މިނިސްޓްރީން މާލޭގައި އުފާވެރިކަމުގެ ދުވަސް ފާހަގަކޮށް، ހަދިޔާ ބަހަނީ
"ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަސް" ގިނަ ބަޔަކަށް އުފާވެރިކަން ގެނުވައިދޭ ފަދަ ގޮތަކަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއިން ފާހަގަކުރުމަށް ތައްޔާރުވެފައި ވާކަމަށް ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަހަކީ މާރިޗު މަހުގެ 20 ވަނަ ދުވަހެވެ. ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނީ އެ ދުވަސް ފާހަގަކުރުމަށް މިއަދާއި، މާދަމާ މާލޭގައި ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި، ގިފްޓް ޕެކް ހަވާލުކުރުމާއި، ދުވަހާ ގުޅޭ ކާޑު ބެހުމާއި، މާ ހަދިޔާކުރުމާއި، ދުވަހުގެ ތަހުނިޔާ ފޮނުވުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ޓީވީއެމުން މިހާރު ލޯންޗްކޮށްފައިވާ "ހިތްހެޔޮކަމުން އުފާވެރިކަން" މި ކެމްޕޭނުގެ ދަށުން ހިތްހެޔޮކަމާއި، އޯގާތެރިކަމުން އުފާވެރިކަން ގެނުވައިދޭ ފަދަ ވީޑިއޯ ފޮނުވުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ނަމްޒާ ވިދާޅުވިއެވެ. އެ މިނިސްޓްރީން ބުނީ މި އަހަރުގެ "ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަސް" ފާހަގަކުރަނީ ހެޕިނަސް އިންޑެކްޝަންގެ ޕާޓްނަރުން ކަމުގައިވާ ޕީއެސްއެމާއި، ދިރާގުގެ އިތުރުން ފުލުހުންނާއި، އުރީދޫ މޯލްޑިވްސްއާއި، ވީބީ މާޓް އަދި ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށެވެ. އެ ހަރަކާތްތަކުގައި ބައިވެރިވުމަށް މުއައްސަސާތަކުގެ ފެންވަރުގައިއާއި، މުޖުތަމައުގެ ފެންވަރުގައި އަނެކުންނަށް އެހީތެރިވެ، އޯގާތެރިވުމުގެ ގޮތުން ކޮންމެވެސް ކަމެއްކޮށް ދިނުމަކީ މި ދުވަސް، ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ މަތިވެރި އެއް މަގުސަދު ކަމަށް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ