އެޕިސޯޑް 19
އިއްޔެގެ ބަޔާ ގުޅޭ
ޝިފާޒަށް ވުރެ އޭނާ އިސްކޮޅުން ދިގެވެ. ޔަޒްދާއާ އަރާހަމަވުމުން އެއީ ޝިފާޒް ނޫންކަން ޔަގީންވި އެވެ. ގަބުރުސްތާނުގައި ދިއްލާފައި ހުރި ބޮކިން އެއީ ކާކުކަން ވަކިވާ ވަރުވި އެވެ. ޔަޒްދާ ހައިރާންވި އެވެ. އޭނާ ހުރީ މޫނުމަތީ ވަރަށް އިސްތަށި ގިނަކޮށެވެ. އަތްފައިގައި ވެސް އިސްތަށި ގިނަ އެވެ. ލައިގެން ހުރީ ޓީޝާޓަކާއި ސޯޓެކެވެ. ޔަޒްދާ ބިރުގަންނަ ގޮތްވި އެވެ. އަދި އެކި ފަރާތަށް ބަލަން ފެށި އެވެ.
"ކާކު ތި ހޯދަނީ؟" ހިނިތުންވެލާފައި އޭނާ ބުންޏެވެ. ޔަޒްދާ އެއްވެސް ޖަވާބެއް ނުދެ އެވެ. އޭނަގެ ދެ ލޯ ހޯދަމުން ދިޔައީ ޝިފާޒެވެ.
"ބުނެބަލަ. ކާކުތަ ތި ހޯދަނީ؟ ޝިފާޒްތަ؟" އޭނާ އަހައިލި އެވެ. "ޝިފާޒެއް މިރެއަކު ނާންނާނެ."
"އެ ކީއްވެ؟" ޔަޒްދާއަށް ބުނެވުނެވެ. "ތިއީ ކާކު؟"
"މިއީ އޭނަގެ ވަރަށް ގާތް މީހެއް،" އޭނާ ބުންޏެވެ.
"ޝިފާޒްގެ ގާތް މީހުން އަހަރެންނަށް އެނގޭ،" ޔަޒްދާ ބުނެލި އެވެ.
"އެހެންވީމަ ޝިފާޒް ރަނގަޅަށް ނޭނގެނީތާ؟" ޔަޒްދާއަށް ފުރަގަސް ދެމުން އޭނާ ބުންޏެވެ.
"ތިއީ ކާކުތަ؟ ކޮބާތަ ޝިފާޒް؟ އޭނައަށް އަނެއްކާ ކަމެއްވީތަ؟" ޔަޒްދާގެ މޭ ތެޅެން ފެށި އެވެ.
"އޭނައަކަށް ކަމެއް ނުވޭ. އެކަމަކު މިރޭ ޝިފާޒަކަށް ނާދެވޭނެ،" އޭނާ ބުންޏެވެ. "އަހަރެންނަށް ކިޔަނީ ޖީލާން. އަހަރެން މީ ޝިފާޒްގެ ބައްޕަ."
ޔަޒްދާ ޖެހިލުންވި އެވެ. ހިތް ނުތަނަވަސްވާ ގޮތްވި އެވެ. ޝިފާޒްގެ ބައްޕައާ ޔަޒްދާ ބައްދަލު ކުރަން ބޭނުންވި އެވެ. ނަމަވެސް މި ގޮތަކަށް ނޫނެވެ. ޝިފާޒް ނެތުމުން އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ޖީލާން އެކަނި މިތަނަށް އައުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ޔަޒްދާއާ ކޮން ވާހަކައެއް ދައްކަން ހެއްޔެވެ؟ ޔަޒްދާގެ ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔަ އެވެ.
"ކީކޭ ތި ހިތަށް އަރަނީ؟ އަހަރެން ކީއްކުރަންހޭ އެކަނި މިތަނަށް އައީ؟" ޖީލާން ސުވާލު ކުރި އެވެ. ޔަޒްދާ އެއްވެސް އެއްޗެއް ނުބުނެ އެވެ.
"އަހަރެންގެ ނަސޭހަތެއް އަޑުއަހަންޏާ ތި ކަން ހުއްޓާލާ،" ޔަޒްދާއާ ދިމާލަށް އެނބުރެމުން ޖީލާން ބުންޏެވެ.
"ކޮން ކަމެއް؟" ހައިރާންވެފައި ޔަޒްދާ އެހި އެވެ.
"ޝިފާޒްއާ ދެ މީހުންގެ ތި ބައްދަލުވުންތައް. ހަމަ މިހާރުން މިހާރަށް ހުއްޓާލިއްޔާ ރަނގަޅުވާނީ. އެހެން ނޫނީ ފަހުން ދެރަވެ ހިތާމަ ކުރަން ޖެހިދާނެ،" ނަސޭހަތުގެ ރާގެއްގައި ޖީލާން ބުންޏެވެ.
"އެ ކީއްވެ؟" ޔަޒްދާއަށް ލިބުނީ ޝޮކެކެވެ. "އެއީ އަހަރެންގެ ފިރިމީހާއޭ. ކީއްވެ ހިތާމަ ކުރަން ޖެހޭނީ؟"
"މި ވަގުތު އަހަރެންނަކަށް ނެތް މާ ތަފުސީލުކޮށް ކިޔައިދެވޭކަށް. އެކަމަކު އަހަރެންގެ ވާހަކަ އަޑުއަހާ، ގަބޫލު ކުރޭ،" ޖީލާން އެދުނެވެ.
"އެ ކީއްވެހޭ؟ އޭނަގެ ފަރާތުން އަހަރެންނަށް ގެއްލުމެއް އޮތީތަ؟" ވިސްނާލާފައި ޔަޒްދާ ބުންޏެވެ.
"ތިހެން ވެސް ވެދާނެ،" ޖީލާން ބުނީ ބޮޑު އެއްޗެކެވެ. ޔަޒްދާ އެ ކަމާ ވިސްނާލި އެވެ.
"ދެން ދޭ ގެއަށް. މިރޭ އަލިވިލެންދެން މިތާ ހުއްޓަސް ޝިފާޒެއް ނާންނާނެ،" އޭނާ ބުންޏެވެ. އަދި ހިނގައިގަތެވެ. ޔަޒްދާ ވެސް ގެއަށް ދިޔުމަށް ހިނގައިގަތެވެ. އިރުކޮޅެއް ކޮށްފައި ފަހަތް ބަލާލި އިރު އޭނާ ފެންނާކަށް ނެތެވެ. ޔަޒްދާއަށް ލިބުނީ ސިހުމެކެވެ. ޖީލާން ދިޔައީ ކޮން ދިމާއަކަށް ކަމެއް ނޭނގުނެވެ.
ޔަޒްދާމެންގެ ކުޑަދޮރުން ބޭރަށް ބުޝްރީ ފުންމާލި އެވެ. އަތުގައި ޓިޝޫއެއް އޮތެވެ. އޭގައި އޮތީ ޔަޒްދާގެ ހެދުމެއްގެ ފޮތިކޮޅެކެވެ. އަވަސް އަވަހަށް ނުކުމެގެން ދާން އުޅެނިކޮށް ޔަޒްދާ ގެއަށް ވަންނަ ތަން ފެނުނެވެ. ވަގުތުން ބުޝްރީ އެތާ ހުރި ގަހަކާ ނިވާވެލި އެވެ. ޔަޒްދާ ގޮސް ގެއަށް ވަނުމުން ބުޝްރީ ބޭރަށް ނުކުމެ ދުވަމުން ދިޔަ އެވެ. ގެއާ ހިސާބަށް ދެވުނު އިރު އޭނާއަށް މާނޭވާ ލެވެ އެވެ. ބުޝްރީ ހިތަށް އެރި އެވެ. މި ފަދަ ގަޑިއެއްގައި ޔަޒްދާ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އޭނާ ދާން އޮންނާނީ ވަކި ކޮން ތަނެއް ހެއްޔެވެ؟ އޭނާ ސިއްރުން މީހަކާ ބައްދަލު ކުރަނީ ހެއްޔެވެ؟ އެޢީ ބުޝްރީއަށް އުނދަގޫ ކުރުވި ސުވާލެކެވެ. ޖަވާބު އޭނާ ބޭނުމެވެ. އެކަމަކު އޭގެ ޖަވާބު ހޯދާނެ ގޮތެއް ނުވިސްނުނެވެ. ޔަޒްދާއެއް އޭނާއަކާ ވާހަކައެއް ނުދައްކާނެ އެވެ. ސަބަބެއް ނުވިސްނެ އެވެ. އަހަން ވެސް ބޭނުމެވެ. އެކަމަކު ވެސް ޔަޒްދާ ވާހަކަ ނުދައްކަންޏާ ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. އަތުގައި އޮތް ފޮތިކޮޅަށް ބުޝްރީ ބަލާލި އެވެ. ކުރަން މި އުޅެނީ ކިހާ ވަރެއްގެ ކަމެއް ކަން ނުވިސްނެ އެވެ. އޭގެ ސަބަބުން ބުޝްރީއަށް ލިބޭނީ ހިތްހަމަޖެހުން ކަމެއް ނުވަތަ ހިތާމަ ކަމެއް ނޭނގެ އެވެ. ބުޝްރީ ގަބޫލު ކުރާ ގޮތުގައި އޭނައަށް ލިބޭނީ އުފާވެރިކަމެވެ. ކޮންމެ ހާލަތެއްގައި ވެސް އޭނަ ބޭނުންވަނީ ޔަޒްދާ އޭނަގެ މީހަކަށް ހަދާށެވެ. ޔަޒްދާއަށް ނޭނގި ނަމަވެސް ބުޝްރީ ކުރަން އެ އުޅެނީ ބޮޑު ކަމެކެވެ.
ޔަޒްދާ އޮތީ ނިދޭތޯ އެވެ. ޝިފާޒް މަތިން ހަނދާންވާ ވަރުން ނިދަން އުނދަގުލެވެ. ޖީލާން ދެއްކި ވާހަކަ ބޮލު ތެރޭގައި އެނބުރެމުން ދިޔަ އެވެ. އެއީ ހަމަ ހަގީގަތެއް ހެއްޔެވެ؟ ޝިފާޒް އާއި ޔަޒްދާގެ ގުޅުން ކަނޑާލަންވީ ހެއްޔެވެ؟ އެއީ ވާނެ ކަމެއް ނޫނެވެ. ޔަޒްދާއަކަށް ޝިފާޒްއާ ނުލާ އެންމެ ހިނދުކޮޅެއް ވެސް ކެތެއް ނުކުރެވޭނެ އެވެ. ދުވަހެއް ދުވަހަކަށް ޔަޒްދާގެ ހިތުގައި ޝިފާޒަށްޓަކައި އޮތް ލޯބި ދަނީ އިތުރު ވަމުންނެވެ. އެ ލޯބި ދަނީ ވަރުގަދަ ވަމުންނެވެ. ބޭނުން ވަނީ އަބަދުވެސް ޝިފާޒް ފެންނަ ހިސާބުގައި އުޅޭށެވެ. ޝިފާޒްއާ އެކު ވަގުތުތައް ހޭދަ ކުރާށެވެ. އެ އުރު ތެރޭގައި އޮވެ އަބަދަށް ނިދާލާށެވެ. ނަމަވެސް ޖީލާން ދެއްކި ވާހަކަތަކުން ޔަޒްދާގެ ސިކުނޑި ދިޔައީ ހަރާބު ވަމުންނެވެ. ވިސްނެމުން ދިޔައީ އޭނާއާ ޝިފާޒް ވަކި ކުރަން އުޅެނީ ކަމުގަ އެވެ.
"ޝިފާޒްގެ ބައްޕަ ކީއްވެތަ އަހަރުމެންގެ ގުޅުމަށް އެއްބަސް ނުވާން އެ އުޅެނީ؟ އަނެއްކާ ކައިވެންޏަށް އެހާ ދުވަސް ފަހުން؟" ހިތާހިތުން ޔަޒްދާއަށް ބުނެވުނެވެ. އެ ސުވާލުގެ ޖަވާބު ދެވޭނީ ޝިފާޒްއާ ދިމާވި އިރަކުންނެވެ. އެ ވަގުތަކަށް ޔަޒްދާ އިންތިޒާރު ކުރަމުން ދިޔައީ ކެތްތެރިކަމެއް ނެތި އެވެ.
ބުޝްރީއަށް ގެއަށް ވަދެވުނު އިރު ފަރީހާ ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. ބުޝްރީ ވަގުތުން އަތުގައި އޮތް އެތި ޖީބަށް ލައި ފޮރުވި އެވެ. އަދި ނިތްކުރީގައި ހުރި ދާ ތިކިތައް އަތުގެ ނުފުށުން ފުހެލި އެވެ.
"އާދެވިއްޖެ ދޯ؟" ފަރީހާއަށް ބުނެވުނެވެ. "ކޮންތާކުންތޯ ތި އައީ މަށެއް ނާހާނަން. އެކަމަކު ތި އައި ތަނެއް ބުޝްރީ ޖެހޭނީ މަ ގާތު ބުނަން."
"އަހަރެން... އަހަރެން މި އައީ ރައްޓެއްސެއްގެ ގެއިން،" ހާސްކަން ފޮރުވަމުން ބުޝްރީ ބުންޏެވެ.
"ކޮން ރައްޓެއްސެއް މި ގަޑީގައި ހޭލާ އުޅެނީ؟ އެ ރައްޓެއްސަށް ކިޔަނީ ޔަޒްދާތަ؟" ފަރީހާ ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.
"ފަރީ! ކާކުތަ ބުނީ އަހަރެން އެ ގެއިންނޭ މި އައީ؟ އަހަރެން މި އައީ ނަސީފްމެން ގެއިން. އޭނައަށް ކުޑަ ކަމެއް ދިމާވެގެން އުޅޭތީ އެ ކަމާ ވާހަކަ ދައްކާލާފައި. ފަރީއަށް ގަބޫލު ނުކުރެވެންޏާ އޭނައަށް ގުޅާ ވެސް ދީފާނަން،" ފޯނު ނަގަމުން ބުޝްރީ ބުންޏެވެ.
"ކީއްކުރަން ތި ވަރަށް ތި ދޮގު ހަދަނީ؟ ރީތި ގޮތުގައި މި އައީ ޔަޒްދާ ކައިރިންނޭ ބުނި ނަމަ. އަހަރެން ހިއެއް ނުކުރަން ތިހާ ވަރަށް ބުޝްރީ ދޮގު ހަދާނެ ކަމަކަށް. އަހަރެން ގާތު އެއްވެސް މީހަކު ނުބުނޭ ޔަޒްދާ ގެއަށް ބުޝްރީ ދިޔަ ވާހަކައެއް. އެކަމަކު އަހަރެން ދެ ލޮލުން ދުށިން އެ ގެއަށް ބުޝްރީ ވަންނަތަން،" ފަރީހާގެ ހިތުގައި ޖެހުނެވެ. ކައިވެންޏަށް މިހާ ދުވަސް ވީ އިރު ބުޝްރީ ދަސްނުވީމަ އެވެ. އޭނާއަށް އޮޅުވާލީމަ އެވެ. ބުޝްރީ ވިސްނާލި އެވެ. އެއްޗެއް ބުނަން ވަގުތުކޮޅެއް ނެގި އެވެ.
"ފަރީ މިހާރު މަށަށް ފާރަލާން ވެސް ފެށީތަ؟" ހިތްހަމަނުޖެހިފައި ބުޝްރީ އަހައިލި އެވެ.
"އަދިވެސް މަ ދޯ މި ގޯސްވީ؟" ފަރީހާ ގާތަށް އިތުރަށް ރުޅިއަ އެވެ.
"ފަރީ ޕްލީޒް. އަހަރެން ތި ހީ ކުރާ ކަހަލަ ކަމެއް ނުކުރަމޭ. އެއީ މީހަކު ބުނެގެން އޭނައަށް މަ ކޮށްދޭ ކަމެއް. އަހަރެން ދައްކާ ވާހަކަ އެއް ފަހަރު ވެސް އަހާބަލަ،" ބުޝްރީ އެދުނެވެ.
"ދޮގު، ހަމަ ހުސް ދޮގު. ކާކަށް، ކޮން ކަމެއް ކޮށްދޭން ދަންވަރު ހިލޭ އަންހެނެއް ކައިރިއަށް ވަންނާނީ؟ ތި ވަރަށް އޮޅުވާލަން ހެޔޮނުވާނެއެއްނު. އަހަރެން މިއީ ބުޝްރީގެ އަންހެނުންނޭ،" ފަރީހާއަށް ރޮވޭ ގޮތްވި އެވެ. ބުޝްރީ ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ހަދާނެ ގޮތް ހުސްވެފަ އެވެ. ފަރީހާއަށް ހަގީގަތަށް ކިޔައިދެވޭކަށް ވެސް ނެތެވެ. ބުޝްރީ ހަދާ ދޮގުތައް ފަރީހާ ގަބޫލެއް ނުކުރެ އެވެ.
"އަހަރެން ހަގީގަތަށް ބުނިއްޔާ ފަރީ މި ކަމަށް އެއްބަސް ވާނަންތަ؟" ބުޝްރީ ބުންޏެވެ.
-ނުނިމޭ-
ވާހަކަ: ގަބުރުސްތާނު - ނަވާރަވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ