މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ސްޓޭބަލް ކަމަށާއި ނަމަވެސް އޭނާ އަދިވެސް އޮތީ ޝޮކެއްގެ ތެރޭގައި ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޔުމްނުއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި 10 ދުވަހު ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ މިދިޔަ މަހު 26ގަ އެވެ.
އޭނާ މިހާރު ހޭއަރާފައިވާ ކަމަށް، ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން 'އެކްސް'ގައި ވަނީ މިރޭ ޕޯސްޓްކޮށްފަ އެވެ.
ތަފްސީލް - މުއުމިން ބުނި ގޮތުގައި، ޔުމްނުއަދި އަދިވެސް ފަރުވާދެމުންދަނީ އައިސީޔޫގަ އެވެ. ހާލަތު ކުރިއަށް ވުރެ ރަނގަޅު ކަމަށާއި އެހެންވިއަސް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ފީޑިން ޓިއުބް ވެސް ނަގައި މިހާރު ހިމޫންކޮށްގެން ކާތަކެތި ކެވޭ ކަމަށް ވެސް މުއުމިން ބުންޏެވެ.
އަންނަ ބުރާސްފަތި ދުވަހު ވެސް ސާޖަރީއެއް ކުރަން ޖެހިފައިވާ ކަމަށް ވެސް މުއުމިން ބުންޏެވެ. އެއީ އުނަގަނޑާއި ކަނދުރާގެ ބައިތަކުގެ ސާޖަރީއެކެވެ.
އެނގުން މުހިއްމު - ޔުމްނު ވެއްޓުނު އިރު، ހ. ފެންޓެނޯއީގޭގައި ޔުމްނުއާ އެކު އުޅުނީ ރައުދު އަހުމަދު ޒިލާލް، 21، އެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް ނެރުނު އަމުރުން އެނގުނު ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. ރައުދު ވަނީ މަސްތުވާތަކެތީ ބާވަތެއް ކަމަށްވާ، ކެނަބިސްއަށް ޕޮޒިޓިވް ވެފަ އެވެ.
އަދި އެ ރޭ ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެ ވެސް މީހަކު ކައިރީ ބުނިކަން ވެސް ކޯޓު އަމުރުން އެނގުނެވެ.
ފާހަގަކޮށްލެވޭ - ހާދިސާ ހިނގި ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން ޔުމްނު ވަނީ އެ ރޭ، މއ. މާންދޫގެދެކުނުގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ގޮސްފަ އެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގޭގެ ނަން ފުރަތަމަ ފުލުހުން ހާމަނުކުރުމާއި ޕާޓީގައި ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅު ހެދި ކަމަށް ބުނެ އިތުރު ފިޔަވަޅެއް ވެސް ފުލުހުން އަޅާފައިނުވުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ.
ކޮންމެ ރެއަކުހެން ސިލްސިލާކޮށް ޒުވާނުން ދަނީ ހެންވޭރު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ކުރިމައްޗަށް ނުކުމެ ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.
ޔުމްނު ސްޓޭބަލް، އެކަމަކު އަދިވެސް ޝޮކެއްގައި: އާއިލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ