އެހެންމީހުންނަށްވުރެ ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގަ މަތިވެރިވެލަން ބޭނުން ހެއްޔެވެ؟

ދުނިޔޭގައި ތިމާގެ ދަރަޖަ ކިތަންމެ ބޮޑަށް އުފުލުނު ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ އުފުލިގެން ނުދާނަމަ އެކަމުން ކުރާނެ ޙަޤީޤީ ފައިދާއެއް ނެތެވެ. ވީމާ އަޑުއަހާށެވެ!
އަނެކާއަށްވުރެ ތިމާގެ އަތުގައި ފައިސާގިނަވެ ތަނަވަސްވެލުމަކުން ކުރާނެ ޙަޤީޤީ ފައިދާއެއް ނެތެވެ. ނަމަވެސް ގިނަބައަކަށްވުރެ ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކުރައްވަވައި ދެއްވެވުން އެދިގެން ކުރަންވީ ޢަމަލު ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ! 
9﴾ أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ ۗ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ 
"ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދައިގައްޔާއި، ޤިޔާމްގައި މަޑުމޮޅިވެ، އާޅިރަތްދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަހްމަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞީޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހްލުވެރިންނެވެ."
(އައްޒުމަރު: 9) 
އޭނާގެ އަތުގައި ފައިސާގިނަވެފައި އޭނާގެ ތަނަވަސްކަން މާބޮޑުކަމަށްވެދާނެއެވެ! އެހެނަސް އޭނާއަކީ ރޭ އަޅުކަންކުރާ މީހަކު ކަމުގައި ނުވާނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި އޭނާއަށް އޮތީ ކޮން ދަރަޖައެއް ހެއްޔެވެ؟ 
އެންމެ ތަނަވަސްކަން ބޮޑު މީހަކީ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންވާ މީހާއެވެ. ވީމާ ތިމާގެ ދަރަޖަ އުފުލިގެންވުމަށް އެދޭމީހާ ރޭއަޅުކަންކުރަން ކަންނެތް ނުވާށެވެ! އެކަމަށް ހީވާގިވެލާށެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ