މިވަގުތު ރާއްޖޭގައި ހިންގަމުން މިދަނީ ގައިރު ގާނޫނީ ދައުލަތެއް: ފައްޔާޒް މިވަގުތު ރާއްޖޭގައި ހިންގަމުން މިދަނީ ގައިރު ގާނޫނީ ދައުލަތެއް: ފައްޔާޒް

މިވަގުތު ރާއްޖޭގައި ހިންގަމުން މިދަނީ ގައިރު ގާނޫނީ ދައުލަތެއް ކަމަށާއި ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރެވޭނެ ނިޒާމީ އިންތިޒާމުތައް މި ސަރުކާރުން ފުނޑާލައިފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީ އާއި ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމު ޕީއެންސީން ފުނޑާލައިފި ކަމަށެވެ. ކުރިއަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"މިވަގުތު ރާއްޖޭގައި ހިންގަމުން މިދަނީ ގައިރު ގާނޫނީ ދައުލަތެއް، ވަކިން ހާއްސަކޮށް މުޅި ވެރިކަމުގެ ނިޒާމު ފުނޑާލި މުއިއްޒުގެ ސަރުކާރަކީ ގާނޫނީ ތަރަހައިން ބޭރުވެފައިވާ ގައިރު ގާނޫނީ ސަރުކާރެއް،" ފައްޔާޒް ވިދާޅުވި އެވެ.
"ރައްޔިތުންނަށޤ އެ މީހުންގެ ބާރުވެރިކަން ކަށަވަރު ކުރެވޭނެ ނިޒާމީ އިންތިޒާމުތައް މި ގައިރު ގާނޫނީ ސަރުކާރުން ފުނޑުފުނޑު ކޮށްފި."
ފައްޔާޒް ވިދާޅުވީ މިހާރު ދެން އޮތް ހަމައެކަނި ގޮތަކީ ޑިސެމްބަރު 10، ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގޮތަށް ސަރުކާރުގެ ނޭއްގާނީ އަމަލުތަކާ ދެކޮޅަށް މެދުކެނޑުމެއް ނެތި އަޑު އުފުލުން ކަމަށެވެ.
ޑިސެމްބަރު 10، ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށް އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ހިންގުމަށެވެ. އަދި އެ މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ވެސް ބައިވެރި ކުރުމަށް އެ ޕާޓީން އެ ދުވަހު ފާސްކުރި އެވެ.
އެ ވާހަކަތައް ތަކުރާރު ކުރައްވައި ފައްޔާޒް މިރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބާރުވެރިކަން އަލުން އިއާދަ ކުރުމަށް އެމްޑީޕީން ސިލްސިލާކޮށް ހަރަކާތްތައް ހިންގާނެ ކަމަށެވެ.
އަދި އެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ޑިމޮކްރެސީގެ ދިފާއުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ވެސް ފައްޔާޒް ދައުވަތު ދެއްވި އެވެ.
"މާތް ﷲ ގެ ވާގިފުޅާއެކު މި އަނދިރި ދުވަސްތަކުގެ ތެރެއިން އަޅުގަނޑުމެން އަލިމަގެއް ހޯދާނަން،" ފައްޔާޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ