ސަރުކާރު ހިންގާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ދެބައިވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާ ގޮތައް ހިންގާ "ގޮޑިކޮއްކޮ" ސަރުކާރެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެކޮޅު ހެއްދެވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
މެމްބަރު ސަނީފް މިފަދައިން ވިދާޅުވީ، ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ސަނީފް ވިދާޅުވީ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުންފަދަ ރައްޔިތުންނާ ގުޅިފައިވާ ކަންކަމަކީ ވޯޓަކަށް ނުގޮސް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ނިންމޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނޭ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމް ފަދަ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާ ކަމަށް ސަނީފް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވާ ތަސައްވުރެކެވެ.
އެހެންނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވާހެން ސިޔާސީ އިސް ލީޑަރުންނާއި އެމްޑީޕީގެ ގިނަ މެންބަރުންނާއި ޕާޓީތަކާއި ގިނަ ދީނީ ޢިލްމުވެރިންގެ އިތުރުން ގިނަ ރައްޔިތުންވެސް ގެންދަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއިމެދު ދެކޮޅު ހައްދަވަމުންނެވެ.
ނިޒާމު ބަދަލު ކުރުމުގެ ވާހަކައާއެކު ރާއްޖެ ލާމަރުކަޒުވެގެންދާއިރު އަތޮޅުތައް މައި ސަރުކާރުން މުޅިން ވަކިވެ، މިނިވަން ކަމާއެކު ހިންގުމަށް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް ފަރާތްތަކުން ގެންދަނީ ވަކާލާތު ކުރަމުންނެވެ.
ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދެމެދު ހިޔާލުތަފާތުވުން އުފެދި، ރައީސް ނަޝީދު، ފާޅުގައި ރައީސް ޞާލިޙަށް ފާޑުވިދާޅުވާން ފެށީ ވެރިކަން އޮންނަންވީ ނިޒާމާމެދު ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅުގެ ސަބަބުން ކަމަށް ސިޔާސީ މައިދާނުގައި ވާހަކަ ފެތުރިފައިވެެއެވެ.
އެމްޑީޕީ ދެބައިވީ "ގޮޑިކޮއްކޮ"ސަރުކާރަށް ނޫނެކޭ ބުނީމަ: މެމްބަރު ސަނީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ