ރެލިގޭޓްވެފައި އޮތް ސައުތެމްޓަނުން ސިޓީ ހިފަހައްޓައިފި ރެލިގޭޓްވެފައި އޮތް ސައުތެމްޓަނުން ސިޓީ ހިފަހައްޓައިފި

ސައުތެމްޓަން (މެއި 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރެލިގޭޓްވެފައި އޮތް ސައުތެމްޓަނުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުކޮށްފި އެވެ.
މި ނަތީޖާއާ އެކު، ލީގުގެ ދެ ވަނަ އަށް އަރަން ސިޓީން ކުރާ މަސައްކަތުގެ އުންމީދަށް ވަނީ ފަނޑުކަމެއް އަތުވެފަ އެވެ. ލީގުގެ ދެ ވަަނައިގައި އޮތް އާސެނަލަށް 35 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެ ޓީމުން ކުޅޭ މެޗުގައި ބައްދަލުކުރާނީ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލިވަޕޫލާ އެވެ.
ރޭގެ ނަތީޖާއާ އެކު، ސިޓީން ތިން ވަނައިގައި އޮތީ 36 މެޗުން 65 ޕޮއިންޓާ އެކު އެވެ. ލީގުގެ ހަތަރެެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ފަސް ވަނައިގައި އޮތް ޗެލްސީ މިއަދު ބައްދަލުކުރާއިރު، މި ދެ ޓީމަށް ވެސް ވަނީ 35 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތީ ރޭ ބޯންމައުތު އަތުން 1-0 އިން މޮޅުވި އެސްޓަން ވިލާ އެވެ. ވިލާ ވަނީ 36 މެޗު ކުޅެފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ފަސް ޓީމަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެ އެވެ.
ރޭގެ މެޗުގައި ސިޓީން ފޮނުވާލި ގިނަ ހަމަލާތަކެއް ސައުތެމްޓަންގެ ގޯލު ބެލެހެއްޓި އާރޮން ރަމްސްޑޭލް ވަނީ މަތަކޮށްފަ އެވެ. އެ ގޮތުން، ސިޓީގެ ރުބެން ޑިއާސް އާއި އޮމަރު މާމޫޝް ޖެހި ބޯޅަތަކުގެ ހުރަހަކަށްވީ ކީޕަރު ރަމްސްޑޭލް އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މިއީ އޭނާގެ ޓީމު ޖުމްލަކޮށް ބަލާއިރު، ކުރަން ޖެހޭ ގިނަ ކަންކަން ރަނގަޅަށް ކުރި މެޗެއް ކަމަށާއި އެކަމަކު، ނަތީޖާނެރެން އެންމެ މުހިންމު ކަމަކީ ގޯލު ޖެހުން ކަމަށްވާއިރު، އެކަން ހާސިލްކުރުމުގައި މުޅި ސީޒަނުގައި ވެސް ދިމާވި މައްސަލަތައް ތަކުރާރުވި ދުވަހެއް ކަމަށެވެ.
ލީގުގެ ފުލުގައި އޮތް ސައުތެމްޓަން އަށް ރޭގެ ޕޮއިންޓާ އެކު، 36 މެޗު ކުޅެގެން ހަަމަކުރެވުނީ 12 ޕޮއިންޓެވެ. މި ނަތީޖާއާ އެކު، ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ މަދުން ޕޮއިންޓް ހޯދައިގެން ރެލިގޭޓްވި ޑާބީ ކައުންޓީ އަށް ވުރެ ސައުތެމްޓަނުން ރެކޯޑް ރަނގަޅުކުރީ އެވެ. ޕްރިމިއާ ލީގުން 2007/2008 ސީޒަނުގައި ޑާބީ ރެލިގޭޓްވިއިރު، ލިބުނީ 11 ޕޮއިންޓެވެ. ސައުތެމްޓަނުން މި ސީޒަނުގައި ދެ ކޯޗުން މަގާމުން ވަކިކުރިއިރު، 12 ޕޮއިންޓް މި ވަނީ ހަމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ