މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ރައީސް މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ މެމްބަރުން އެކަމާ ގުޅުންހުރި ތަންތަނަށް ގޮސް، ގުޅުންހުރި މީހުންގެ ބަޔާން ނަގަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޔުމްނު، 21، ވެއްޓުނު މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ސުވާލު އުފެދިފައިވަނިކޮށް އެ މައްސަލަ ތަހުގީގުކުރަން ރައީސް މުއިއްޒު ރިޔާސީ ކޮމިޝަނެއް ވަނީ އުފައްދަވާފަ އެވެ. 'ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން'ގެ ނަމުގައި އުފެއްދެވި މި ކޮމިޝަންގައި ފަސް މެމްބަރަކު ތިއްބަވަ އެވެ.
"މެންބަރުން ވަނީ މިއަދާ ހަމައަށް، މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި ގުޅުންހުރި އިދާރާތަކުގެ ކަމާ ބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވައި މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން ފައްޓަވާފަ އެވެ،" މާ ބޮޑު ތަފްސީލެއް ދިނުމެއް ނެތި އެ ކޮމިޝަނުން މިއަދު 'އެކްސް'ގައި ބުންޏެވެ.
ތަފްސީލް - ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައި ހުރީ އޭނާ ވެއްޓުނު ގޭގައި އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް އެކަންޏެވެ. އޭނާގެ ބަންދަށް އިތުރު 10 ދުވަސް އިއްޔެ ޖަހާފައިވާއިރު، އިތުރު ހަތް މީހެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.
ހާދިސާ ހިނގި ހ. ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން ޔުމްނު ވަނީ އެ ރޭ، މއ. މާންދޫގެދެކުނުގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ގޮސްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގޭގެ ނަން ފުރަތަމަ ފުލުހުން ހާމަނުކުރުމާއި ޕާޓީގައި ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅު ހެދި ކަމަށް ބުނެ އިތުރު ފިޔަވަޅެއް ވެސް ފުލުހުން އަޅާފައިނުވުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ.
ގުޅުންހުރި - އާންމުންނަށް އެ މައްސަލައާ ގުޅުންހުރި މައުލޫމާތާއި ޝަކުވާ ހިއްސާކުރެވޭ ޕޯޓަލެއް އެ ކޮމިޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިފްތިތާހުކޮށްފަ އެވެ.
އެނގުން މުހިންމު - ޔުމްނުގެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުމާ އެކު، އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ މި ކޮމިޝަަނަކީ މަސައްކަތް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ގޮތަށް އުފައްދާފައިވާ ކޮމިޝަނެކެވެ.
އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކަކުގެ ތެރޭގައި ހިމެނެނީ:
ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމާއި ތަހުގީގުތަކަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީ ހޯދުން
މަސައްކަތްތަކާއި ތަހުގީގުތަކުގައި އެހީތެރިވާން ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތައް ގެނައުމާއި ހަބީރުންގެ އެހީތެރިކަން ހޯދުން
މަސްއޫލިއްޔަތު އަދާކުރުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން
ހާޒިރުކުރަން ޖެހޭ ކަމަށް އެ ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކޮށް، ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހޯދައި އެފަދަ ތަކެތި ހުށަހަޅަން އެކި ފަރާތްތަކަށް އެންގުން
ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭ ގޮތުން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ އެ ތަހުގީގަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ އަތުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުން
ކޮމިޝަނުން ޔުމްނުއާ ގުޅުންހުރި ތަންތަނަށް ގޮސް، މީހުންގެ ބަޔާން ނަގަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ