ސައުދީއަށް 142 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން ނިންމައިފި

ގާތްގަނޑަކަށް 142 ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީ އަރަބިއްޔާއަށް ވިއްކުމަށް އެމެރިކާ އިން އިއްޔެ އެއްބަސްވެއްޖެ އެވެ. މިއީ މިހާތަނަށް އެމެރިކާއިން ގައުމަކަށް ވިއްކާ އެންމެ ގިނަ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީގެ ވެރިރަށް ރިޔާޒަށް ކުރެއްވި އިއްޔެ ކުރެއްވި ދަތުރުފުޅުގަ އެވެ.
ޓްރަމްޕުގެ ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި، ވައިގެ އަދި މިސައިލު ޑިފެންސް އާއި ވައިގެ އަސްކަރިއްޔާ އާއި ޖައްވުގެ ކުރިއެރުންތަކާއި މެރިޓައިމް ސެކިއުރިޓީ އާއި މުއާސަލާތީ ދާއިރާއިން އެމެރިކާގެ ބާރައަށް ވުރެ ގިނަ ދިފާއީ ކުންފުނި ހިމެނޭ ކަމަށް ވައިޓް ހައުސްގެ ފެކްޓްޝީޓްގައިވެ އެވެ.
"އެމެރިކާގެ ތާރީހުގައި ވެސް މިއީ އެންމެ ބޮޑު ދިފާއީ އެއްބާރުލުން ދިނުމުގެ އެއްބަސްވުން. ދެ ފަރާތުގެ ގުޅުން އަދި ޕާޓްނާޝިޕް އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ކުރާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް،" ފެކްޓްޝީޓްގައިވެ އެވެ.
އެމެރިކާގެ ހަތިޔާރު އެންމެ ގިނައިން ގަންނަ ގައުމަކީ ސައުދީ އެވެ. ޓްރަމްޕް ވަނީ 2017 ވަނަ އަހަރު ސައުދީއަށް ގާތްގަނޑަކަށް 110 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ލަފާ ދެއްވައިފަ އެވެ.
މީގެ ހަތް އަހަރު ކުރިން، 2018 ވަނަ އަހަރާ ހަމައަށް ސައުދީއަށް ވިއްކަން ކަނޑައަޅާފައި އޮތީ 14.5 ބިލިއަން ޑޮލަރުގެ ހަތިޔާރެވެ. އަދި ސައުދި އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީ މަރާލުމާ ގުޅިގެން ކޮންގްރެސްއިން ވަނީ އެ އެއްބަސްވުންތައް ދިރާސާކުރަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ