އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ޓީމު ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖެއްސުމަށް އެ ކްލަބާއެކު ހެދި އެއްބަސްވުމުގެ އަގުގެ ތަފުސީލު ދޭން އެމްއެމްޕީއާރުސީ އިން ދެކޮޅު ހަދައިފި އެވެ.
ރާއްޖެ އިޝްތިހާރުކުރަން ލިވަޕޫލާއެކީ ހެދި އެއްބަސްވުން، އެމްއެމްޕީއާރުސީގެ ރަސްމީ ބްރޭންޑު "ވިސިޓް މޯލްޑިވްސް" އިން މިކަން އިއުލާނުކުރީ މާޗު 13، ގަ އެވެ. އަދި، އެޕްރީލް 2، ގައި ލިވަޕޫލުގެ ދަނޑުގައި ރާއްޖެ އިޝްތިހާރުކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވެރިންގެ ޓީމެއް ޔޫކޭ އަށް ދަތުރުކުރި އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ލިވަޕޫލަށް ދޭ ފައިސާގެ އަދަދު ހޯދުމަށް މި ނޫހުން އެދުނީ މާޗު 28، ގަ އެވެ. އެމްއެމްޕީއާރުސީން ޖަވާބު ދީފައިވަނީ އެޕްރީލް 30، ގަ އެވެ. ޖަވާބުގައި ބުނެފައިވަނީ މި ތަފުސީލުތައް ހާމަކުރެވެން ނެތް ކަމަށެވެ.
ސަބަބަކަށް ބުނެފައިވަނީ މި އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރުމާ ދެކޮޅަށް އެއްބަސްވުމުގައި ސިއްރުކުރުމުގެ މާއްދާއެއް ހިމަނާފައިވުމެވެ. އަދި، އެ ތަފުސީލުތައް ހާމަކުރުމާ ގުޅޭގޮތުން ލިވަޕޫލާ މަޝްވަރާ ކުރުމުން އެ ކްލަބުން އެކަން ސިއްރުކުރަން އެނގިފައިވާ ކަމަށާއި މިކަމާ ހިލާފުވެއްޖެނަމަ ސިއްރު ނުހިފެހެއްޓިކަމުގެ ދައުވާ އުފުލަފާނެކަމުގެ ބިރު އޮތް ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.
"އެއްބަސްވުމުގެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ލިވަޕޫލް އެފްސީގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ ވިޔަފާރީގެ މަސްލަހަތަށް ނުރަނގަޅު އަސަރުފޯރާނެ ކަމެއް ކަމަށް ބަޔާންކޮށްފަ. އެހެންކަމުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އިސްތިސްނާ ޙާލަތަކަށް މިކަން ވުމާއިއެކު މިކަމަށް ކޮށްފައިވާ ހަރަދުގެ ތަފުސީލު (ކޮންމެ އަހަރަކަށް ދާނެ ހަރަދު ވަކިވަކިން) ހާމަކުރެވެން ނެތްކަން ފާހަގަކުރަން،" އެމްއެމްޕީއާރުސީގެ ޖަވާބުގައި ބުނެފައިވެ އެވެ.
މީގެކުރިން ސަރުކާރުން އާންމުކުރި ތަފުސީލުތަކުން އެނގޭ ގޮތުގައި މިއީ ތިން އަހަރާއި ހަ މަސްދުވަހުގެ އެއްބަސްވުމެކެވެ.
ރާއްޖެ ޕްރޮމޯޓު ކުރުމުގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ވިސިޓް މޯލްޑިވްސް އިން އިސްނަގައިގެން ކުރާ މަސައްކަތްތަކަށް ލިވަޕޫލުން އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށްވެސް އެ ކްލަބުން ބުނެފައިވެ އެވެ.
ލިވަޕޫލް ނިސްބަތްވާ އިނގިރޭސިވިލާތަކީ މި އަހަރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައި ޓޫރިސްޓުން އައި ގައުމެވެ. އެ ކްލަބުގެ އެތައް މިލިއަން ސަޕޯޓަރުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭއިރު ރާއްޖޭގެ އާބާދީގައިވެސް ލިވަޕޫލް ސަޕޯޓަރުންގެ އަދަދު ގިނަ އެވެ.
މި އެއްބަސްވުމުގެ ދަށުން ލިވަޕޫލުގެ ދަށުގައި ރާއްޖެ އިސްތިހާރުކުރަން ފެށުމަށް ރައީސް މުއިއްޒު އާއި ވަޒީރުންގެ ވަފުދެއް ޔޫކޭއަށް ކުރި ދަތުރާ ގުޅިގެން ގިނަ ބަޔަކު ސަރުކާރަށާއި ރައީސަށް ފާޑުކިޔާފައިވެ އެވެ.
ރާއްޖެއިން ލިވަޕޫލް ސްޕޮންސާ ކުރަން ކުރާ ހަރަދު އެމްއެމްޕީއާރުސީން ސިއްރުކޮށްފި ރާއްޖެއިން ލިވަޕޫލް ސްޕޮންސާ ކުރަން ކުރާ ހަރަދު އެމްއެމްޕީއާރުސީން ސިއްރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ