ޒަކިއްޔާގެ ހަށިގަނޑު ނަގައިގެން އޮޓޮޕްސީ ހެދިދާނެތޯ ބަލަން އާއިލާއިން އެދެފި

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި، އޭނާއަށް ވީ ގޮތް އިތުރަށް ދެނެގަންނަން، ހަށިގަނޑު އަލުން ނަގައިގެން އޮޓޮޕްސީއެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރަން އެދިފައިވާނެކަމަށް ޒަކިއްޔާގެ އާއިލާއިން މިއަދު ބުނެފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ޒަކިއްޔާގެ އާއިލާއިންވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފާ ބައްދަލުކޮށްފައެވެ. އެއާއެކު އާއިލާގެ ފަރާތުން "ސަން"އަށް މައުލޫމާތު ދެމުން، އާއިލާ މެންބަރަކު ބުނީ އާއިލާއިން އެދިފައިވަނީ މިހާތަނަށް ޕޮލިހުން ކޮށްފައިވާ ތަހުގީގުތަކުގެ ތަފްސީލް ހާމަކުރަން ކަމަށެވެ. ހަމައެއާއެކު ވަޅުލުމަށްފަހު ހަށިގަނޑު ނަގައިގެން އޮޓޮޕްސީ ހެދުމާ ގުޅޭ މައުލޫމާތު ސާފުކޮށް، އެއީީ ކުރެވޭވަރު ކަމެއްތޯ މަޝްވަރާކުރަން ކަމަށް ވެސް ބުންޏެވެ. ނަމަވެސް "އެއްވެސް ހާލެއްގައި ހަށިގަނޑު ކޮނެގެން ނަގައިގެން އޮޓޮޕްސީ ހަދަން އާއިލާއިން އެދިފައިނުވާނެ" ކަމަށް ބުންޏެވެ. މި ނިމުނު ރޯދަމަހު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފުލުހުންގެ އިސްވެރިންގެ ޓީމެއް ހޮޅުދޫއަށް ގޮސްފައިވެއެވެ. އެ ކަމަށް އިޝާރާތްކޮށް އާއިލާއިން ބުނީ އެ ދަތުރުގައި ފުލުހުން އާއިލާއާ ބައްދަލުކުރި ކަމަށެވެ. އެ ބައްދަލުވުމުގައި ޒަކިއްޔާގެ މަރާއެކު، ދެން ޝައްކު އުފެދޭ އެންމެހާ މަރުތަކުގައި އޮޓޮޕްސީ ހަދާނެ ކަމަށް ފުލުހުން ބުނި ކަމަށް ވެސް އާއިލާއިން ބުންޏެވެ. އެކަމަކު އެއީ ކުރިން ވެސް އޮތް އުސޫލެއް ކަމަށާއި، މިދިޔަ އަހަރު ނެރުނު ނެޝަނަލް ސްޓޭންޑާޑް ފޯ ފޮރެންސިކް މެޑިކަލް ސާވިސަސް އިން މޯލްޑިވްސް" ގައި އެ ކަން ލިޔެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. "މިހާ ވަރަށް ކަންކަން އޮޅުވައިލާ އެބަ ފެމެލީއަށް ޕޮލިހުން،" އާއިލާގެ ފަރާތުން މައުލޫމާތު ދެއްވި ބޭފުޅާ ބުންޏެވެ. https://sun.mv/203048 އެއާއެކު އާއިލާއިން ބުނީ އެ އުސޫލު ކުރިން ވެސް އޮއްވައި، ޒަކިއްޔާގެ މަރުގެ މައްސަލައިގައި އޮޓޮޕްސީ ނުހެދީ ގަސްތުގައި، ހެކި ނައްތައިލައި ކަންކަން ފޮރުވަން ކަމަށެވެ. ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު 10ވަނަ ދުވަހެެވެ. މި މައްސަލައިގައި އޮޓޮޕްސީ ނަހަދައި ޒަކިއްޔާ ވަޅުލާން ނިންމުމުން އެ ރަށުގެ ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ސުވާލު އުފައްދައިފައެވެ. އެކަމާ ގުޅިގެން މީގެ ކުރިން އިހުސާން ވިދާޅުވީ، މީގެ ކުރިން އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ޑޮކްޓަރަކު ޒަކިއްޔާގެ ހަށިގަނޑު ބެއްލެވި ކަމަށެވެ. ނަމަވެސް، އޮޓޮޕްސީ ނަހަދާ ދޫކޮށްލި ދޫކޮށްލުމަކީ އެންމެ ރަނަގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިހުސާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ