ޢަލީ އިޙްޞާން ފިރާޤް
މުޝްރިކުންގެ ރޭވުން- މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގެކޮޅަށް:
މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ދީނީ ދަޢުވަތާގެން އެއްވެސް ފަސްޖެހުމެއްނެތި ކުރިއަށް ވަޑައިގަންނަވަމުން ގެންދެވިއެވެ. ދުވަހެއް ދުވަހަކަށް އެކަލޭގެފާނަށް ތަބާވެވަޑައިގަންނަވާ މީސްތަކުންގެ ޢަދަދު އިތުރުވަމުން ދެއެވެ. މިކަމާ މުޝްރިކުން ވަރަށް ކަންބޮޑު ވެއްޖެއެވެ. އެބައިމީހުން މަޝްވަރާކޮށް ނިންމީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގެކޮޅުގެ ހަމަޖެހުން ނަގާލެވޭނެ ގޮތަކަށެވެ. އެ ގެކޮޅުގެ މަސްލަޙަތު ފުށުއަރުވާލުމަށެވެ.
އޭރު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެންމެ ދޮށީ ދަރިކަނބަލުން زينب بنت رسول الله صلّى اللّـه عليه وسلّم ކައިވެނީގެ ގޮތުން ގުޅިވަޑައިގެން އިންނެވީ أبو العاص بن الرّبيع އާއެވެ. رُقيَّة ގެފާނާއި، أم كلثوم ގެފާނު ކައިވެނީގެ ގޮތުން ގުޅިވަޑައިގެން ތިއްބެވީ أبو لهب ގެ ދެދަރީންނާއެވެ. (އެއީ عُتْبة އާއި عُتَيبة އެވެ.) ނަމަވެސް އޭގެ ދެބޭފުޅުން ތުއްޕުޅުކަމުން ތިއްބެވީ މައިކަނބަލުންގެ އަރިހުގައެވެ. أبو لهب ގެ ދެދަރީންގެ ގާތަކަށް ވަޑައެއް ނުގަންނަވައެވެ.
މައްކާގެ މުޝްރިކުން މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ދަނބިދަރިންގެ ކައިރިއަށް ވަކިވަކިން ހިނގައި، އެބޭކަލުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިދަރިކަނބަލުން ވަރިކުރައްވައިފިނަމަ، މައްކާއިން އެބޭކަލުން އެދޭ އަންހެން ކުއްޖެއް ހޯދައިދޭނެ ކަމަށް ބުންޏެވެ. السّيدة زينب رضى الله عنها ގެ ފިރިކަލުން أبو العاص بن الرّبيع ގެ އަރިހަށް މި ހުށައެޅުން ހަމަ އައުމާއެކު، އެކަމާ އިންތިހާ ދަރަޖައަށް އިންކާރުކުރެއްވިއެވެ. ނަމަވެސް أبو لهب ގެ ދެދަރީން މުޝްރިކުންގެ އަވާގައި ޖެހި އެ ޠާހިރު ދެބޭފުޅުން ވަރިކުރެއްވިއެވެ. އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެވޭނެ ވަރަށް ބޮޑު ކެއްސެއްކަމަށް ހީކޮށްގެންނެވެ.
ނަމަވެސް މުޝްރިކުންގެ ތަދުބީރު ވަރަށް ނާކާމިޔާބެވެ. އެބައިމީހުން، ކުރި މަސައްކަތުން ކަމުފޮޅޭ ނަތީޖާއެއް ނުނެރެވުނެވެ. أبو لهب ގެ ދެދަރީން السّيدة رُقيَّة رضى الله عنها އާއި السّيدة أمّ كُلثُوم رضى الله عنها ވަރިކުރައްވާ އިރަށް، عثمان بن عفّان رضى اللّـه عنه، السّيدة رُقيَّة رضى الله عنها އާ ކާވެނިފުޅު ބައްލަވައިގެންފިއެވެ. އަބޫ أبو لهب ގެ ދެދަރީންގެ ތަޤުދީރުގައި އަރަހުށި މާތްﷲ ލިޔުއްވައިފައިވަނީ އަބާއްޖަވެރިކަމެވެ. عثمان بن عفّان رضى اللّـه عنه އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެންމެ ފުރަތަމަ އީމާންވެވަޑައިގެންނެވީ ބާއްޖަވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ، أبو بكر الصدّيق رضى اللّـه عنه ގެ ގޮވައިލެއްވުމުގެ ސަބަބުންނެވެ. އެކަލޭގެފާނު ހިމެނިވަޑައިގެންފައިވަނީ އިސްލާމްދީނަށް އަވަސްވެވަޑައިގެންނެވި السَّابِقُونَ الْأَوَّلُونَ ގެ ބަރަކާތްތެރި ޖަމާޢަތުގެ މީސްތަކުންގެ ތެރެއިންނެވެ. السّيدة رُقيَّة رضى الله عنها އަވަހާރަވުމަށްފަހު، السّيدة أمّ كُلثُوم رضى الله عنها އާ عثمان بن عفّان رضى اللّـه عنه ކައިވެނިފުޅު ބައްލަވައިގެންނެވިއެވެ.
عثمان بن عفّان رضى اللّـه عنه رُقيَّة رضى الله عنها ގެކާވެނިފުޅަށް އެދިވަޑައިގެން ދެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނަށް ވަރަށް ފުރިހަމައަށް އިޖާބަދެއްވިއެވެ. عثمان بن عفّان رضى اللّـه عنه އަކީ، މައްކާގެ ވަރަށް ބޮޑު މުދާވެރި މުއްސަނދިފުޅު ބޭކަލެކެވެ. ވަރަށް ޚުލުޤުފުޅު ރީތި ލަދުވެތި ބޭކަލެކެވެ. އަރަހުށި މާތްﷲ، السّيدة رُقيَّة رضى الله عنها އަށް ދެއްވައިފައިވަނީ ނުހަނު ރީތި ބުރުސޫރަފުޅެކެވެ. މީސްތަކުން ތާރީފު ކުރާފަދަ މާތް ޚުލުޤުފުޅެކެވެ. عثمان بن عفّان رضى اللّـه عنه އާއި رُقيَّة رضى الله عنها އަކީ، އެދުވަސްވަރު އެންމެ ރީތި ދެމަފިރިކަނބަލުންގެ ގޮތުގައި މައްކާގައި މަޝްހޫރުވެފައިވެއެވެ.
ބޭފުޅުން ތަރުބިއްޔަތު ކުރެއްވުން:
أمّ المؤمنين السّيدة خديجة رضى الله عنها އަށް އެކަމަނާގެ ކުރީގެ ދެފިރިކަލުންގެ ފަރާތްޕުޅުން ބޭފުޅުން ލިބިވަޑައިގެންނެވި ވާހަކަ ކުރިންވާނީ ބަޔާން ކުރެވިފައެވެ. އެކާވެނިފުޅުތަކުން ލިބިވަޑައިގެންނެވި ބޭފުޅުންނަށްވެސް އެކަމަނާ ހަރުދަނާ ތަރުބިއްޔަތެއް ދެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ހަތަރު ދަރިކަނބަލުން ތަރުބިއްޔަތު ކުރެއްވި ފަދައިން އަނެއް ބޭފުޅުންވެސް ތަރުބިއްޔަތު ކުރެއްވީ އެއްވެސް ތަފާތު ކުރެއްވުމެއް ނެތް ގޮތުގައެވެ.
السّيدة خديجة رضى الله عنها ގެ ބޭފުޅުންގެ ތެރެއިން هند بن أبي هالة رضى اللّـه عنه އަކީ، އިސްލާމްވެވަޑައިގެން ޞަޙާބީންގެ ދަރަޖަ ޙާޞިލު ކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވިއެވެ. ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުމުގެ ޝަރަފު ޙާޞިލު ކުރެއްވިއެވެ. އެކަލޭގެފާނަކީ ވަރަށް ފަޞާހާތްތެރި ބަލާޣާތްތެރި ބޭކަލެކެވެ. އެކަލޭގެފާނު ވާހަކަފުޅު ދައްކަވަން ފަށައިފިނަމަ، މީސްތަކުން އެކަލޭގެފާނުގެ ވާހަކަފުޅު ޖާދޫގައި ޖެހެއެވެ. އެއްދުވަހަކު ޙަސަނުގެފާނު، هند بن أبي هالة رضى اللّـه عنه ގެ އަރިހުގައި އެކަލޭގެފާނު ކާފާފުޅު صلّى اللّـه عليه وسلّم ގެ ސިފަފުޅުތައް ބަޔާންކޮށް ދެއްވަން އެދިވަޑައިގެންނެވިއެވެ. هند بن أبي هالة رضى اللّـه عنه އަކީ ޙަސަނުގެފާނުގެ މައިފުށުގެ ބޮޑުބޭބޭފުޅެވެ.
ޙަސަންގެފާނުގެ އެދިވަޑައިގެންނެވުމުގެ މަތީން هند بن أبي هالة رضى اللّـه عنه ވަރަށް ފުރިހަމައަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ސިފަފުޅުތައް ބަޔާންކޮށްދެއްވިއެވެ. މާތް ރަސޫލާގެ ސިފަފުޅުތައް އެކަލޭގެފާނު ބަޔާންކޮށްދެއްވީ ނުހަނު ފަޞާހާތްތެރިކަމާ ބަލާޣާތްތެރިކަމާއެކުގައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެއްވަން ޖެހޭ އެންމެ ޙައްޤު ޤަދަރާއި އިހްތިރާމާއެކުގައެވެ. هند بن أبي هالة رضى اللّـه عنه އަކީ މާތް ރަސޫލާގެ ދޮންދަރިކަލެކެވެ. ނަމަވެސް މިދެންނެވި ކަންތަކުންވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި هند بن أبي هالة رضى اللّـه عنه ގެ ގުޅުން ރަނގަޅަށް ސާފުވެއެވެ.
ނުނިމޭ
ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.
ޚަދީޖަތުގެފާނު 12: މުޝްރިކުން މާތް ރަސޫލާގެ ގެކޮޅުގެ ހަމަޖެހުން ނަގާލަން ކުރި މަސައްކަތް.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ