ރ. ދުވާފަރު - މެންދުރުގެ ގަދަ އަތްވާއި ހޫނުގައި މުންޑެއް އަނދެލައިގެން ގަންޖުފަރާސް ވެސް ނުލާ ތާރު އެޅިމަގުގައި ހުސްފަޔާ ހަލުވި ހިނގުމެއްގައި އެހެރަ ފައިބައިގެން ދަނީ މި ރަށު ފިނި މައިޒާންގޭ ގާސިމް މުހައްމަދެވެ. އާންމުކޮށް ކިޔާ ގޮތުން ނަމަ، ގާސިމްބެ އެވެ. އުމުރުން މިހާރު 66 އަހަރެވެ. އެކަމަކު އޭނާގެ ހަރަކާތްތައް އަވަހެވެ. އުމުރުން ދުވަސްވުމުގެ ވޭނެއް ތަކުލީފެއް އޭނާގެ ނެތެވެ.
މިސްކިތުން ފޭބިގޮތަށް އެ ހޫނުގައި ވެސް އޭނާ އެ ވަނީ މަސް ކައްކާ ހިއްކުމުގެ މަސައްކަތަށް އޭނާ ގެންގުޅޭ ކުޑަވަރެއްގެ ބަދިގެއެއް ކަހަލަ ތަނަކަށެވެ. އެތަނުގެ ތެރޭ މަސައްކަތުގައި އަވަދިނެތި އެ ހުރީ އޭނާގެ އަންހެނުން ފާތިމަތު މުހައްމަދު، 63، އެވެ. ބޮޑު ލޯގަނޑެއް ފުރާ ކައްކާފައި ހުރި މަސްތަކުން ކަށި ފިލުވައި އެ މަސްތައް ދުމަށި މަތީ އެތުރުމަށް އޭނާ ދިޔައީ ތައްޔާރުކުރަމުންނެވެ. ރީދޫ ހަންބުރިއަކަށް އެ މަސްތައް އެޅުމުން ތެލި ބޮލަށް ލައިގެން ގާސިމްބެ ގޮސް، އެ މަސްތައް ދުމަށި މަތީ އަތުރާލަނީ އެވެ.
މި ދެމަފިރިންގެ ކޮންމެ ދުވަހެއްގެ މަސައްކަތަކީ މަސް ކައްކައި ހިއްކުމާއި ރިހާކުރު ފަދަ މަހުގެ އެކި ބާވަތްތައް ތާއްޔާރުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްކުމެވެ. މިއީ ވަރުބަލިކަމެއް ނެތި މި ދެމަފިރިން ކުރާ ގަދަބަދަވި މަސައްކަތެކެވެ.
"މި މަސައްކަތް ކުރާތާ މިހާރު މިވީ 40 އަހަރު. ހަގު ދަރިފުޅަށް 10 އަހަރުގައި މިކަން ފެށީ،" ވާހަކަ ފެށީ ފާތުންނެވެ.
"މިއީ އަހަރުމެން ދެމަފިރިން ކުރާ މަސައްކަތް، ބަލައިލަބަލަ. މިކަހަލަ މަސައްކަތް ކުރަން މިހާރު މި އުޅޭ ކުދިންނަށް ނުވެސް ކެރޭނެ. އެކަމަކު އަޅެ މިއީ ދެރަ މަސައްކަތެއްތަ؟" ހިނިގަނޑެއް ޖަހާލަމުން ގާސިމް ބުންޏެވެ.
"ހަމަ މި މަސައްކަތުން ވެސް ލިބެނީ ފައިސާ."
ގާސިމްގެ ދެމަފިރިން، ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސް ކައްކަން ފަށައިގަތީ، އެ މީހުންގެ އުފަން ރަށް ކަނދޮޅުދޫއަކީ މަސްވެރި ރަށަކަށް ވީ ނަމަވެސް، ބާނާ މަހަށް ހަދާނޭ ގޮތެއް ނޭނގިގެން، އުކާލަން ޖެހޭ ފަހަރުތައް އަންނާތީ އެވެ. އުކާލަން ޖެހޭ މަސް އެ ދެމެފަރިންނަށް ފެނުނީ ރަނުގެ ގޮތުގަ އެވެ. ރަހުމަތްތެރިއަކު ދިއްކޮށްލި ފައިސާގެ އެހީއެއްގައި އެ މީހުންގެ ހަޔާތް އެ މަސައްކަތުގެ މަތީގައި ތަރުތީބު ކުރީ އެވެ. އާ ފުރުސަތުތައް ހޯދީ އެވެ. މަސްވެރިކަމުގެ ތެރެއިން ހަޔާތަށް އާރޯކަމެއް ހޯދީ އެވެ.
"ކަނދޮޅުދޫ ނަސީރަކީ އަހަރުމެންގެ ވަރަށް ގާތް މީހެއް. ދެން އޭނާ ކިޔައިފި ތި ދެމަފިރިން ދިރިއުޅުމަށް ރަނގަޅު މަސައްކަތެއް ފަށަން ވީނޫންހޭ. ދެން އޭޭނާ ދިން ލާރިއަކުން އަހަރުމެން ދެ މީހުން ފުރަތަމަ ދޯނިތަކުން މަސް ގަނެ ކަނޑައިގެން ކައްކަން ފެށީ. ދެން އެކަމުގެ ނަތީޖާ ވަރަށް ރަނގަޅުވި،" ފާތުން ބުންޏެވެ.
އެ ހިސާބުން އާ ހިތްވަރަކާއި ބާރެއްގައި އެ މީހުންގެ މަސައްކަތް ފަށައިގަތީ އެވެ. ދެތިން ގޯތި ކުއްޔަށް ނަގައިގެން ބޮޑެތި ދުމަށި ޖަހައިގެން ވެސް އެ މަސައްކަތް ކުރަން ފެށީ އެވެ.
މަސް ކައްކައި ހިއްކުމުގެ މަސައްކަތް ހުއްޓާނުލާ ކުރާތާ އެތައް ޒަމާނެއް ވިޔަސް މި އުމުރުގައި ވެސް އެ މީހުންގެ ކިބައިން ވަރުބަލިކަމެއް ފޫހިކަމެއް ނުފެނެ އެވެ. ކޮންމެ ދުވަހެއްގެ ފަތިސް ނަމާދަށް ފަހު މި ދެމަފިރިންގެ މުޅި ދިރިއުޅުމަކީ މި އެވެ. އެ މަސައްކަތް ވެފައި ވަނީ އެ މީހުންގެ ހަޔާތުގެ އުފަލަށެވެ. އެއީ އެ މީހުންގެ ދިރިއުޅުން އުޖާލާކޮށްދީ އާ ދިރުން ގެނެސްދޭ މަސައްކަތެވެ.
"ކުރާ މަސައްކަތެއް ލޯބިން ކުރުން، ހިތްވަރާ އެކު ކަމަށް ކަމޭހިތައިގެން މަސައްކަތް ކުރާތީ މި މަސައްކަތުގައި މި ދެމިތިބެވެނީ،" ފާތުން ބުންޏެވެ.
ސުނާމީއަށް ފަހު ކަނދޮޅުދޫ ދޫކޮށްލަން ޖެހުނު ނަމަވެސް ގާސިމްގެ ދެމަފިރިންގެ އެ މަސައްކަތަކަށް ހުއްޓުމެއް ނާދެ އެވެ. ކައްކާފައި ހުރި ގިނަ އަދަދެއްގެ މަސް އުކާލާފައި ރަށުން ފައިބައިގެން އަންނަން ޖެހުނަސް ހިކިފަސްތަނެއްގައި ފައި ޖެހޭ އިރަށް އަނެއްކާވެސް އެ ދެމަފިރިން އެ މަސައްކަތް ފަށައިގަތީ އެވެ. ސުމަކުން ކަހަލަ ގޮތަކަށް ފަށައި ގެއްލިދިޔަތަން އަނބުރާ ހޯދީ އެވެ.
"އުނގޫފާރަށް އަޅުގަނޑުމެން ދެމަފަރިން ގެންދިޔައީ. އެތަނުގައި ވެސް އަޅުގަނޑުމެން މި މަސައްކަތް ކުރީ. އަނެއްކާ ދޮށީ ދަރިފުޅާއި އޭނާގެ އަންހެނުން ހުޅުދުއްފާރަށް ގެންދިޔައީ. އެ މީހުން ވެސް އެ ރަށުގައި މިކަން ކުރި،" ފާތުން ބުންޏެވެ.
އޭނާގެ ފަހަތުން ގާސިމް އެއަށް ވުރެ ބާރަށް ބުނީ، "ހެޔޮ ހާލުގައި ތިބިހާ ދުވަހަކު މި މަސައްކަތް ނުހުއްޓާނެ" ކަަމަށެވެ.
"މަސައްކަތެއް ނެތި ހުންނަން ވެއްޖިއްޔާ އަހަރެން ފޫހިވެދާނެ، ބަލިވެދާނެ،" މި އުމުރުގައި ވެސް ސިއްހީ ބޮޑެތި މައްސަލަތަކެއް ނެތް ސާދާ ދިރިއުޅުމެއްގައި އުޅޭ ގާސިމް ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ދުޅަހެޔޮ ސިއްހަތެއްގެ އަސްލަކީ ހީވާގިކަމާ އެކު މަސައްކަތުގައި ދެމިހުރުމެވެ.
"މިހެން މި އުޅެވެނީ މި މަސައްކަތްތައް މިހެން ކުރާތީ. އަތް އުރާލައިގެން ނުހުންނާތީ. އަހަންނަކަށް ނިދާކަށް ނޯވެވޭނެ،" ގާސިމް ބުންޏެވެ.
"ކަޅު ސައި ބޯލައިގެން މިކަމުގައި އުޅެނީ."
މަސްދޯނި ގިނަ މި ރަށަށް ބާނާ މަހުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މަސް ގަންނަ މީހުންގެ ތެރޭގައި މި ދެމަފިރިން ހިމެނެ އެވެ. މަހެއްގެ މައްޗަށް 10-12 ޓަނުގެ މަސް އެ މީހުން ކައްކައި، ހިއްކައި ދިލަޖައްސައި ވަޅޯކޮށް ނުވަތަ ލޮނު އަޅައިގެން މާލޭގެ ބާޒާރަށް ފޮނުވަ އެވެ. އެ މަހުން ރިހާކުރު ހަދައި އެކި ރަށްރަށަށް ފޮނުވަ އެވެ. އެއީ އެ ދެމަފިރިންނަށް ފައިދާ ބޮޑު މަސައްކަތެކެވެ.
"އަށް ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ބަލައި ބޮޑު މި ކުރެވުނީ ހަމަ މި މަސައްކަތް އަހަރުމެން ދެ މީހުން ކޮށްގެން. ސިނގިރޭޓް ބޯ ކުއްޖެއް، ގުރޫޕް ހަދައިގެން ރަށުތެރޭގައި އުޅޭ ކުއްޖެއް ނުހުންނާނެ. އެ ހުރިހާ ކުދިން ވެސް ވަރަށް ރަނގަޅު،" ފާތުން ބުންޏެވެ.
"ގެ ހަދައި ގޭތެރޭގެ ހުރިހާ ހަރަދެއްކޮށް މި ކަންކަން މި ކުރެވެނީ ހަމަ މިކަމުގެ ތެރެއިން."
ދެމަފިރިންގެ މަސައްކަތުގައި މިހާރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ މީހުންގެ ހުރިހާ ދަރިން އެ މަސައްކަތަށް އެކި ގޮތްގޮތުން ދޭ އެހީތެރިކަމެވެ. އަމަލީ ގޮތުން އެ މަސައްކަތުގައި ބައިވެރިވެ އެވެ. ސީދާ މަހަށް ގޮސް މަސްވެރިކަމުގައި ވެސް އޭނާގެ ދަރިން އުޅެ އެވެ. މަސައްކަތް ފުޅާކުރަން އާ ގޮތްތައް ހޯދާ ބަލަނީ ވެސް އެ މީހުންގެ ދަރިންނެވެ.
ދެމަފިރިން މަސްކައްކައި ހިއްކުމުގެ މަސައްކަތުން އެކަނި ފަރުޖައްސާލީއެއް ނޫނެވެ. އެ މަސައްކަތުން ލިބޭ އާމްދަނީ އެހެން ވިޔަފާރިތަކަށް ވެސް ފުޅާކުރީ އެވެ. ތެޔޮ ވިއްކުމާއި ގޭސް ވިއްކުން ފަދަ ވިޔަފާރިތައް ވެސް އެ ދެމަފރިން އެ އަންނަނީ މިހާރު ކުރަމުންނެވެ. އަދި ޕިިކަޕް ދުއްވައިގެން ވެސް އާމްދަނީ ހޯދަ އެވެ. އެ ވިޔަފާރިތަކުގައި ބޮޑަށް އުޅެނީ އޭނާގެ ދަރިންނެވެ.
"ތެޔޮ ވިއްކުން ވެސް ފެށީ. ދެން އެހެން ވިޔަފާރިތައް ވެސް ފެށީ މި މަސައްކަތުން މި ލިބުނު އެއްޗެއް ބަހައްޓައިގެން ގިނަކޮށްގެން. ހުރިހާ ދަރިން ވެސް މި ވިޔަފާރިތަކުގައި އެބަ ބައިވެރިވޭ. އެއީ އުފަލެއް، އެއްވެސް ކުއްޖެއް ނުބައި މަގަކުން ނުގޮސް އަޅުގަނޑުމެންގެ މި ހުރިހާ ކަމެއްގައި އެހީތެރިވެ ބައިވެރިވެ އުޅޭތީ. މިކަން ކުރަމުން ދަރިން ވެސް މި ތަރުބިއްޔަތު ކުރީ،" ފާތުން ބުންޏެވެ.
ބުރަ މަސައްކަތާ އެކު އެ މީހުންނަށް އޮތް ހިތާމައަކީ ރަސްމީ އިދާރާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމެވެ. ދުވާފަރުގައި އެ މަސައްކަތް ކުރަން ބިމެއް ހޯދަން އެދުނު ނަމަވެސް އަދިވެސް އެކަމެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ މީހުންނަށް އެ މަސައްކަތް ކުރަން ޖެހިފައި ވަނީ ހުސްކޮށް އޮތް ބިމެއްގައި ރަސްމީ ހުއްދައެއް ނުނަގައި އަމިއްލައަށް ތަނެއް ހަދައިގެންނެވެ. އެކަން އެގޮތަށް ކުރާތީ ބައެއް ފަހަރު މައްސަލަ ވެސް ޖެހިފައި އެބަހުއްޓެވެ.
"އެތައް ފަހަރަކު އަޅުގަނޑުމެން އެދެފިން ބިމެއް ހޯދަން މި މަސައްކަތް ކުރަން. އެކަމަކު ބިމެއް ނުދޭ މިކަހަލަ މަސައްކަތަކަށް އަދިއެއް މި ރަށަކުން. ވިޔަފާރިތައް ކުރަން. އަޅުގަނޑުމެން ދިރިއުޅުމަށް ކުރާ ކަމެއް އެހެނޭ ކިޔާފައި ނުކޮށެއް ނުތިބެވޭނެ. އަނެއްކާ މިތަން އެހާ ކުޑަ،" ފާތުން ބުންޏެވެ.
ގާސިމްގެ ޝަކުވާއަކީ ވެސް އެ މީހުންގެ އަގު ވަޒަން ކުރާނޭ އިދާރާއެއް ވެސް ނެތުމެވެ. ދިވެހި މަސްވެރިން ބާނާ މަހުން ތަފާތު ބާވަތްތައް އުފައްދައި ބާޒާރަށް އެ ދެމަފިރިން ނެރުނަސް އެކަން ފުޅާކުރަން ލޯނެއް ވެސް ނުލިބެ އެވެ.
"އަހަރުމެންގެ އަގު ވަޒަން ކޮށްލާނެ ބަޔަކު ނެތް. އެވޯޑާއި ލޯނާ މިކަހަލަ އެއްޗިހި ވެސް އަހަރުމެންނަކަށް ލިބޭނެ ގޮތެއް ނޯވޭ،" ގާސިމް ބުންޏެވެ.
އެކަމަކު ގާސިމް ނިންމާލަމުން ވެސް ބުނީ ހަމަ އެއް ވާހަކައެކެވެ. ކޮންމެ ދައްޗަކާއި ތުރާލެއްގައި ވެސް އެ މަސައްކަތް ހުއްޓާލަފައި ގެއަށް ނުވަންނާނެ ކަމަށެވެ. ހެޔޮ ހާލުގައި ހުރިހާ ދުވަހަކު އެ ދެމަފަރިން އެ ތިބީ މުރާލި މަސައްކަތުގަ އެވެ. އެއީ އެ މީހުންގެ އުފަލެވެ. ހިތްހަމަޖެހުމެވެ. އެ މީހުންނަށް މިއީ އަރާމު އެންމެ ފައްކާ ދިރިއުޅުމެވެ.
ގާސިމާއި ފާތުންގެ 40 އަހަރުވީ މި މަސައްކަތަކީ މި ޖީލަށް ނަމޫނާއެކެވެ.
ގާސިމާއި ފާތުން: ލާމަސީލު، ލޯބި ހަޔާތެއްގައި މަސް ކައްކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ