މަހާޒާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފިއެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު އަދި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ، އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ. އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ މަޖިލިސް މެންބަރުން، އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ. ސަސްޕެންޝަންގައި ހުންނެވި ހުސްނުއްސުއޫދު ވަނީ މާޗު މަހުގެ ހަތަރުވަނަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ. https://sun.mv/203289 މި މައްސަލައިގައި އަޒްމިރަލްދާއާ ގުޅޭގޮތުން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މިދިޔަ މަހުގެ 17ވަނަ ދުވަހު ތަހުގީގު ނިންމައި، ޖަވާބުދާރީވުމަށް ފަނޑިޔާރަށް ފުރުސަތު ދިނުމަށް ފޮނުވި ރިޕޯޓުގައި ވަނީ، އެ ކޮމިޝަނުން އަޒްމިރަލްދާގެ މައްޗަށް ތުހުމަތު ކުރަނީ އޭނާ، އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ގުޅައި ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެއް ކަމަށެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ވެސް ޖޭއެސްސީން ތުހުމަތު ކުރެއެވެ. ކޮމިޓީން ނިންމާފައި ވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން ފެންނަކަމަށެވެ. ނަމަވެސް، މި ނިންމުން ނިންމާފައި ވަނީ ކޮމިޓީން ތުހުމަތު ބަދަލު ކުރުމަށް ފަހުކަން "ސަން"އަށް ވަނީ އެނގިފައެވެ. https://sun.mv/205271 އެއާއެކު އަޒްމިރަލްދާގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ޝަމީލް މީގެ ކުރިން ވާހަކަދައްކަވަމުން ވިދާޅުވީ ކޮމިޓީން މައްސަލަ ބަލައި ނިންމީ ހަގީގަތަ ޚިލާފަށް ކަމަށެވެ. އަދި، ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީގައި ރައީސް އައްޔަންކުރައްވާ ދެ ބޭފުޅުން ތިއްބަވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފަނޑިޔާރުގެ މައްސަލަ ބަލާ ކޮމިޓީގައި ތިއްބެވި ތިން މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ސީދާ ރައީސް އައްޔަނުކުރައްވާ ދެބޭފުޅުން ކަމަށް ވިދާޅުވިއެވެ. އެ ކަންކަމާ އެކުގައި ވެސް ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓާ އެއްގޮތަށް މިއަދު އޮތް ޖޭއެސްސީގެ މެންބަރުންގެ ޖަލްސާގައޮ ފާސްކޮށްފައި ވަނީ ދެ ފަނޑިޔާރުން ވަކިކުރުމަށެވެ. އެއާއެކު ދެން މި މައްސަލަ ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. މަޖިލީހަށް ފޮނުވުމުން، އެ މައްސަލަ ބެލީ އިޖުރާއަތުތަކާ އެއްގޮތަށްތޯ ޖުޑީޝަރީ ކޮމިޓީން ޔަގީންކުރާނެއެވެ، ފަނޑިޔާރަކު ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން، ވަކިކުރަން ފާސްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ