އީރާނުން އިސްރާއީލަށް ހަމަލާދިނީ އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލުން
ޓެލްއަވީވު (15 ޖޫން 2025): އީރާނުން އިސްރާއީލަށް ރޭ ފަތިހު ދިން ހަމަލާތަކުގައި އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށާއި އަދި އިތުރު ހަތަރު ޓައުންއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބަޔަކު މަރުވެފައިވަނީ އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލްތައް އީރާނުން ބޭނުންކުރުމުގެ ސަބަބުން ކަމަށް އީރާނުގެ ކޮމާންޑަރަކު ވިދާޅުވެއްޖެއެވެ. އީރާނުގެ އަސްކަރީ ކޮމާންޑަރެއްކަމަށްވާ އަކްބަރު މުހާޖިރީއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އީރާނުން އިސްރާއީލުގެ ވައިގެ ދިފާއުގެ ފަސް ނިޒާމު ފޫއަޅުވާލީ އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލްތައް ބޭނުންކޮށްގެންނެވެ. އިސްރާއީލަށް މިހާ ބޮޑު މާއްދީ ގެއްލުންތަކެއް ލިބުނީ އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލްތަކުގައި އީރާނުން ހަރުކޮށްފައިވާ ވޯހެޑްތައް ވެސް ބޮޑުކަމުންނެވެ. އެއިން ކޮންމެ ވޯހެޑެއްގައި 2.5 ޓަނުގެ ގޮވާތަކެތި ހުންނާނެކަމަށް އީރާނުގެ ކޮމާންޑަރު މުހާޖިރީ ވިދާޅުވެފައިވެއެވެ. އީރާނުގެ ހައިޕާސޮނިކް މިސައިލް ކަމަށްވާ ފައްތާހު އިސްރާއީލުގައި ހުންނަ ވައިގެ ދިފާއީ ނިޒާމުތަކުގެ ތެރެއިން އެންމެ މޮޅު އަދި އެންމެ ސޮފިސްޓިކޭޓެޑް ނިޒާމުން ފޮނުވާލާ އެންޓި މިސައިލް ރޮކެޓްތަކުގެ ބާރު މިނަކީ 13 މާޚްއެވެ. އެއީ އަޑަށްވުރެ 13 ގުނަ ބާރުމިނަށް ދަތުރުކުރުމެވެ. އީރާނުގެ މިސައިލްތައް ދަތުރުކުރީ އަޑަށްވުރެ 16 ގުނަ ބާރަށެވެ. ވައްޓާނުލެވުނީ އެހެންވެއެވެ. އެމެރިކާގެ ޒަމާނީ ހަތިޔާރު އިސްރާއީލަށް ލިބިފައިވީ ނަމަވެސް އިސްރާއީލަކީ އީރާނާ އަޅާބަލާއިރު އިންތިހާއަށް ކުޑަ ގައުމެކެވެ. އެހެންކަމުން އިސްރާއީލުގެ އިމާރާތްތަކަށް ލިބޭ ގެއްލުންތައް ވަރަށް ފަސޭހައިން ފެނެއެވެ. ދެ ރޭ މަތިން އީރާނުން އިސްރާއީލަށް ދިން ބާރުގަދަ މިސައިލްތަކުގެ ތެރެއިން ބައެއް މިސައިލްތައް ވައްޓާލެވުނު ނަމަވެސް ގިނަ މިސައިލްތައް ވައްޓާލުމުގައި އިސްރާއީލުގެ ވައިގެ ދިފާއީ ފަސް ނިޒާމުވަނީ ނާކާމިޔާބުވެފައެވެ. ދުނިޔޭގެ އެންމެ ސޮފިސްޓިކޭޓެޑް ވައިގެ ދިފާއީ ނިޒާމުތައް ހުރީ އިސްރާއީލުގައެވެ. އިސްރާއީލުގައި އެމެރިކާގެ އެންމެ އެޑްވާންސް ދެ ބާވަތެއްގެ ވައިގެ ދިފާއީ ނިޒާމާއި އެމެރިކާގެ އެހީގައި އިސްރާއީލު އުފައްދާފައިވާ ތިން ބާވަތެއްގެ ދިފާއީ ނިޒާމާ އެކު ފަސް ބާވަތުގެ ދިފާއީ ނިޒާމުތައް އެބަހުއްޓެވެ. އީރާން އަމިއްލައަށް އުފައްދާފައިވާ ހައިޕާ ސޮނިކް މިސައިލްތައްވަނީ އެ ފަސް ނިޒާމު ފޫ އަޅުވާލާފައި އޭގެ އަމާޒަށް ވާސިލުވެފައެވެ. ރޭ އީރާނުން ދިން މިސައިލް ހަމަލާތަކުގައި އެކަނި ވެސް އިސްރާއީލުގެ ނުވަ މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. މީގެ އިތުރުން، އީރާނުގެ ހައިޕާ ސޮނިކް މިސައިލެއް އެރި ދެ އިމާރާތެއްގެ ދަށުގައި 35 މީހަކު ތާށިވެފައިވާއިރު އެ ދެ އިމާރާތުގެ ކޮންކްރީޓްތަކުގެ ދަށުން އަދިވެސް އެ މީހުން ސަލާމަތްނުކުރެވޭ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާއާރެޓްސް ބުނެއެވެ. މިއީ އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ ރައްޔިތުން އުޅެންޖެހިފައިވާ ހާލަތެވެ. އެ ހާލަތު މިހާރު މިވަނީ އިސްރާއީލު މީހުން ވެސް ތަހައްމަލުކުރަން ޖެހިފައެވެ. އިސްރާއީލުން އީރާނަށް ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ހަމަލާތައް ދިން ނަމަވެސް އީރާނުން މައިގަނޑު ގޮތެއްގައި ގަދަފަދަ ހަމަލާތައް އިސްރާއީލަށް ދެނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ރޭ ފަތިހު އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކަކީ ކުރީ ރޭ އީރާނުން ދިން މިސައިލް ހަމަލާތަކަށް ވުރެ ވެސް ބާރުގަދަ ހަމަލާތަކެކެވެ. އީރާނުގެ ގިނަ އަދަދެއްގެ މިސައިލް ވެރިރަށް ޓެލްއަވީވްގެ އިތުރުން ބެޓްޔަމް ސިޓީ އަދި ޔަފްހޫތު ސިޓީގެ ބައެއް އިމާރާތްތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އީރާންގެ ހަމަލާތަކުގައި ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އިއްޔެ ރޭން ފެށިގެން ކުރިއަށްދިޔަ ނަމަވެސް އިއްޔެ ރޭގެ ހަމަލާތަކުގައި ގެއްލިފައިވާ ފަސް މީހުންނާއި ރޭގެ ހަމަލާތަކުގައި ގެއްލިފައިވާ 35 މީހުންނާ އެކު 40 ވަރަކަށް މީހުން އިމާރާތްތަކުގެ ދަށުގައި ގެއްލިފައިވާ ކަމަށް އިސްރާއީލުގެ ސިވިލް ޑިފެންސްއާ ހަވާލާދީ ހާއާރެޓްސް ބުނެއެވެ. އީރާނުގެ މިސައިލުން އިސްރާއީލަށް ލިބިފައިވާ ގެއްލުން އެނޫސް ބުނާގޮތުން އިސްރާއީލުގެ އެތަށް މިލިއަން ބަޔަކު އަދިވެސް ތިބިކަމަށްވަނީ ބަންކަރުތަކުގައެވެ. އިސްރާއީލުގެ ގިނަ ސަރަހައްދުތަކުގައިވަނީ ވިޔަފާރިތަކާއި ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ވެސް ބަންދުކޮށްފައެވެ. އަދި ހުރިހާ އެއާޕޯޓްތަކެއްވެސް ވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައެވެ. އިސްރާއީލުގެ ސިވިލް ޑިފެންސް ބުނާގޮތުން ޓެލްއަވީވް އަދި ބެޓްޔަމް އަދި ޔަފްހޫތު ސިޓީއަށް އީރާނުން ދިން މިސައިލް ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކުވަނީ ޒަޚަމުވެފައެވެ. މީގެ އިތުރުން، އީރާނުން ދިން ޑްރޯން ހަމަލާތަކެއްގައި އިސްރާއީލުގެ ހައިފާގައިވާ ތެޔޮ ކާރުޚާނާއެއްގައި އަލިފާން ރޯވެ ގްރޭޓާ ތެލްއަވީވް ސަރަހައްދުގެ ކަރަންޓު ވިއުގަތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެ ކާރުޚާނާއަށް ދިން މިސައިލް ޙަމަލާގެ ސަބަބުން ވައިގެ ތެރެއަށް ވިހަ މާއްދާތައް ބޭރުވަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އީރާނުގެ މިސައިލެއްވަނީ އިސްރާއީލުގެ ހައިފާގައި ހުންނަ އެމޯނިޔާ ޓޭންކުތަކަކަށް ވެސް އަރާފައެވެ. އީރާން މަސައްކަތް ކުރަމުން ގެންދަނީ އެއްވެސް ހައްގަކާނުލައި އިސްރާއީލުން އިސްވެ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ބަދަލުހިފުމަށެވެ. އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ 100 އަށް ވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. އަދި، އީރާނުގެ ނިއުކްލިޔާ ސައެންސްވެރިންގެ ހަ ބޭފުޅަކާއި އަސްކަރީ އިސްކޮމާންޑަރުންގެ ފަސް ބޭފުޅަކުވެސްވަނީ ޝަހީދުކޮށްލާފައެވެ. އިސްރާއީލުވަނީ އީރާނުގެ ގޭސް މަރުކަޒަކަށާއި ހަތަރު ނިއުކްލިޔާ މަރުކަޒަށާއި އަސްކަރީ އެތައް ބޭސްތަކަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ