ދަރިފުޅަށް އަލްވަދާއު: އެންމެ ފަހު ވަގުތު ވެސް ދެއްކީ ހިތްވަރު

މިވީ ހަ އަހަރުދުވަހުގެ ތެރޭގައި އައިމިނަތު ޝަފާގެ މުޅި ދިރިއުޅުން އެނބުރެމުން ދިޔައީ އޭނާގެ ދަރިފުޅު ވަށައިގެންނެވެ. ހުރިހާ ފައިސާއެއް، ހަކަތައެއް ހުސްކުރީ ދަރިފުޅަށް ފަރުވާ ކުރުމުގަ އެވެ. އެ މީހުންގެ ހުރިހާ ވެސް އުއްމީދަކީ އެންމެ ފުރިހަމަ ކުއްޖަކަށް ނުވި ނަމަވެސް، ދަރިފުޅަށް ލިބެމުން ދިޔަ ވޭނާއި އުނދަގޫތަކަށް ކުޑަވެސް ތަސައްލީއެއް ހޯދައިދިނުމެވެ.
އެކަމަކު ސިއްހީ އިހުމާލަކުން، ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހުނު ތުއްތު ޔޫސުފް ކިނާން ހާމީ ރޭގެ ވަގުތެއްގައި ވަނީ ދުނިޔެއާ އަލްވަދާއު ކިޔާފަ އެވެ. ފަރުވާއެއް ލިބޭތޯ މަސައްކަތް ކުރި ނަމަވެސް، ހާލަތު ދަށަށް ގޮސް ކިނާން މަރުވުމާ އެކު އެ މަންމަގެ ހިތް ކުދިކުދިވި އެވެ. އެކަމަކު އެ ހުރިހާ ވަގުތެއްގައި އޭނާ ދެއްކީ ހިތްވަރެވެ. ތައުޒިއާގެ މެސެޖްތަކާ އެކު، އެންމެން ވެސް ދައްކަމުން ދިޔައީ މިވީ ހަ އަހަރުގެ ތެރޭގައި ޝަފާ ދެއްކި ހިތްވަރެވެ.
ހިނގުމާއި ވާހަކަ ދެއްކުމާއި ފެނުމުން މަހުރޫމްވެފައިވާ ދަރިފުޅުގެ މުސްތަގްބަލު އުޖާލާކޮށްދެވޭތޯ އޭނާގެ މައިންބަފައިން ކުރި ދަތުރުގެ ވާހަކަ 'ދައުރު'އިން ލިޔުނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އިހުމާލާއި ވޭނުގެ ތެރެއިން މައެއްގެ ލޯބި، އޭގެ އިންތިހާއަށް ކިޔައިދޭ މި ވާހަކަ ގިނަ ބަޔަކަށް އިބްރަތަކަށްވި އެވެ.
އެ ރިޕޯޓުގައި ޝަފާ ކިޔައިދިނީ، އަލަތު ދަރިފުޅަށް ބަނޑުބޮޑުވުމާ އެކު އެންމެ ސިއްހަތު ރަނގަޅު ކުއްޖަކަށް އުއްމީދުކޮށް އޭނާވި ތައްޔާރީތަކުގެ ވާހަކަ އެވެ. ބަނޑުބޮޑު އިރު މާ ގަދައަށް ހުން އައުމާއި ވިހޭއިރު ދަރިފުޅަށް އޭގެ އަސަރުކޮށް، ވިހޭ ތަނުން ފިޓު ޖެހުމުން އަވަސް ފަރުވާ ހޯދި ގޮތެވެ. އެކަމަކު އިންޑިއާގައި ދަރިފުޅަށް އޮކްސިޖަން ދިނުމާ ހަވާލުވެގެން ތިބި ނަރުހާއި ޑޮކްޓަރަށް ނިދި ޖެހި، އެ ކުއްޖާއަށް އޮކްސިޖަން ނުލިބި ސިކުނޑިއަށް ގެއްލުންވި ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހުނު ގޮތެވެ. އެކަމަށް އިންސާފު ނުލިބި، ދަރިފުޅުގެ ބައްޔާ ކުރިމަތިލާން އެ މީހުންނަށް ކުރިމަތިވި ގޮންޖެހުންތަކެވެ.
އެކަމަކު އެންމެންގެ ލޯބި އޭނާ ހޯދީ ކަށިން ހިތްވަރު ނެރެގެން، އެންމެ ދުވަހެއް ވެސް ދަރިފުޅު ވޭނާ ނުލައި އުޅެވޭނެ ގޮތެއް ބެލުމަށް އޭނާ ކުރި މަސައްކަތުންނެވެ. ޝަފާ ކިޔައިދިން ގޮތުގައި، ކިނާން ބެލީ މަންމަގެ ލޮލުންނެވެ. ވާހަކަ ދެއްކީި މަންމަގެ ދުލުންނެވެ. ހުރިހާ ވަގުތެއްގައި ވެސް އެންމެ އިންތިޒާރު ކުރީ މަންމަގެ ބީހިލުމާ އެވެ. އެހެންވެ، އޭނާގެ ހުރިހާ ވެސް އުފަލެއް ގުޅިފައިވީ ކިނާނުގެ ހިނިތުންވުމާ ކަމަށް ބުންޏެވެ.
މިވީ ދުވަސްތަކުގައި ޝަފާ ދިޔައީ ދަރިފުޅާ އެކު އޭނާ ކުރި މި ދަތުރުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އެންމެ ފަހުން އޭނާ ހިއްސާކުރީ، ފަރުވާ ހޯދުމަށް ދަރިފުޅު ހޮސްޕިޓަލުގައި އޮއްވާ ނަގާފައިވާ ފޮޓޯއަކާ އެކު އޭނާގެ އިހުސާސްތަކެވެ.
"ކިނާން އަކީ އަހަރެންގެ ސަމުގާ އެވެ. ނިންމާ ކޮންމެ ނިންމުމެއް، ހަޔާތުގެ ކޮންމެ ކަމެއް ދައުރުވީ އޭނާގެ ވަށައިގެންނެވެ. އޭނާއާ ނުލައި އަހަރެން ގެއްލިއްޖެ އެވެ. ދެން ދާނެ ތަނެއް ކުރާނެ ކަމެއް ނޭނގެ އެވެ،" ޖަޒްބާތާ އެކު ޝަފާ ލިޔެފައިވެ އެވެ.
ހިތް ފުނޑުފުނޑުވެފައިވާ ހާލު އޭނާގެ ގިނަ އިހުސާސްތަކެއް އެ ލިޔުމުގައި އޭނާ ބޭރުކުރި އެވެ. ދަރިފުޅާ ނުލާ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތާ މެދު އޭނާ ސުވާލު ކުރި އެވެ. އެކަމަކު ރޭ ދަންވަރު އޮތް ކިނާންގެ ޖަނާޒާގައި ބައިވެރިވި އެންމެންނަށް ވެސް ފެނުނީ އެންމެ ފަހު ވަގުތާ ޖެހެންދެން އެ މަންމަ ކުރި ހިތްވަރެވެ. ކަފުނުގައި ދަރިފުޅު އޮތްއިރު، ތަކުރާރުކޮށް، ދަރިފުޅުގެ މޫނުގައި ބޮސްދީ ހެދި ތަނެވެ. ކަރުނުގެ ތެރެއިން ހިނިތުންވެލަން މަސައްކަތް ކުރި ތަނެވެ.
ކިނާންގެ ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި އިރު، އެ އެންމެންނަށް ވެސް ޝަފާގެ ހިތްވަރު ފެނުނެވެ. އޭނާއަށްޓަކައި ގިނަ ބަޔަކު ދުއާ ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ