މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއް ބަލައި، ހަތް މީހަކު ބެލުމުގެ ދަށަށް
މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދިޔަ އިމާރާތެއް އިއްޔެ އިމިގްރޭޝަނުން ބަލައި، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އިމާރާތް ބަލައި ފާސްކުރީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރުމަށް ހުޅުވާފައިވާ އޮންލައިން ޕޯޓަލް 'އިމިގްރޭޝަން ވޮޗް'އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އިމިގްރޭޝަނުން އެ ރެއިޑް އޮޕަރޭޝަންގެ ވީޑިއޯއެއް ހިއްސާކޮށްފައިވާއިރު، އެ މީހުން ދިރިއުޅެމުންދިޔަ އިމާރާތް ހުންނަނީ ހީނާމާގޭ ޕާކިން ސަރަހައްދު ކައިރީގައެވެ. މީގެ ކުރިން އިމިގްރޭޝަނުންވަނީ، ހީނާމާގެ ޕާކިން ސަރަހައްދަކީ ބިދޭސީންގެ ކޮންޓްރޯލް ވަރަށް ބޮޑަށް އޮންނަ ސަރަހައްދެއް ކަމަށް ބުނެ އާންމުންގެ ފަރާތުން އަބަދުވެސް ޝަކުވާތައް ލިބޭ ކަމަށް ބުނެފައެވެ. އެހެންވެ، މީގެ ކުރިން ވެސް އެ ސަރަހައްދުގައި އިމިގްރޭޝަނުން ޚާއްސަ އޮޕަރޭޝަންތައް ހިންގައިފައިވެއެވެ. ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިސްނަގައިގެން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ހަރަކާތެއް އަންނަނީ ހިންގަމުންނެވެ. މި ހަރަކާތުގެ ތެރެއިން ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މާލޭގައި ތިބި ބިދޭސީންގެ މައުލޫމާތު އަދާހަމަކުރުމަށް ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކަށް އެ މިނިސްޓްރީއިން ވަނީ ދޮޅުމަހުގެ މުއްދަތެއް ދީފައެވެ. https://sun.mv/202108 ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށައިފައެވެ. އެ މަސައްކަތުގެ ތެރެއިން އިމިގްރޭޝަނުން އަންނަނީ، މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ