ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް އޭޕްރީލް 28، އަށް ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލުކުރީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެފަހަރު އެ މައްސަލަ ތާވަލުކުރީ ވެސް އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022، ގައި އިއްވި އެވެ.
ނަމަވެސް އާރަށް މައްސަލައިގައި ހައި ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށެވެ. ހައި ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގެ ބައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެސް ވެ އެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ހައި ކޯޓުން ނިންމި ބައެވެ.
ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ޓިކެޓު އޭރު އަރުވާފައިވާ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022، ގަ އެވެ. އެ ހުކުމް އިސްތިއުނާފަށް މާޗު، 2023 ގައި ހުށަހެޅި އެވެ. ޝަރީއަތް ފެށުނީ ޖޫން، 2023، ގަ އެވެ. އަދި އަޑުއެހުންތައް ނިންމާލީ ނޮވެމްބަރު 21، 2023، ގަ އެވެ.
ޔާމީން މިނިވަންވީ އޭޕްރިލް، 2024، ގަ އެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވުނީ އިންތިހާބުގެ ވަގުތު ޖެހުނު އިރު ވެސް އެ ހުކުމް ދެމިއޮތުމުންނެވެ.
ޔާމީންގެ މައްޗަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވުމުން، އެ ހުކުމް ހައި ކޯޓުން ވެސް ދެމެހެއްޓި އެވެ.
ނަމަވެސް އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނޮވެމްބަރު، 2021، ގައި ޔާމީނާ އެއްކޮޅަށް މައްސަލަ ނިންމި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ