އެހީއަށް އެދި ހިއްސާކުރި މައުލޫމާތު ވަގަށް ނަގައި، ސްކޭމް ކުރާ މައްސަލައެއް

ޕީއެސްއެމްގެ ކުރީގެ އެމްޑީ އަދި ޒީޓައިމްސްގެ ޗީފް އެޑިޓަރު ޒީނާ ޒާހިރު ލިޔުއްވާފައިވާ އެހީގެ ރިޕޯޓެއް ފޭސްބުކްގައި ހިއްސާކޮށް، ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އެދިއްޖެއެވެ. ފޭސްބުކްގައި ދައުރުކުރަމުންދަނީ އދ. ހަންޏާމީދޫ ވިލާޑިލައިޓް، ތަހުމީނާ މޫސާ (42އ)ގެ ބޭސްފަރުވާއަށް އާންމުންގެ އެހީތެރިކަމަށް އެދި ޒީޓައިމްސްގައި ޝާއިއުކުރި ރިޕޯޓެއްގައިވާ ލިޔުންކޮޅެކެވެ. އޭނާ އެހީއަށް އެދިފައިވަނީ، 2019 ވަނަ އަހަރު ސިކުނޑީގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރި ފަހުން ހާލު ދެރަވުމާ ގުޅިގެންނެވެ. އެ ލިޔުންކޮޅާއެކު ފައިސާ ޖަމާކޮށްދޭން އެދިފައިވަނީ، އެ އާއިލާއިން ހިއްސާކުރި އެކައުންޓު ނޫން އެހެން އެކައުންޓަކަށެވެ. މި ކަން ފުލުހުންނާއި އާންމުންގެ ސަމާލު ކަމަށް ގެންނަވައި، ޒީނާ ފޭސްބުކްގައި ވިދާޅުވެފައިވަނީ، އޭނާ ލިޔުއްވި އެހީގެ ރިޕޯޓެއް ހިއްސާކޮށް، ނުބައި އެކައުންޓް ނަންބަރެއް ޖަހައިގެން އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމަށެވެ. އެގޮތުން އެފަދަ ތަފާތު ތިން ޕޯސްޓެއްގެ ސްކްރީންޝޮޓް އޭނާ ހިއްސާކުރެއްވިއެވެ. ތަހުމީނާއަށް ފައިސާ ފޮނުވައިދޭން އެދި އެ އާއިލާގެ ފަރާތުން ހިއްސާކޮށްފައިވަނީ، އޭނާގެ ކޮއްކޮ، ފާތިމަތު ޝަރަފިއްޔާގެ އެކައުންޓު ނަންބަރެވެ. ޒީޓައިމްސްގައި މިދިޔަ ބުރާސްފަތީގައި ބުނެފައިވަނީ، މި މަސް ފެށުމުގެ ދެ ދުވަހެއް ކުރިން، އާންމުންގެ ފަރާތުން އެހީގެ ގޮތުގައި 151،666 ރުފިޔާ ލިބިފައިވާތީ، އިތުރަށް ފައިސާ ނުފޮނުވުމަށް ތަހުމީނާގެ އާއިލާއިން އެދޭ ކަމަށެވެ. އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިނުވެއެވެ. https://sun.mv/204615 އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ރާއްޖޭގައި ވެސް މިހާރު ވަރަށް ގިނައެވެ. ފުލުހުން މިދިޔަ މަހު ހިއްސާ ކުރި މައުލޫމާތުގައިވާ ގޮތުން މި އަހަރު އެކަނި ވެސް ސްކޭމްތަކުން އަތުލައިފައިވާ ތިން ލައްކައެއްހައި ރުފިޔާ، ފުލުހުން ހޯދައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ