ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒުއަކީ ދުންފަތު އިސްތިއުމާލް ކުރައްވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ދައުވާ އުފުލައިފި އެވެ.
މި މައްސަލާގައި ދައުވާ ކުރަން ނިންމިކަން އިއުލާނުކުރީ ރައީސްގެ އާއިލާގެ ފަރާތުން މާޗު 16، ގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ އާއިލާގެ ގާނޫނީ ވަކީލު، އާޒިމާ ޝަކޫރު އެވެ. މަންދީގެ އިތުރުން އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ މައްޗަށްވެސް ދައުވާ ކުރާނެކަން އާޒިމާ އެދުވަހު ވިދާޅުވި އެވެ.
އާޒިމާގެ ލޯ ފާމު، ރެހެންދި ޗެމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަންދީގެ މައްޗަށް ދައުވާކޮށް މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށް ކަމަށެވެ.
ދައުވާ ކުރަން ނިންމީ ގާނޫނުއަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާއިން ކުޑަކުދިންނަށް ލިބިދޭ ހައްގުތައް ނިގުޅައިގަނެފައިވާތީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި މިއަދުގެ ބަޔާނުގައިވެސް އާޒިމާ ވަނީ މަންދީގެ ވާހަކަތަކުގެ ސަބަބުން އުމެއިރުގެ ފުރާނައަށާއި ރައްކާތެރިކަމަށް ނުރައްކާވެފައިވާ ކަމަށެވެ.
ހަމަ އެ ދުވަހު ނެރުއްވި ބަޔާނެއްގައި ސާޖިދާ ވަނީ އުމެއިރު އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ކުއްޖެއް ނޫން ކަމަށާއި އޭނާ ވޭޕް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީގެ މުޒާހަރާގައި މަންދީ ބުނީ ރާއްޖެއިން ވޭޕް މަނާކުރަން ނިންމީ ރައީސްގެ ދަރިއަކު އެކަން ކުރާތީ ކަމަށެވެ.
މި ކަންތައްތަކުގެ ސަބަބުން އުމައިރުގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުސަތުތައް ވަނީ ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރައްވާ ކަމަށްވެސް ސާޖިދާ އެ ދުވަހު ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
މަންދީގެ މައްޗަށް ފަސްޓް ލޭޑީ ސާޖިދާ ސިވިލް ކޯޓުގައި ދައުވާކޮށްފި މަންދީގެ މައްޗަށް ފަސްޓް ލޭޑީ ސާޖިދާ ސިވިލް ކޯޓުގައި ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ