ލިވަޕޫލް (މެއި 11) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލިވަޕޫލާއި ދެ ވަަނައިގައި އޮތް އާސެނަލް 2-2 އިން އެއްވަރުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.
މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޗެލްސީ ވަނީ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން ބަލިވެފަ އެވެ. އަދި، މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން ބަލިވިއިރު، މިއީ މި ސީޒަނުގައި ޔުނައިޓެޑް ބަލިވި 17 ވަނަ މެެޗެވެ.
ލިވަޕޫލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި، އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގަ އެވެ. އެ ޓީމުން، ލީޑުނެގީ 20 ވަނަ މިނިޓްގައި، ކޯޑީ ގަކްޕޯ ޖެހި ގޯލުންނެވެ. އޭގެ މިނިޓެއް ފަހުން، ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ، ލުއިސް ޑިއާޒް އެވެ. މިއީ، ޑޮމިނިކް ސޮބޯސްލާއި ދިން ބޯޅައަކުން ޑިއާޒް ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި އާސެނަލަށް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުނެވެ. އެކަމަކު، ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ލިބުނު ފުރުސަތުގެ ބޭނުންހިފައި، އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ، ގަބްރިއެލް މާޓިނެލީ އެވެ. މިއީ، ލެއަންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުން މާޓިނެލީ ބޮލުން ޖެހި ގޯލެކެވެ. އާސެނަލުން އެއްވަރުކުރީ، މެޗުގެ 70 ވަނަ މިނިޓްގައި، މިކޭލް މެރީނޯ ޖެހި ގޯލުންނެވެ. މިއީ، އޭރިއާބޭރުން އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް ޖެހި ޝޮޓެއް، ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ އަތުގައި ޖެހިފައި ނުކުތް ވަގުތު މެރީނޯ ޖެހި ގޯލެކެވެ.
އެއްވަރުކުރި ގޯލު ޖެހިތާ 10 މިނިޓް ފަހުން، މެރީނޯ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ހޯދައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އާސެނަލުން ވަނީ ފަހު ވަގުތާ ޖެހެންދެން ލިވަޕޫލް ހުއްޓުވައިފަ އެވެ. އަދި، ކައުންޓަ އެޓޭކުގައި ރަނގަޅު އެޓޭކެއް ވެސް ކުރި އެެވެ. އިތުރު ވަގުތުގައި އޮޑެގާޑް ޖެހި ޝޮޓެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ފަހު ވަގުތު ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ގޯލެއް ޖެހި ނަމަވެސް، ލިވަޕޫލުން ފައުލެއް ކޮށްފައިވާތީވެ، އެ ގޯލު ބަލައިނުގަތެވެ.
ނިއުކާސަލް އިން ސަންޑްރޯ ޓޮނާލީގެ ގޯލުން ލީޑުނަގާފައިވަނިކޮށް، ޗެލްސީގެ ނިކޮލަސް ޖެކްސަން އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ނިއުކާސަލްގެ ސްވެން ބޮޓްމަން އަށް އަތުން ހަމަލާދިނުމުގެ ސަބަބުން ޖެކްސަން އަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދެއްކީ ރަތް ކާޑެކެވެ.
ނިއުކާސަލް މޮޅުވި ލަނޑު މެޗުގެ ފަހު ވަގުތު ޖެހީ، ބްރެޒިލްގެ މިޑްފީލްޑަރު، ބްރޫނޯ ގިމާރޭސް އެވެ.
ޔުނައިޓެޑް ދަނޑުގައި ވެސްޓް ހޭމް މޮޅުކޮށްދިން ލަނޑުތައް ޖެހީ، ތޯމަސް ސޫޝެކް އާއި ޖެރޮޑް ބޮވެން އެވެ. ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި ކްރިސްޓަލް ޕެލަސް މޮޅުވީ އެބްރެޗީ އެޒޭގެ ދެ ލަނޑާ އެކު، 2-0 އިންނެވެ. ލީގުގައި މިރޭ، ރެލިގޭޓްވެފައިވާ ލެސްޓާ ސިޓީން ވަނީ، ނޮޓިންހަމް ފޮރެސްޓް ދަނޑުގައި 2-2 އިން އެއްވަރުކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ، 36 މެޗުން 83 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 36 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއުކާސަލް އަށް 36 މެޗުން ވަނީ 66 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް މެންޗެސްޓާ ސިޓީ އަށް 36 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޗެލްސީ އަށް 36 މެޗުން ވަނީ 63 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް އެސްޓަން ވިލާގެ ވެސް އޮތީ 36 މެޗުން 63 ޕޮއިންޓެވެ.
ލިވަޕޫލާއި އާސެނަލް އެއްވަރު، ޔުނައިޓެޑާއި ޗެލްސީ ބަލިވެއްޖެ ލިވަޕޫލާއި އާސެނަލް އެއްވަރު، ޔުނައިޓެޑާއި ޗެލްސީ ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ