އިންގްލިޝް ޕްރިމިއާ ލީގުގެ ފުލުގައި އުޅޭ ސައުތެމްޕްޓަން ރެލިގޭޓް ވެއްޖެ
އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލްގެ ތާރީޚުގައި ސީޒަނެއްގައި އެންމެ އަވަހަށް ރެލިގޭޓްވި ޓީމަކަށް އެންމެ ފުލުގައި އުޅޭ ސައުތެމްޕްޓަން ވެއްޖެއެވެ. ސައުތެމްޕްޓަން ރެލިގޭޓް ވެފައިވަނީ ރަށުން ބޭރުގައި ޓޮޓްނަމް ހޮޓްސްޕާއާ ބައްދަލުކުރި މެޗުން ތިން ލަނޑު އެއް ލަނޑުން ބަލިވުމުންނެވެ. މިނަތީޖާ އާއެކު ސައުތެމްޕްތަން ރެލިގޭޓް ވެފައިވަނީ ބާކީ ހަތް މެޗު އޮއްވައެވެ. މީގެކުރިން އެންމެ އަވަހަށް ރެލިގޭޓް ވެފައިވަނީ ބާކީ ހަ މެޗު އޮއްވާ ކަމުން މިއީ އާ ރިކޯޑެކެވެ. ސައުތެމްޕްޓަންއަށް 31 މެޗުން މިހާތަނަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި ބާކީ އޮތް ހަތް މެޗުން އިތުރު ދެ ޕޮއިންޓް ނުހޯދިއްޖެނަމަ އެންމެ މަދު ޕޮއިންޓާއެކު ރެލިގޭޓްވާ ޓީމަށްވެސް ސައުތެމްޕްޓަން ވެގެންދާނެއެވެ. މިހާތަނަށް ޕްރިމިއާ ލިގުގެ ތާރީޚުގައި އެންމެ މަދު ޕޮއިންޓާއެކު ރެލިގޭޓް ވެފައިވަނީ 2007-2008ވަނަ އަހަރުގެ ސީޒަންގައި ޑާބީ ކައުންޓީއެވެ. އެއީ 11 ޕޮއިންޓެވެ. ސްޕާސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސްޕާސްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ފުރަހަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. މިމެޗުގައި ސްޕާސްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 13ވަނަ މިނެޓުގައި ބްރެނަން ޖޯންސަންއެވެ. އަދި ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖޯންސަން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗުގެ ދެވަނަ ހާފުގައި ސަައުތެމްޕްޓަން އިން އެޓީމުގެ ކުޅުން ރަނގަޅު ކުރި ނަމަވެސް އެޓީމަށް މިމެޗުގައި ލަނޑެއް ކާމިޔާބު ކުރެވޭވަރުވީ ތަންކޮޅެއް ލަހުންނެވެ. މިގޮތުން މިމެޗުގައި ސައުތެމްޕްޓަން އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 90ވަނަ މިނެޓުގައި މެތެއުސް ފެނާންޑޭޒްއެވެ. މިމެޗުގައި ސްޕާސްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުން ކާމިޔާބު ކޮށްފައިވަނީ މެތީސް ޓެލްއެވެ. މިއީ އޭނާ ސްޕާސްއަށް ލީގުގައި ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މިކާމިޔާބީ އާއެކު ސްޕާސް މިހާރު އުޅެނީ 37 ޕޮއިންޓާއެކު ތާވަލްގެ ތާވަލްގެ 14 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ