ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް އަބްދުﷲ ޔާމީންގެ ނަން ޖަހާފައި ބެހެއްޓި ހުސްގޮނޑިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ބެހެއްޓި ގޮނޑިއެއް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ލަތީފް މިފަދައިން ވިދާޅުވީ މިރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ހުސްގޮނޑި ދައްކައިގެން ކަމަށް ގިނަ ބަޔަކު ބުނާކަން ފާހަގަކުރައްވާ ލަތީފް ވިދާޅުވީ ހުސްގޮނޑިއަކީ އަބްދުއްރަހީމްއަށް ބެހެއްޓި ގޮނޑިއެއް ކަމަށެވެ. އެއީ މަސައްކަތް ހުންނަ ގޮތުން ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް ގިނަފަހަރު އަބްދުއްރަހީމްއަށް ތަންކޮޅެއް ލަހުން ވަޑައިގެންނެވޭތީ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.
ބަޔަކު "ރަން ބުއްދިވެގެން" އުޅުނު ނަމަވެސް އެއީ ރައީސް ޔާމީންއަށް ބެހެއްޓި ގޮނޑިއެއް ނޫން ކަމަށާއި އަބްދުއްރަހީމްއަށް ބެެހެއްޓި ގޮނޑިއެއް ކަމަށް ލަތީފް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެ ގޮނޑި އަބްދުއްރަހީމް ބޭފުޅަކަށް ހަދިޔާ ކުރެއްވިއްޔާ އެކަން އެގިވަޑައިގަންނަވާނީ އަބްދުރަހީމްއަށް ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމަށް އަބްދުއްރަހީމް ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް މިއަދު އަބްދުއްރަހީމް އަދި ޕީއެންސީގެ މެންބަރުންނާ ދިމާލަށް ރައީސް ޔާމީން "ހިތުހުރި އެއްޗެހި ގޮވަމުންދާ" ކަމަށް ވިދާޅުވެ، އެކަން ހުއްޓާލުމަށް ލަތީފް ވަނީ ގޮވާލައްވާފައެވެ.
ޕީއެންސީއިން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ކަމަށާއި ފަހަތަށް ޖެހިވަޑައިނުގަންނަވާނަން ކަމަށް ވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.
ހުސްގޮނޑިއަކީ އަބްދުއްރަހީމްއަށް ބެހެއްޓި ގޮނޑިއެއް: ލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ