ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
ހުޅަނގު މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ. އެ އިދާރާއިން ބުނި ގޮތުގައި މިރޭ 8:00 އާ ހަމައަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.
މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ، ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވުމުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވިދާ ގުގުރައި، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ހޮނު އެޅުމުގެ ހާދިސާތަކެއްވެސް ވަނީ ހިނގާފައެވެ.
އާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ އަސަރުތައް ފެންނަން ފަށަނީ މެއި މަހުގެ ކުރީކޮޅުގައެވެ. މިގޮތުން މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށި، މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް މި މޫސުމުގެ އަސަރު ފޯރައެވެ. މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ