ޓްރަމްޕްގެ ޓެރިފްތަކާއި ގުޅިގެން އޭޝިއާގެ ހިއްސާ މާކެޓްތަށް ދަށަށް

ޓްރަމްޕް ވަނީ ޗައިނާއަށް 10 އިންސައްތައިގެ އަދި ކެނެޑާ އާއި މެކްސިކޯއަށް 25 އިންސައްތައިގެ ޓެރިފްތަކެއް ކަނޑައަޅާފައެވެ. މިއީ އެމެރިކާއަށް ދިމާވެފައިވާ ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަދި ފެންޓަނައިލްގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ ޓްރަމްޕްގެ ސަރުކާރުން އެޅި ފިޔަވަޅެކެވެ. މި ޓެރިފްތައް އަމަލުކުރަން ފަށާނީ މިއަދު އެމެރިކާގެ ގަޑިން މެންދަމު 12:01 ގައެވެ.
މި އިޢުލާނާ ގުޅިގެން ޓޯކިޔޯ ނިކެއި އިންޑެކްސް 2.3 އިންސައްތަ އަދި އޮސްޓްރޭލިއާގެ މާކެޓް 2 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވެއެވެ. ހޮންކޮންގް މާކެޓްވެސް ވަނީ 1.9 އިންސައްތަ ދަށަށް ގޮސްފައެވެ. ޗައިނާގެ މާކެޓްތައް ލޫނަރ ނިއު އިޔަރ ޗުއްޓީގެ ފަހުން ހުޅުވޭނީ ބުދަ ދުވަހުއެވެ. ޔޫރަޕްގެ ސްޓޮކްސް 50 ފިއުޗަރޒް ވަނީ 2.7 އިންސައްތަ ދަށަށް ގޮސްފައެވެ.
ޓްރަމްޕް ނިންމި ޓެރިފް ބޮޑު ކުރުމުގެ ސިޔާސަތާއި ގުޅިގެން ކެނެޑާ އާއި މެކްސިކޯއިން ވަނީ ޖަވާބުދާރީވާނެކަމަށް އިންޒާރުދީފައެވެ. އަދި ޗައިނާއިން ވަނީ ޓްރަމްޕްގެ ޓެރިފް ސިޔާސަތު ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ހުށަހަޅާނެކަމަށް ބުނެފައެވެ.
އިގްތިސާދީ މާހިރުންގެ ދިރާސާތަކުން ދައްކާގޮތުގައި މި ޓެރިފްތަކުގެ ސަބަބުން އެމެރިކާގެ އިގްތިސާދީ ދުވެލި 1.5 ޕޮއިންޓް މަޑުޖެހި، ކެނެޑާ އާއި މެކްސިކޯ ރިސެޝަނަކަށް ވެއްޓިދާނެކަމަށް ލަފާކުރެވެއެވެ. ބާކްލޭސް ބޭންކުގެ ސްޓްރެޓެޖިސްޓުން ލަފާކުރާގޮތުގައި މި ޓެރިފްތަކުގެ ސަބަބުން އެސްއެންޑްޕީ 500 އިންޑެކްސްގެ ކުންފުނިތަކުގެ ފައިދާއަށް 2.8 އިންސައްތައިގެ ނޭދެވޭ އަސަރެއް ކުރާނެއެވެ.
މިނިންމުމާއި ގުޅިގެން އެމެރިކާ ޑޮލަރު ވަނީ ޗައިނާގެ ޔުއާނާ އަޅާބަލާއިރު އާ ރެކޯޑަކަށް އަރާފައެވެ. މިއީ އޮފްޝޯ މާރުކޭޓްގައި ޔުއާން އެމެރިކާ ޑޮލަރާ އަޅާބަލާއިރު އެންމެ ދަށް އަގެވެ. މީގެއިތުރުން މެކްސިކޯ ޕެސޯ ވަނީ މާޗް 2022 އިން ފެށިގެން އެންމެ ދަށް އަގަށް ވެއްޓިފައެވެ. ކެނެޑާ ޑޮލަރުވެސް ވަނީ 2003 އިން ފެށިގެން އެންމެ ދަށް އަގަށް ވެއްޓިފައެވެ..
މީގެއިތުރުން، އެމެރިކާގެ އިންފްލޭޝަން މައްޗަށް ހިނގައިދާނެ ކަމުގެ ބިރަށް 2 އަހަރުގެ ޓްރެޜަރީ ބޮންޑް ޔީލްޑް ވަނީ 3.6 ބޭސިސް ޕޮއިންޓް އިތުރުވެފައެވެ. ބިޓްކޮއިންގެ އަގުވެސް ވަނީ 92،997 އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. ނަމަވެސް، ތެލުގެ އަގު ވަނީ މައްޗަށް ގޮސް، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް 1.8 އިންސައްތަ އިތުރުވެ ބެރަލަކަށް 73.81 ޑޮލަރަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ