އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރުނު އަމުރެއްގެ ދަށުން ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރު ކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް އޭނާ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
ޑުޓާޓޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހޮންގްކޮންގުން އޭނާ އެނބުރި ގައުމަށް ވަޑައިގަންތަނުން މެނީލާ އެއާޕޯޓުންނެވެ. ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާ އިންޓަޕޯލް މެދުވެރިކޮށް އައިސީސީގެ ރިކުއެސްޓް ވަނީ ފޮނުވައިފަ އެވެ.
"އޭނާ މިހާރު ހުރީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި،" ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ދައުވާއަކީ 2016 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ޑުޓާޓޭ ވެރިކަމުގައި ހުންނެވި ދުވަސްވަރު ހިންގި މަސްތުވާތަކެއްޗާ ދެކޮޅު، އަނިޔާވެރި ހަރަކާތާ ގުޅޭ ދައުވާއެކެވެ. ތުހުމަތު ކުރެވޭ މީހުންނަށް "ގާނޫނުގެ ދަށުން ޑިއު ޕްރޮސެސް" ނުލިބި، ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް އެ ޝަކުވާގައިވެ އެވެ.
ޑުޓާޓޭ ވަނީ އޭނާ ހައްޔަރުކުރުމުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.
"ގާނޫނަކީ ކޮބައިހެއްޔެވެ؟ އަހަރެން ކުރި ކުށަކީ ކޮބައި ހެއްޔެވެ؟" ޑުޓާޓޭގެ އަންހެން ދަރިފުޅު ވެރޯނިކާ ޑުޓާޓޭ މެދުވެރިކޮށް ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރި ވީޑިއޯއެއްގައި ޑުޓާޓޭ ވިދާޅުވި އެވެ.
"އަޅުގަނޑު މިތަނަށް ގެނައީ އަޅުގަނޑުގެ އަމިއްލަ އިހްތިޔާރުގައި ނޫންކަމަށް ވާތީ، އަޅުގަނޑު މިތަނަށް ގެނައުމުގެ ގާނޫނީ އަސާސް މިހާރު އަޅުގަނޑަށް ކިޔައިދެއްވާ،"ޑުޓާޓޭ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު ހޮންގްކޮންގްގައި ދެއްވި ތަގުރީރެއްގައި ރައީސްގެ ހައިސިއްޔަތުން އޭނާ ކުރެއްވި އަމަލުތައް ދިފާއު ކުރައްވައި ވިދާޅުވީ "ހުރިހާ ކަމެއް ވެސް ކުރެއްވި ... ފިލިޕީންސްގެ ރައްޔިތުންނަށްޓަކައި" ކަމަށެވެ.
ޑުޓާޓޭގެ ވެރިކަމުގެ ހަ އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި 7،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކަ އެވެ.
ނަމަވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނަމުން ދަނީ އެ އޮޕަރޭޝަނުގައި މަރާލި މީހުންގެ އަދަދު 30،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.
ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ