މާލެއިން 221 ކާޓަން ވަގު ސިނގިރޭޓު އަތުލައިގަނެ، ތިން ބިދޭސީއަކު ހައްޔަރުކޮށްފި މާލެއިން 221 ކާޓަން ވަގު ސިނގިރޭޓު އަތުލައިގަނެ، ތިން ބިދޭސީއަކު ހައްޔަރުކޮށްފި

ވެރި ރަށް މާލެއިން ރޭގެ ވަގުތެއްގައި 221 ކާޓަން ވަގު ސިނގިރޭޓު އަތުލައިގަނެ، އެ މައްސަލައިގައި ޝާމިލުވާ ކަމަށް ބެލެވޭ ތިން ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ސިނގިރޭޓުތައް ފެނުނީ އެތަކެތި ޕިކަޕަކުން މަގުމައްޗަށް ބޭލުމަށްފަހު، ޕިކަޕު ފިލަން އުޅުމުން ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި އެއީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ކަމަށް ބެލެވެ އެވެ. ޕިކަޕު ފިލަން އުޅުނީ ބޮޑުރަސްގެފާނު މަގުން ކަމަށް ފުލުހުން ބުނެ އެވެ.
އާންމުކޮށް ސިނގިރޭޓު ކާޓަނެއްގައި 10 ފޮށި ސިނގިރޭޓު ހުރެ އެވެ. އެހެންކަމުން ފުލުހުން ރޭ އަތުލައިގަތީ 2210 ފޮށި ސިނގިރޭޓެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ އަތް ނުފޯރާ ވަރަށް ބޮޑުކޮށް، ވޭޕު މަނާ ކުރުމުން ރާއްޖެއަށް ވަގު ސިނގިރޭޓު އެތެރެ ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ނިމިދިަ އޭޕްރީލް މަހު، އެއާޕޯޓު ތަރައްގީ ކުރާ ކުންފުނިން އެތެރެ ކުރި ކޮންޓެއިނަރަކުން ވަނީ 21 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގަނެފަ އެވެ.
އައްޑޫއަށް އެތެރެ ކުރަން އުޅުނު ވަގު ސިނގިރޭޓުތަކެއް ވެސް މި ފަހުން ވަނީ އަތުލައިގަނެފަ އެވެ. އައްޑޫއިން އެ ޝިޕްމެންޓުގައި ހުރި ސިނގިރޭޓުގެ އަދަދު ލައްކައަކަށްވުރެ ގިނަ އެވެ.
އޭގެ ކުރިން ޑިއުޓީ ފްރީއިން ވަގަށް ސިނގިރޭޓު ބޭރު ކުރަން އުޅުނު މައްސަލައެއް ވެސް ވަނީ ފަޅާ އަރައިފަ އެވެ. ސިނގިރޭޓު ބޭރު ކުރަން އުޅުނީ ފުލުސް އޮފިސަރުންތަކެކެވެ. އެކަމުގައި ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ