އަމިއްލަ ގޭގަވިޔަސް އެހެންތަނެއްގަ ވިޔަސް ހިލޭ ފިރިހެނުންނާ އެކަހެރިވާން ފުރުޞަތުދޭނަމަ އެއީ ތިބާދެކެ ލޯބިވާ މީހެއް ނޫން!

ލޯބިވެގެން އުޅޭއިރުގައިވެސް އަދި ކައިވެންޏަށްފަހުގައިވެސް އަމިއްލަ ގޭގައިކަމަށްވީނަމަވެސް އަދި  އެހެންތަނެއްގަ ވިޔަސް ހިލޭ ފިރިހެނުންނާއި އެކަހެރިވާން ފުރުޞަތުދޭނަމަ އެއީ ތިބާދެކެ ލޯބިވާ މީހެއް ނޫނެވެ. ތިބާ ދެކެ ޙަޤީޤީ ލޯބިވާ މީހަކު އެގޮތަކަށް އެކަމެއް ނުކުރާނެއެވެ.  
މިހެން ބުނީމާ އެންމެ ގާތް އެކުވެރިންނަށްވެސް އިތުބާރުކުރަން ނުވާނީތޯ ނޫނީ އަނބިމީހާއަށް އިތުރުބާރު ކުރަން ނުވާނީތޯ ސުވާލުކުރެއެވެ. އެމީހުންނަށް ދޭން އޮތް ޖަވާބަކީ އެއީ އިތުބާރު ނުކުރާތީއެއް ނޫނެވެ. ނަމަވެސް އިތުބާރުކުރެވޭނީ މީހުންނަށެވެ. ޝައިޠޮނާއަށް އިތުބާރުކޮށްފިނަމަ އޮންނާނީ ލަނޑު ލިބިފައެވެ.  
އަހުރެންގެ ގާތަށް ކައުންސިލިންގ ހޯދަން އަންނަ ގިނަ ބައެއްގެ ކިބައިން އެނގެނީ އެމީހުންނަށް ހިލޭ މީހުންނާއިއެކު ގުޅުން ހިންގެނީ ކޮންމެހެން އެކަންކުރަން ބޭނުންވެގެން ނޫންކަމާއި ޝައިޠޯނާގެ ބަހަށް ހެއްލެވެނީ ކަމެވެ. އެހިސާބުން ކަންކަން އަމިއްލަ ކޮންޓްރޯލުން ނެއްޓިގެންދަނީ ކަމެވެ. އެގޮތަށް އެކަން މެދުވެރިވުމުން ގުޅުން ހިންގުމުގެ ޚިޔާލު ކުރިން އެއްވެސް ވަރަކަށް ނުކުރެވޭ މީހުންނާއިވެސް ގުޅުން ހިންގޭ ކަމެވެ.  
މިގޮތަށް އެކަން މެދުވެރިވާ ސަބަބަކީ ދެމީހުން އެކަހެރިވުމުގެ ފުރުޞަތު ލިބޭކަމެވެ. އަންހެނަކާއި ފިރިހެނަކު އެކަނި ބައްދަލުވާނަމަ އެތަނުގައި ޝައިޠޯނާ ނެތިނުދާނެއެވެ. އެޙާލަތުގައި ދެމީހުން ލައްވައި ކޮންމެވެސް ގޯހެއް ހައްދުވަން ޝައިޠޯނާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ. ނަތީޖާއަކީ ކުރިން ރާވާފައި ނެތަސް ކުއްލިއަކަށް ޚިޔާލުތައް އައިސް ބޮޑެތި ގޯސްތައް ހެދޭކަމެވެ.   
ކޮންމެއަކސް ދީނީ ގޮތުން އެނގެން އޮތް ކުރިން މިބުނި ޙަޤީޤަތާއި އަދި އެޙަޤީޤަތުގެ ޝިކާރައކަށްވާ މީހުންގެ ވާހަކަތަކަށް ބަލައި ބުނަން އޮތީ އަނބިމީހާ ރައްކައުތެރިކުރާށެވެ! ކިތަންމެ ގާތް ނަމަވެސް ހިލޭ ފިރިހެނަކާއިއެކު އެކަނިވިޔަނުދޭށެވެ. ދިރިއުޅުން ކާމިޔާބުކުރެވޭނީ އެކަމަސް ސަމާލުކަން ދެވުނު ވަރަކުންކަމަށްވާތީއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ