ގާބިލު މީހުން ގެއަށް, ނާގާބިލު މީހުން ގޮނޑިއަށް!
އެންމެން މިސާލަކަށް ދެކޭ ސިންގަޕޫރަށް ލިބުނު އެންމެ ބޮޑު އެސެޓަކީ ލީ ކުއަން ޔޫއެވެ. އިނގިރޭސި ވިލާތުން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ލީއަކީ ވީރާނާ ވެފައިވާ، ކުށް ގިނަ, އަދި އެއްވެސް އުފެއްދުންތެރިކަމެއް ނެތް ބިމެއް ތިރީހަކަށް އަހަރު ތެރޭގައި ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމަކަށް ބަދަލު ކޮށްލެއްވި ލީޑަރެކެވެ. އޭނާއަށް އެކަން ހާސިލު ކުރެއްވުނީ އާދަޔާ ހިލާފު ވަރުގަދަ ލީޑާޝިޕްގެ ދަށުން ގެންގުޅުނު ގާބިލު މީހުންގެ ސަބަބުންނެވެ. ސިންގަޕޫރު ތަރައްގީކުރެއްވުމަށް އޭނާ އެންމެ އިސްކަން ދެއްވީ ގާބިލު މީހުން އުފެއްދުމަށާއި އެ މީހުން އިސް މަގާމުތަކަށް އައްޔަންކުރެއްވުމަށެވެ. އެއީ، ހަމައެކަނި ސިންގަޕޫރު ތަރައްގީވުމުގެ ސިއްރެއް ނޫނެވެ. ދުބާއީއަށް ބެލި ނަމަވެސް ތަރައްގީގެ ފަހަތުގައި އޮތީ ތެޔޮ އެކަންޏެއް ނޫނެވެ. ނައިޖީރިއާއާއި ވެނެޒުއެލާ ފަދަ ތެޔޮ އޮވެ، ތަރައްގީނުވާ އެތައް ގައުމެއް އެބައޮތެވެ. ދުބާއީއަށް ލިބުނު ނަސީބަކީ ޝައިޚް ރާޝިދު ބިން ސަޢީދު އަލް މަޚްތޫމާއި މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ފަދަ އިހުލާސްތެރި އަދި ވިޝަނަރީ ބޭފުޅުންނެވެ. އެ ބޭފުޅުން ތަރައްގީގެ މަސައްކަތުގައި އަރިހުގައި ގެންގުޅުއްވީ އިލްމީ, ތަޖުރިބާކާރު ބޭފުޅުންނެވެ. https://www.sun.mv/180753 އެއީ ދުނިޔޭގެ ގައުމުތައް ކުރިއެރުމުގެ އެންމެ ބޮޑު ސިއްރެވެ. ގާބިލު މީހުން ތިބުމެވެ. ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެސެޓަކީ ގާބިލު މީހުންނެވެ. އެއީ ގައުމެއްގެ ނިސްބަތުން މަދު ބައެކެވެ. ގައުމެއް ކުރިއަރާނީ ވެސް އަދި ހަމަޖެހުން އޮންނާނީ ވެސް ގާބިލު މީހުން މަގާމުތަކުގައި ތިބެގެންނެވެ. ރާއްޖެއަށް ބަލާއިރު އެފަދަ މީހުން ނިސްބަތުން އަދި ވަރަށް މަދެވެ. މިއީ ކުޑަކުޑަ އާބާދީއަކަށްވާއިރު ތަޖުރިބާކާރު, އިލްމީ, ހީވާގި, އިހުލާސްތެރި, ދިވެހީން ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެ ހަގީގަތް އެގޮތަށް އޮށްވައި ދެން ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސިޔާސީ ނުފޫޒުތަކުގެ ސަބަބުން ގާބިލު މީހުން ގެއަށް ދާން ޖެހޭ ޖެހުމެވެ. މީގެ 25 އަހަރު ކުރިން މަރުކަޒީ ބޭންކުގައި ޚިދުމަތް ކުރައްވަން ފެއްޓެވި, ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީއަކުން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި, އަޙްމަދު އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އެ އިސްތިއުފާ ދެއްވީ ފައިސާ ޗާޕްކުރުން ފަދަ ދެކޮޅު ނުޖެހޭ ކަމެއް ކުރަން ސަރުކާރުން އުޅުމުން އެކަމާ ދެކޮޅު ހެއްދެވުމުގެ ސަބަބުން ދެން ކުރިމަތިވި ޕްރެޝަރުގެ ސަބަބުންނެވެ. އިމާދަކީ ސުނާމީގެ ކާރިސާއާއި ކޮވިޑްފަދަ ބޮޑެތި ވަބާތައް ގައުމަށް ކުރިމަތިވިއިރު އިގުތިސާދު ހަމަޔަކަށް އެޅުވުމަށް މަސައްކަތްކުރެއްވި ތަޖުރިބާ ކާރެކެވެ. ނަމަވެސް، ދެކޮޅު ނުޖެހޭ ކަމަކާ ދެކޮޅު ހެއްދެވުމުން އޭނާ އެ ޖެހުނީ ގެއަށް ވަޑައިގަންނަވާށެވެ. ހަމަ އެކަނި އިމާދެއް ނޫނެވެ. ފައިސާ ޗާޕް ކުރުމުގެ މައްސަލަ ހޫނުވެފައި ވަނިކޮށް, މަރުކަޒީ ބޭންކްގެ ބޯޑުގައި އިކޮނަމިކް މިނިސްޓްރީ ތަމުސީލުކުރައްވާ މެންބަރު ޝުހާދު އިބްރާހިމާއި އެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމުސީލުކުރައްވާ އަޙްމަދު ޒަޔާން މުހައްމަދު ވެސް މި ވަނީ މި ފަހުން އިސްތިއުފާ ދެއްވައިފައެވެ. ވޭތުވެދިޔަ ދެ ސަރުކާރުގައި, ޖުމުލަ 11 އަހަރު ރެޖިސްޓާ އޮފް ކޮމްޕެނީސްގެ މަގާމުގައި ހުންނެވި މަރިޔަމް ވިސާމް ވެސް މި ފަހުން މި ވަނީ އިސްތިއުފާ ދެއްވައިފައެވެ. މި ބޭފުޅުންނަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބެލި ނަމަވެސް ރާއްޖޭގައި މި ވަގުތު ނެތްވަރު ބައެކެވެ. https://www.sun.mv/203778 އިގުތިސާދީ ގޮތުން ގައުމު ވަރަށް ގޯސް ހާލަތެއް އޮށްވައި އެ ދާއިރާގެ އިސް ތަޖުރިބާކާރުންތަކެއް ގެއަށް ވަޑައިގަންނަވަން އެ ޖެހުނު ސަބަބާ މެދު ވިސްނާލަން ޖެހެއެވެ. އެ ބޭފުޅުންނަށް ލިބިވަޑައިގެންފައި ހުންނެވި އިލްމާއި ތަޖުރިބާއާ ހިލާފަށް ސިޔާސީ ކަންކަން ކުރައްވަން ޖެހުން އެއީ މައިގަނޑު ސަބަބަށްވުން ވަރަށް ގާތެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. ހަމައެކަނި އިގުތިސާދީ ބޭފުޅުންނެއް ނޫނެވެ. އޭރަކު އޮންނަ ސަރުކާރަކުން ބުނާހާ ކަމަކަށް އާނއެކޭ ވިދާޅުނުވާނަމަ ޝަރުއީ ދާއިރާ ވިޔަސް, ގައުމީ ސަލާމަތީ ބާރުގެ ބޭފުޅުންނަށް ވިޔަސް, ސިވިލް ސާވިސްގެ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވިޔަސް ޖެހެނީ ގެއަށް ވަޑައިގަންނަވާށެވެ. ކިތަންމެ ވަރަކަށް ޑިމޮކްރެޓިކްކަން ދައްކަވަން އުޅުއްވި ނަމަވެސް ތިމާ އެދޭގޮތް ނޫން އަނެއް ގޮތުގެ ހިޔާލު ހަޖަމުކުރަން ގިނަ ވެރިންނަކަށް ނޭނގެއެވެ. ނާގާބިލު ވެރިން ގިނަވެއްޖެ ދެން އޮތީ އެންމެ ހިތާމަވެރި ކަންތަކެވެ. ގާބިލު މީހުން ދުރުކޮށް އިސްކުރާ މީހުންގެ ފެންވަރެއް ނެތުމެވެ. ވޭތުވެދިޔަ ސަރުކާރުތަކާއި މި ސަރުކާރަށް ބެލި ނަމަވެސް މި މަންޒަރު ވަރަށް ރީއްޗަށް ފެންނާނެއެވެ. ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ގިނަ އަދަދަކަށް އެ ތިބީ އެ ދާއިރާތަކުގެ ތަޖުރިބާއެއް, އިލްމެއް ނެތް މީހުންނެވެ. ސޯޝަލް މީޑިއާގައި ސިޔާސީ ޒުވާބުކުރަމުން ގޮސް އެކުވެރި ގައުމުތަކާ އޮންނަ ޒަމާންވީ ގުޅުންތައް ގޯސްކޮށްލާ ހަމައަށް ގެންދަނީ ސިޔާސީ މަގާމުގައި ބޮޑު މުސާރައިގައި ތިއްބަވައިގެންނެވެ. މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާ ކިތަންމެ ބޮޑު ނަމަވެސް ސިޔާސީ ނޫން ކަމެއް ކުރާކަށް ނުއެއް ޖެހެއެވެ. ނުވެސް އެނގެއެވެ. ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް ސަރުކާރުގެ ޚަރަދު އިންތިހާއަށް މަތިވަމުން ގޮސް ހައްދުން ނެއްޓޭއިރު ވެސް މިކަން އަދިވެސް ނުހުއްޓެއެވެ. މިނިސްޓަރަށް ލަފާ އެރުވުމަށް މިނިސްޓަރު ފެންވަރުގައި ވެސް ބޭބޭފުޅުން އައްޔަންކުރައްވަނީއެވެ. އިށީންނާނެ ގޮނޑިއެއް, ކުރާނެ ކަމެއް ނެތަސް ވަޒީފާތައް އިންތިހާއަށް އުފައްދައި ބަހަނީއެވެ. ސިޔާސީ ގޮތުން ގާތްނަމަ އެ މީހެއްގެ މުޅި އާއިލާއަށް ވެސް މަގާމުތައް ބަހާލަނީއެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އާ ވާހަކަދެއްކި ސަރުކާރުގެ ކުރީގެ ބައެއް މުވައްޒަފުން ވަނީ މިހާރު އޮތް މަސައްކަތުގެ މާހައުލާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ބުނަނީ ޕްރޮމޯޝަންތަކާއި މަގާމުތަކަށް މީހުން އައްޔަންކުރުން މިހާރު އޮންނަނީ ކޮލިފިކޭޝަނާއި ތަޖުރިބާއަށް ބެލުމުގެ ބަދަލުގައި ސިޔާސީ ވަފާތެރިކަމަށް ބަލައިގެން ކަމަށެވެ. "އެތައް އަހަރުތަކެއް ވަންދެން މަސައްކަތްކޮށް ދީގެން މި ތިބީ. އެކަމަކު، އަޅުގަނޑުމެންގެ ބަހެއް ނުވިކޭ. އެކަމަކު މިހާރު އެ ދާއިރާގެ އެއްވެސް މައުލޫމާތެއް ނޭނގޭ ތަޖުރިބާ ނެތް ސިޔާސީ އެކްޓިވިސްޓުން ދަނީ ނިންމުންތައް ނިންމަމުން. އެއީ މޯޓިވޭޝަން ގެއްލޭ ސަބަބަކީ،" ސަރުކާރުގެ އިދާރާއެއްގެ ކުރީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. އަނެއް ބަޔަކު ބުނަނީ ސިޔާސީ ގޮތުން ހިޔާލު ތަފާތު މީހުން އެއްފަރާތްކޮށް ނުވަތަ ވަކިވާން ޕްރެޝަރު ކުރަމުންދާތީ ވަޒީފާގެ ރައްކާތެރިކަން ނެތް ކަމަށެވެ. މީހާގެ ގާބިލުކަމާއި ހުނަރަށް ވުރެން ސިޔާސީ ވަފާތެރި ކަމަށް އިސްކަން ދޭ މަސައްކަތު މާހައުލަކީ ވަރަށް “ޓޮކްސިކް” ތަނަކަށް ނޫނީ ނުވާނެއެވެ. މިކަމުގެ ހިތި ނަތީޖާއަކީ ކޮބާ؟ ތަޖުރިބާކާރުންގެ ބަދަލުގައި ގާބިލު ނޫން މީހުން މަގާމުތަކުގައި ތިބުމުގެ ސަބަބުން ގައުމު ހިންގުމަށް ދިގު މުއްދަތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ. ޚާއްސަކޮށް އިންފްރާސްޓްރަކްޗާ ޕްލޭނިންއާއި ފައިނޭންޝަލް މެނޭޖްމަންޓް ފަދަ ދާއިރާތަކަށް ފަންނީ ތަޖުރިބާ ބޭނުންވެއެވެ. ނޫންނަމަ މާލީ ގެއްލުމާއި، ޢާންމު ޚިދުމަތްތައް ދަށަށް ދިއުމަކީ އެންމެ ގާތް ކަމެވެ. "ހުނަރާއި ޢިލްމުގެ ބަދަލުގައި ސިޔާސީ ވިސްނުމުގައި ވެރިން އިހުތިޔާރުކޮށްފިނަމަ ސަރުކާރެއް ހަރުދަނާ ގޮތެއްގައި ނުހިންގޭނެ. މިކަމުގެ ސަބަބުން މުއައްސަސާތައް ބަލިކަށިވެ ނިންމުންތައް ނިންމުން ގޯސްވޭ،" ހިންގުމުގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ. ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ. _ފޮޓޯ/އަރުޝަދު އަހުމަދު) ސަރުކާރުތަކުން ފެންނަ ހަގީގަތަކީ ވަޒީފާތައް ކޮލިފިކޭޝަންގެ ބަދަލުގައި ސިޔާސީ ވަފާތެރިކަމުގެ މައްޗަށް ބިނާކޮށް ދޭއިރު ކޮރަޕްޝަންގެ އަމަލުތައް އިތުރުވާ ކަމެވެ. ގާބިލުކަން ނެތް މީހުން ބާރުގެ ބޭނުން އަމިއްލަ ނުވަތަ ޕާޓީގެ މަންފާއަށް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ރިޝްވަތު ދިނުމާއި، ފޭވަރިޒަމް އިތުރުވެ، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ވަނީ އާއްމުވެފައެވެ. ނާގާބިލު, ސިޔާސީ އެކްޓްވިސްޓުން އިސް މަގާމުތަކަށް އައްޔަންކުރާއިރު މިއީ ތައުލީމު ހާސިލުކުރާ އަދި އިހުލާސްތެރިކަމާ އެކު ބުރަ މަސައްކަތްކުރާ މީހުންނަށްދެވޭ ވަރަށް ގޯސް މެސެޖެކެވެ. މިހާރު ވެސް މި ގައުމުގައި ކަން ހިނގާ ގޮތުން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައިވަނީ ތައުލީމު މާ މުހިންމު ނޫން ކަމަށެވެ. އޭގެ ބަދަލުގައި ސޯޝަލް މީޑިއާގައި ސިޔާސީ ޒުވާބުކުރުމުން ވަޒީފާއާއި މަގާމު މަތިވާ ކަމެވެ. ގައުމު ތަރައްގީކުރަން ބޭނުން ނަމަ މި އިހުލާސްތެރިކަން ހުންނަން ވާނެއެވެ. އިސް މަގާމުތަކުގައި ތިބެން ވާނީ ވިދާޅުވާ ކަމަކަށް އެއްބަސްވާނެ ބޮޓުންނެއް ނޫނެވެ. ހެވާއި ނުބައި ވަކި ކޮށްދޭނެ ގާބިލު, ތަޖުރިބާއާއި އިލްމު ހުރި މީހުންނެވެ. ނަމަވެސް، ރާއްޖޭގެ މިއަދު ސިޔާސީ ހަގީގަތަކީ އެއީއެއް ނޫނެވެ. ގާބިލު މީހުން ދާން ޖެހެނީ ގެއަށެވެ. މަގާމުތަކަށް މި އިސްވަނީ ވިދާޅުވިހާ ކަމަކަށް އާނއެކޭ ބުނާ ސިޔާސީ މީހާއެވެ. މިއީ ސިންގަޕޫރާއި ދުބާއީފަދަ ގައުމުތައް ތަރައްގީވި ގޮތާ ދިމާ އިދިކޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ