވުރެ މިމަހު ވަނީ ހޫނުވި މިންވަރު އިތުރުވެފައެވެ.
އެހެންނަމަވެސް މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހޫނު މޫސުން ބަދަލުވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރު ލަފާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ