މޮނިކޮން އަމުރަށް އެދޭނީ ކޮމެޓީން ލަފާދޭގޮތަށް، އަމުރު ދަމަހައްޓާނީ ފެންނަ ގޮތަކަށް: އުމަރު

މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހުން މޮނީޓާކޮށް ކޮންޓްރޯލުމުގެ އަމުރު (މޮނިކޮން އަމުރު)ގެ ބާރު ކޮމެޓީއަކާ މަތިކޮށްފައިވުމުން އަމުރު ނެރުމުގައި ކޮމިޓީންދޭ ލަފަޔަށް އަމަލު ކުރައްވާނެ ކަމަށާއި، ނަމަވެސް އަމުރު ދަމަހައްޓައި އެހެނިހެން ކަންތައްތައް ބަލަހައްޓާނީ އަމިއްލަފުޅަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. މޮނިކޮން އަމުރު ނެރުމަށް ކޯޓަށް ހުށަހެޅުމުގެ ބާރު ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަތުން ނަންގަވައި އުމަރުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އިތުރު ދެ ވަޒީރަކާއި ކޮމިޝަނާ އޮފް ޕޮލިސް ހިމެނިވަޑައިގަންނަވާ ކޮމެޓީއަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބާރު މަތިކުރައްވާފަ އެވެ. އެ ދެ މިނިސްޓަރުންނަކީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ. ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ މިހާތަނަށް މޮނިކޮން އަމުރު ނެރުމަށް ހައިކޯޓަށް ހުށަހެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދެމުން އައީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަމަށެވެ. އެއީ ގާނޫނުން ހޯމް މިނިސްޓަރަށް ލިބިގެންވާ ބާރެއް ކަމަށާއި އެބާރު އަދިވެސް އެބައޮތް ކަމަށެވެ. ނަމަވެސް މިއަދު އެކަމަށް ލަފާދޭ ކޮމެޓީއެއް އެކުލަވާލާފައިވުމުން އޭނާ އަމަލުކުރާނީ ކޮމެޓީގެ ލަފާޔާއެއްގޮތަށް ކަމަށް އުމަރު ވިދާޅުވި އެވެ. "ކޮމެޓީންދޭ ލަފަޔާ ޚިލާފަށް އެއްވެސް ކަމެއް އަޅުގަނޑެއް ނުކުރާނަން،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ކެބިނެޓަކީ "ޓީމް ޕްލޭ" އެއް ކަމަށާއި އެ ޓީމުން ވަކި ގޮތެއް ނިންމުމުން، އެއީ އޭނާ އެންމެ ރުހޭ ގޮތް ނޫންކަމުގައިވިޔަސް ޓީމުގެ ނިންމުމަށް އިހްތިރާމްކޮށް އެ ޓީމަކާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. މިއަދު އެގެނައި ބަދަލުގެ ސަބަބުން ގާނޫނުން އޭނާ އަށް ލިބޭ ބާރު ހަނިވީނޫން ކަމަށާއި އެ ބަދަލަކީ "ޗެކް އެންޑް ބެލޭންސް" އަށް ޖާގަ ދޭ ބަދަލެއް ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ