މިދިޔަ އަހަރު ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު މައްޗަށް

ނިމުނު 2024 ވަނަ އަހަރު، ފަތުރުވެރިކަމުގެ އޮކިއުޕެންސީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު އޮކިއުޕެންސީ ރޭޓު ހުރީ 57.6 އިންސައްތައިގައެވެ. މިދިޔަ އަހަރު ނިމުނުއިރު އޮކިއުޕެންސީ ރޭޓު ވަނީ 59.1 އިންސައްތައަށް އިތުރުވެފައެވެ.
މިދިޔަ އަހަރު އޮކިއުޕެންސީ ރޭޓު އެންމެ ބޮޑަށް މަތިވެފައިވަނީ ރިސޯޓުތަކުގައެވެ. އަދި ސަފާރީތަކުގެ އޮކިއުޕެންސީ ރޭޓުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، 2023 ވަނަ އަހަރު 66.3 އިންސައްތައިގައި ހުރި ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު ނިމުނު އަހަރު ވަނީ 71.2 އިންސައްތައަށް އިތުރުވެފައެވެ.
އަދި 2023 ވަނަ އަހަރު 23.5 އިންސައްތައިގައި ހުރި ސަފާރީތަކުގެ އޮކިއުޕެންސީ ރޭޓު ނިމުނު އަހަރު ވަނީ 26.3 އިންސައްތައަށް އިތުރުވެފައެވެ.
ނަމަވެސް ގެސްޓްހައުސްތަކާއި އަދި ހޮޓެލްތަކުގެ އޮކިއުޕަންސީ ރޭޓް ވަނީ ދަށަށް ގޮސްފައެވެ. ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް 2023 ވަނަ އަހަރު 42.7 އިންސައްތައިގައި ހުރިއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 35 އިންސައްތައަށް ދަށްވެފައެވެ.
ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ބާޒާރަށް މުޅިން އަލަށް 1500އަށް ވުރެ ގިނަ އެނދު ނެރެފައިވެއެވެ. އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ އަދަދުތަކަށް ބަލާއިރު، 172 ރިސޯޓު، 929 ގެސްޓުހައުސް، 155 ސަފާރީ، 15 ހޮޓާ ހިމެނޭހެން ޖުމްލަ 1271 ޓޫރިސްޓު ފެސިލިޓީއެއް މިހާރު ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ބެޑު ކެޕޭސިޓީއަކީ 63،248 އެނދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ