ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މުއްދަތު މިއަދު ހަމަވި އިރު، ކުރިމަތިލާފައިވަނީ ކެންޑިޑޭޓުން ތަފްސީލު އެ ކޮމިޝަނުން އާންމުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އޭރުގެ އެ ދާއިރާގެ މެމްބަރު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގައެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
އީސީން މިއަދު ބުނީ، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރުފަހު 3:00 އަށް ހަމަވެފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށެވެ.
ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވާދަކުރައްވާ އިރު، ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.
ޓިކެޓު ހޯދުމަށް ޕީއެންސީގެ ޕްރައިމަރީގައި ސައީދު ވާދަކުރި ނަމަވެސް، ޕްރައިމަރީން ވަނީ ބަލިވެފައެވެ. ޕްރައިމަރީ ކާމިޔާބުކުރީ ގޮނޑި ގެއްލުނު މުހައްމަދު ސިނާނެވެ. ނަމަވެސް ސިނާން ފަހުން ވާދަނުކުރަން ނިންމުމާއެކު، ފަހުން ޓިކެޓު ލިބުނީ ސައީދަށެވެ.
އެމްޑީޕީގެ ޓިކެޓު ސޯބެއަށް ކަށަވަރުވީ ޕްރައިމަރީއަކާ ނުލައެވެ. އެއީ އެ ޕާޓީގެ ޓިކެޓު ހޯދުމަށް އިތުރު މީހަކު ކުރިމަތިލާފައިނުވާތީއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލީ ސޯބެ އާއި ސައީދު އެކަނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ