ބިޑަކާ ނުލައި ބޭނުން ބަޔަކަށް މަޝްރޫއު ހަވާލު ކުރުމުގެ ބާރު ވަޒީރުން މަޖިލީހަށް ދިނުމަށް މާލިއްޔަތުގެ ގަވާއިދަށް މިއަދު ގެނައި އިސްލާހަކީ މަކަރުވެރި، ހީލަތްތެރި ބަދަލެއް ކަމަށާއި އޭގެ ސަބަބުން ސަރުކާރުގެ ކޮރަޕްޝަން "އިތުރު ގިޔަރަކަށް" ޖެހިލާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތުގެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ވަކި މަޝްރޫއުއަކީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ މަޝްރޫއެއް ކަމަށް ކަނޑައަޅައިފި ނަމަ ބިޑަކާ ނުލައި އެ މަސައްކަތް ހަވާލު ކުރެވޭނެ ކަމަށެވެ.
އެ ބަދަލަށް ފާޑުވިދާޅުވަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އަމީރު ވިދާޅުވީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވާ ބަޔަކަށް ޕްރޮޖެކްޓު ހަވާލު ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ.
"ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ މި ބަދަލަކީ މަކަރުވެރި، ހީލަތްތެރި ވިސްނުމަކުން ރައީސް މުއިއްޒު ބޭނުންވާ ބަޔަކަށް ޕްރޮޖެކްޓްސްތައް ހަވާލުކުރުމަށް ގެނެސްފައިވާ ބަދަލެއް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ އަމީރު ވިދާޅުވި އެވެ.
އެ ބަދަލުގެ ސަބަބުން ސަރުކާރުން ކޮރަޕްޝަނާއި ވައްކަން އިތުރުވެ ޕްރައިވެޓް ސެކްޓާއަށް އޮތް ފުރުސަތުތައް އިތުރަށް ހަނިވާނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"މި ބަދަލުގެ ސަބަބުން މި ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން އިތުރު ގިޔަރެއް މައްޗަށް ޖެހިލައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ހުރި ގިނަ ފުރުސަތުތައް ބަންދުވީ. އަދި ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އިތުރަށް ފަހަތަށް ދިޔުމަކީ ގާތް ކަމެއް،" އަމީރު ވިދާޅުވެފައިވެ އެވެ.
ބިޑަކަށް ނުލައި މަޝްރޫއުތައް ހަވާލު ކުރެވޭނެ އަދި ތަކެތި ހޯދޭނެ އުސޫލެއް މީގެ ކުރިން ވެސް މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކު، ބިޑަކަށް ނުލާ މަސައްކަތް ހަވާލު ކުރެވޭނެ މަޝްރޫއުތައް ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދީފައެއް ނޯވެ އެވެ.
"އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތަކުގެ ގޮތުގައި ކަމާ ގުޅޭ ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތައް 'ސިންގަލް ސޯސް ޕްރޮކިއުމަންޓް' ގެ އުސޫލުން ކުރިއަށް ގެންދެވިދާނެ،" މިއަދު ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.
ކުއްލި ހާލަތްތަކާއި އެއް ފަރާތުން ނޫނީ ލިބެން ހުރި ހިދުމަތާއި މުދާ ހޯދުމުގައި ގައުމީ ސަލާމަތީ ކަންކަމުގައި ބިޑަކާ ނުލައި މީގެ ކުރިން ވެސް މަސައްކަތް ހަވާލު ކުރެވެ އެވެ.
މިއަދު ގެޒެޓު ކުރި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އިސްލާހުގެ ގެނައުމުގެ މާއްދާއަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ. އެ އިސްލާހު ގެޒެޓު ކުރީ ފިނޭންސް މިނިސްޓްރީއިންނެވެ.
ބިޑަކާ ނުލާ މަޝްރޫއުތައް ހަވާލު ކުރުމުގެ ބާރު ކެބިނެޓަށް ދިނުމަކީ ހީލަތްތެރި ބަދަލެއް، ކޮރަޕްޝަން އިތުރުވާނެ: އަމީރު ބިޑަކާ ނުލާ މަޝްރޫއުތައް ހަވާލު ކުރުމުގެ ބާރު ކެބިނެޓަށް ދިނުމަކީ ހީލަތްތެރި ބަދަލެއް، ކޮރަޕްޝަން އިތުރުވާނެ: އަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ