މެންބަރު އަޒާން ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި މެންބަރު އަޒާން ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލު ބަލައިގަންނަން ވޯޓު ދިން މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ބުނެފައި އޮއްވާ, ރައްޔިތުންގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެ ޕާޓީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން މިއަދު ބޭރުކޮށްލައިފި އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ މަޖިލިސް މެންބަރުން މުއާމަލާތް ކުރުމަށް ބޭނުންކުރާ ގްރޫޕުން އަޒާން ބޭރުކުރީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. މި ގްރޫޕުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިންނަވަ އެވެ.
މިކަމާ ގުޅިގެން އަޒާނުގެ ބަހެއް ހޯދުމަށް މި ނޫހުން ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ނުލިބެ އެވެ.
ޕީއެންސީ ޕާލިމެންޓަރީ ގްރޫޕު (ޕީޖީ) ގެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްލީ, ސުޕްރީމް ކޯޓުގެ ބިލުގެ މައްސަލައިގައި އެ ޕާޓީން ނެރުނު ތްރީ ލައިން ވިޕާ ހިލާފުވީ މެންބަރުންގެ އަމަލުތައް ރައީސް ކުށްވެރިކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. އެ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވީ އެ ޕާޓީގެ ޕީޖީ ލީޑަރު, އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ރައްޔިތުންގެ މަޖިލީހުގައި މި ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ޕީއެންސީގެ 10 މެންބަރަކު ބައިވެރިވެވަޑައިނުގަންނަވަ އެވެ. އޭގެ ތެރެއިން އަށް މެންބަރުން ތިއްބެވީ ރަށުން ބޭރުގައި ކަމަށް ފަލާހު ވިދާޅުވެފައިވާއިރު, ޖަލްސާއަށް ހާޒިރުވީ މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިނުވީ ދެ މެންބަރުންގެ ތެރޭގައި އަޒާން ހިމެނިވަޑައިގަންނަވަ އެވެ.
މި މައްސަލައިގައި ފަލާހު, ޕީއެންސީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ޕާޓީގެ ވިޕާ ގަސްތުގާ ހިލާފުވާ ބޭފުޅުންނާމެދު ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެއާ ވިއްދައި, ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެއީ އެއްވެސް މެންބަރަކު ކުރައްވައިގެން ވާނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،" އެމަނިކުފާނު ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަަކަށް މަދުކުރާ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
އޭނާ އާދިއްތަ ދުވަހުގެ ރޭ މަޖިލީހަށް ވެއްދި ބިލު ބަލައިގަންނަން މިއަދު މަޖިލީހުން ފާސްކުރިއިރު, ފާސްކުރިތާ ހަތަރު ގަޑިއިރެއް ވަރު ފަހުން ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ވަނީ މި މައްސަލައިގެ ރިޕޯޓު ފާސްކޮށްފަ އެވެ. އެ ކޮމިޓީން ގަޑިއެއްހާ އިރުގެ ތެރޭގައި މި ބިލުގެ މަސައްކަތް ނިންމާލީ މަޝްވަރާކުރަން ޖެހޭ ކަމެއް ނެތް ކަަމަށް ކަނޑައެޅުމަށް ފަހުގަ އެވެ.
މި ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) އިން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަން ޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ