ބަޑިބޭސް ކުޅިވަރާއެކު މިދިޔަ އަހަރު އިފުތިތާހުކުރި ހަންކެޑެ މަޝްރޫއު ނުހިނގާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި ބަޑިބޭސް ކުޅިވަރާއެކު މިދިޔަ އަހަރު އިފުތިތާހުކުރި ހަންކެޑެ މަޝްރޫއު ނުހިނގާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މިދިޔަ ސަރުކާރުގައި ނިންމައި ސޮއިކުރި އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު މަޝްރޫއުގެ އަމަލީ މަސައްކަތް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށްފަހު އިފުތިތާހު ކުރިތާ އަހަރެއް ފާއިތުވިީއިރު، ވެސް މަސައްކަތެއް ނުހިނގާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި އެވެ.
ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ނުހިނގާ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީއަށް ހުށަހެޅީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު އެވެ.
އޭނާ ހުށަހަޅާފައި އޮތީ ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކުރި މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެފްއެމްސީ) ގެ އިސްވެެރިން ކޮމިޓީއަށް ހާޒިރުކޮށް އެ މަސައްކަތް ކުރިއަށް ނުދާ މައްސަލައިގައި ސުވާލު ކުރުމަށެވެ.
ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި 10 ވަނަ އިސްލާހުން ބާރުލިބި ޓޫރިޒަމް އާމްދަނީ އިތުރުކުރުމުގެ ގޮތުން ބިދޭސީންނަށް ގެދޮރު ވިއްކަން ސަރުކާރުން ކުރިޔަށް ގެންދާ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގާ ސަރަހައްދެއްގެ ގޮތުގައި މިދިޔަ ސަރުކާރުން ހަންކެޑެ ކަނޑައެޅީ ޑިސެމްބަރު 2، 2021 ގަ އެވެ.
މާޗު 2023, ގައި ސޮއިކުރި ހަންކެޑެ މަޝްރޫއުގެ ފައިނޭންސިންއަށް ބޭނުންވާ ލޯނު އެއްބަސްވުމުގައި ބޭންކް އޮފް ޗައިނާއާއެކު ސޮއިކޮށްފައިވަނީ ނޮވެމްބަރު 6، 2023 ގަ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ހުރިހާ ކަމެއްހެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އޮތީ ނިމިފަ އެވެ.
ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ސީއެންއީއީސީ އާ ހަވާލުކޮށް ސޮއި ކުރީ މާޗު 30، 2023 ގަ އެވެ. އެ މަޝްރޫއު ހިންގަން ނިންމާފައި އޮތީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށް ބުނެ މިދިޔަ އަހަރުގެ އޭޕްރިލް 15، ގައި ހަވާބަޑިބޭހުގެ ކުޅިވަރާއެކު ކުލަގަދަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.
ނަމަވެސް ހަންކެޑެ މަޝްރޫއުގެ ދަށުން އެތަނުގެ ބިން ސާފު ކުރުން ފިޔަވައި އިތުރު ކަމެއް މިހައިތަނަށް ކޮށްފައެއް ނުވެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެ މަޝްރޫއު ނުފެށި އޮތީ މަޝްރޫއުއަށް ބޭނުންވާ ލޯނު ހަމަ ނުޖެހޭތީ އެވެ. އެކަމާ ގުޅޭގޮތުން މި ނޫހާ އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ފައިސާ ހަމަނުޖެހި އޮތީ، ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ރީފައިނޭންސް ކޮށްދޭން ރާއްޖެއިން އެދިފައިވާތީ އެ ގައުމުގެ ބޭންކުތަކުން މިވަގުތު ލޯނު ހޯދަން ދަތިވުމުން ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ހަންކެޑެގައި 2082 ޓޫރިސްޓު އެކި ފަންތީގެ ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީތަކެއް ގޮތަށް ގާއިމުކުރާނެ އެވެ. އެއީ;
މި މަޝްރޫއުއާއެކު އައްޑޫގައި 1,500 ވަޒީފާ އުފެދޭނެ ކަމަށް އެމްއެފްއެމްސީން ލަފާކުރެ އެވެ. މިއީ 25,000 ޓޫރިސްޓުންނަށް އަމާޒުކޮށް ހިންގާ މަޝްރޫއުއެކެވެ.
ހަންކެޑެގެ މަސައްކަތް ނުފެށުނު ނަމަވެސް، އެތަނުުގައި ތަރައްގީ ކުރާ ހޯޓާތައް މެނޭޖުކޮށް ހިންގަން ވަނީ ދުބާއީގެ ޓައިމްސް ހޮޓެލްސް އާއި ކޮންޑުއިޓް ހައުސް އާ ހަވާލުކޮށްފަ އެވެ.
ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވަމުން ދާތީ އެމްޑީޕީން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއު ވީހައިވެސް އަވަހަކަށް ފަށައިދިނުމަށް ގޮވާލައިފަ އެވެ.
އައްޑޫގައި ފަތުރުވެރިކަން ކުރި އެރުވުމަށް މިދިޔަ ސަރުކާރުން ވަނީ ފަސް ރަށް ހިއްކައި އައްޑޫ އެއާޕޯޓު ތަރައްގީ ކުރަން ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ