ރާއްޖޭގައި އުދުއްސާ އިންޑިއާގެ އަސްކަރީ އުޅަނދުތަކާ ގުޅޭ އެއްބަސްވުން އާ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
އަސްކަރީ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަނުކުރާ މައްސަލައިގައި މިއަދު ގައްސާން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަން ލިބުނު ފުރުސަތުގައި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ސުވާލު ކުރެއްވީ އިންޑިއާގެ އަސްކަރީ އުޅަނދުތަކާ ބެހޭ އެއްބަސްވުން އާ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭތޯ އެވެ. އެ ސުވާލަށް ސީދާ ޖަވާބެއް ގައްސާން ނުދެއްވި އެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ހިމާޔަތް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެެއްވާ ސިޔާސަތު، އެކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކުރެއްވުމުގެ ވިސްނުންފުޅެއް ސަރުކާރަކު ނުހުންނާނެ،" ގައްސާން ވިދާޅުވި އެވެ.
އިންޑިއާގެ އަސްކަރީ އުޅަނދުތަކާ ބެހޭ އެއްބަސްވުންތަކާ ގުޅޭގޮތުން ކުރި ސުވާލަށް މަޖިލީހުގައި ގައްސާން ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް މިދިޔަ ޖެނުއަރީ 8، ގައި ސަރުކާރުން ވަނީ އެ އެއްބަސްވުންތައް އާ ކުރުމާ ގުޅޭގޮތުން އިންޑިއާ އާއެކު މަޝްވަރާކޮށްފަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރަން މަޝްވަރާ ކުރީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އެ ގައުމަށް ވަޑައިގެން އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހާއާއެކު ބޭއްވި ރަސްމީ ބައްދަލުވުމުގަ އެވެ.
އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ނިންމެވީ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވާ ސިފައިން ފޮނުވާލުމަށްފަހު އުޅަނދުތައް ބެހެއްޓުމަށެވެ. އެ ތަކެތި މިހާރު ދުއްވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ އެ ގައުމުގެ ކުންފުންޏެއްގެ މުވައްޒަފުން ކަމަށްވެ އެވެ. ސަރުކާރުން ބުނަނީ އެއީ މަދަނީ ބައެއް ކަމަށެވެ.
އެ މަދަނީން ތިބެނީ ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން ގެނައި އިންޑިއާގެ ސިފައިން ބޭތިއްބުމަށް ކުރިން ވެސް ހަދާފައި އޮތް އެއްބަސްވުމުގެ ދަށުންނެވެ. ނަމަވެސް ލ. ކައްދޫ އާއި ސ. ގަމުގައި އިންޑިއާގެ މީހުން ބެހެއްޓުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ފެބްރުއަރީ، 2025، ގައި ވަނީ ހަމަވެފަ އެވެ.
ހދ. ހަނިމާދޫގައި މީހުން ބެހެއްޓުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ފެބްރުއަރީ، 2026، ގައި ހަމަވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އިންޑިއާގެ އަސްކަރީ އުޅަނދުތަކުގެ އެއްބަސްވުންތައް އާކުރުމާ ގުޅޭގޮތުން ކުރި ސުވާލަށް ގައްސާންގެ ސީދާ ޖަވާބެއް ނެތް އިންޑިއާގެ އަސްކަރީ އުޅަނދުތަކުގެ އެއްބަސްވުންތައް އާކުރުމާ ގުޅޭގޮތުން ކުރި ސުވާލަށް ގައްސާންގެ ސީދާ ޖަވާބެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ