ސުންނަތް ނަމާދުތަކުގެ ތެރެއިން ޤަޟާކުރެވޭނެ ނަމާދާއި ނުކުރެވޭނެ ނަމާދު-

އަލްއިމާމް ނަވަވީ- ރަޙިމަހު ﷲ- އެކަލޭގެފާނުންގެ "އަލްމަޖްމޫޢޫ" އޭ ކިޔުނު ފޮތުގެ 3/532 ގައި ވިދާޅުވެފައިވެއެވެ. " ސުންނަތް ނަމާދުތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ވަގުތު ކަނޑައެޅިފައިނުވާ ނަމާދުތައް. މިޘާލަކަށް ކޭތަނަމާދު، އިސްތިސްގާ ނަމާދު، ތަޙިއްޔަތުލް މަސްޖިދް ފަދަ ސަބަބެއް މެދުވެރިވެގެން ކުރެވޭނަމާދު ތައް، މިފަދަ ނަމާދު ތަކުގެ ވަގުތު ފާއިތުވެއްޖެނަމަ ގަޟާ އެއް ނުކުރެވޭނެއެވެ.  
ސުންނަތް ނަމާދުގެ ދެވަނަ ވައްތަރަކީ: ވަގުތު ކަނޑައެޅިފައިވާ ނަމާދު ތަކެވެ. މިޘާލަކަށް ޢީދުނަމާދު، ޟުޙާ ނަމާދު، ފަރްޟު ނަމާދުތަކުގެ އިހުގައްޔާއި ފަހުގައި ކުރެވޭ ރަވާތިބު ސުންނަތްތައް، މިފަދަ ނަމާދުތައް ވަގުތު ފާއިތުވުމުން ގަޟާ ކުރުމާއި މެދު ތިންގޮތަކަށް ވާހަކަ ދެކެވިފައިވެއެވެ. އެއީ: 
1.   ގަޟާ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ވިދާޅުވާ ބޭކަލުން. އަލްގާޟީ އަބުއްޠައްޔިބު-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "މިއީ މަޛްހަބުގެ (ޝާފިޢީ މޛްހަބުގެ) އެންމެފަހުގެ ގޮތެވެ.
2.   ގަޟާ ނުކުރެވޭނެކަން، މިއީ ޝާފިޢީން ގެ ކުރީގެ ގައުލެވެ. އަދި ޙަނަފީންގެވެސް ގައުލެވެ.
3.   ޢީދު ނަމާދާއި ޟުޙާ ނަމާދު ފަދަ އެހެންނަމާދަކާއި ނުވަތަ އަޅުކަމަކާއި ގުޅިފައިނުވާ ސުންނަތް ތައް ގަޟާ ކުރެވޭނެކަމަށާއި، އެހެންއަޅުކަމަކާއި ގުޅިފައިވާ ސުންނަތްތައް، މިޘާލަކަށް ރަވާތިބު ސުންނަތްތައް، ގަޟާ ނުކުރެވޭނެކަމަށް ބުނާ ބުނުން.
މީގެ ތެރެއިން އިމާމް ނަވަވީ- ރަޙިމަހު ﷲ - ބުރަވެވަޑައިގަންނަވަނީ ހުރިހާ ސުންނަތް ނަމާދަކީ ވެސް ގަޟާ ކުރެވޭ ނަމާދު ތަކެއް ކަމަށެވެ. 
ސުންނަތް ނަމާދު ގަޟާ ކުރެވޭނެ ކަމުގެ ދަލީލުތައް: 
1.   ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْنَامَعَنْصَلَاةٍأَوْنَسِيَهَافَلْيُصَلِّهَاإِذَاذَكَرَهَا) މާނައަކީ: "ނިދިގެން ނުވަތަ ހަނދާންނެތިގެން ނަމާދެއް ދޫކޮށްލެވިއްޖެމީހާ ހަނދާވިއިރަކުން ކުރާށެވެ"،  
2.   އަބޫ ގަތާދާ-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. (أَنَّالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَفَاتَهُالصُّبْحَفِيْالسَّفَرِحَتَّىطَلَعَتِالشَّمْسُفَتَوَضَّأَثُمَّصَلَّىسَجْدَتَيْنِثُمَّأُقِيْمَتِالصَّلَاةُفَصَلَّىالْغَدَاةَ)   
މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަތިސްނަމާދަށް ހޭފުޅުނުލެއްވި އިރުއަރަންދެއް އެެއް ދުވަހަކު އޮވެވުނެވެ. އެކަލޭގެފާނަށް ހޭފުޅުލެއްވުމުން ތެދުވެވަޑައިގެން ވުޟޫ ކުރައްވާ، ފަތިސް ނަމާދުގެ އިހުސުންނަތް ކުރެއްވިއެވެ. އެއަށްފަހު ފަތިސްނަމާދަށް ގަމަތް ދެވުނެވެ. އަދި ފަތިސްނަމާދު ކުރެއްވިއެވެ".  
3.   އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. (أَنَّالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَصَلَّىرَكْعَتَيْنِبَعْدَالْعَصْرِفَسَأَلَتْهُعَنْذَلِكَفَقَالَ :
(إِنَّهُأَتَانِيْنَاسٌمِّنْعَبْدِالْقَيْسِبِالْإِسْلَامِمِنْقَوْمِهِمْفَشَغَلُوْنِيْعَنْالرَّكْعَتَيْنِاللَّتَيْنِبَعْدَالظُّهْرِفَهُمَاهَاتَانِالرَّكْعَتَانِبَعْدَالْعَصْرِ)
މާނައަކީ: "ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢަޞްރުފަހުން ދެރަކްޢަތް ކުރައްވާތީ ފެނިވަޑައިގެން އުންމު ސަލަމާ ސުވާލުކުރެއްވުމުން ޙަދީޘް ކުރެއްވިއެވެ. "ޢަބްދުގައިސް ގެ ގައުމުގެ މީހުން އިސްލާމްދީނާއިގެން ތިމަންކަލޭގެފާނު ގާތަށް އައުމުން މެންދުރުނަމާދު ފަހުގެ ދެރަކްޢަތަށް މަޝްޣޫލުވެވުނީއެވެ. އެހެންކަމުން ޢަޞްރުފަހުން އެދެރަކްޢަތް ކުރީއެވެ". 
4.   އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
(مَنْلَّمْيُصَلِّرَكْعَتَيْالْفَجْرِحَتَّىتَطْلُعَالشَّمْسُفَلْيُصَلِّهِمَا) މާނައަކީ: "ފަތިހުގެ ސުންނަތުގެ ދެރަކްޢަތް ނުކޮށް ހުއްޓައި އިރުއެރިނަމަވެސް އެދެރަކްޢަތް ކުރާށެވެ".  
5.   އަބޫސަޢީދުލް ޚުދްރީ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْنَامَعَنْوِتْرِهِأَوْنَسِيَهُفَلْيُصَلِّإِذَاذَكَرَهُ) މާނައަކީ: "ނިދިގެން ނުވަތަ ހަނދާން ނެތިގެން ވިތްރި ނުކުރެވިއްޖެނަމަ ހަނދާންވި އިރަކުން ކުރާހުށިކަމެވެ".  
6.   ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. (أنالنبيصلىاللهعليهوسلم كانإذافاتتهالصلاةمنالليلمنوجعأوغيرهصلىمنالنهارثنتيعشرةركعة) މާނައަކީ: "ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާލާސްވެގެން ނުވަތަ އެނޫންވެސް ގޮތަކުން ރޭގަޑުގެ ނަމާދުތައް ނުކުރެވިއްޖެނަމަ، ދުވާލުގަޑީގައި ބާރަ ރަކްޢަތް ކުރައްވައެވެ".
ވީމާ، ސުވާލުގެ ޖަވާބުގެ ޚުލާޞާ އެއްގެ ގޮތުން ދަންނަވަމެވެ. ކައިވެނީގެ ފުރަތަމަ ރޭ ދެމަފިރިން އެކުގައި ދެރަކްޢަތް ނަމާދެއް ކުރުމަކީ ސުންނަތެކެވެ. ކަންދިމާ ކުރި ގޮތުން އެރޭ ނަމާދު ނުކުރެވިއްޖެނަމަ ގަޟާ ކުރުމެއް ނެތެވެ. واللهأعلم. 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  
ޝައިޚް މިމާރުމުން ވިދާޅުވެފައިވަނީ " ކައިވެނީގެ ފުރަތަމަ ރޭ ދެމަފިރިން އެކުގައި ދެރަކްޢަތް ނަމާދެއް ކުރުމަކީ ސުންނަތެއް ނަމަވެސް ޙައިޟުވުން ފަދަ ކަމެއް މެދުވެރިވެގެން އެރޭ ނަމާދު ނުކުރެވިއްޖެނަމަ ގަޟާ ކުރުމާއިބެހޭ ގޮތުން ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ