ހަނގުރާމައާ ގުޅިގެން ޓްރަމްޕްގެ ހުށަހެޅުއްވުމަށް ޕުޓިން އެއްބަސްވެވަޑައިގެންފި
ރަޝިޔާ އާއި ޔޫކްރޭނުން އެއްބަޔަކު އަނެއްބައެއްގެ ހަކަތަ އުފައްދާ ތަންތަނަށް ދޭ ހަމަލާތައް އެއް މަސް ދުވަހަށް މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަކަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެއްބަސްވެވަޑައިގެން ހަމަލާތައް މެދުކަނޑާލުމަށް ރަޝިޔާގެ އަސްކަރިއްޔާއަށް އަމުރު ކުރައްވާފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ. ޕުޓިން އެގޮތަށް އެއްބަސްވެވަޑައިގަތީ ދެ ބޭފުޅުން ކުރެއްވި ފޯނު ކޯލެއްގައެވެ. ވައިޓް ހައުސްއިން ސިފަކުރި ގޮތުގައި އެ ފިޔަވަޅަކީ ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުމަށް ސުލްހައަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަޅެވެ. "ދެ ލީޑަރުން ވެސް އެއްބަސްވީ ހަނގުރާމަ ނިމުމަކަށް އަންނަން ޖެހޭނީ ދެމިއޮންނަ ސުލްހައަކާއެކު ކަމަށް." ވައިޓް ހައުސްގެ ބަޔާނުގައިވެއެވެ. ވައިޓް ހައުސްއިން އިތުރަށް ބުނީ އެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާތައް ވަގުތުން ފެށޭނެ ކަމަށެވެ. ޔޫކްރޭންގެ އޮފިޝަލުން ވަނީ ކަޅު ކަނޑާއި، ދުރު ރާސްތާގެ މިސައިލް ހަމަލާތަކާއި، ގައިދީން ދޫކޮށްލުން ހިމެނޭ ގޮތަށް ހަމަލާތައް ހުއްޓާލުމަށް މި މަހު ސައުދީ އަރަބިއްޔާގައި އެމެރިކާގެ ވަފުދާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހަޅާފައެވެ. އަދި ދެ ގައުމުން ވެސް ކޮންމެ ގައުމަކުން ހަނގުރާމައިގެ 175 އަސީރުން ބަދަލުކުރަން ނިންމާފައިވާ ކަމަށާއި ރަޝިޔާއިން ވެސް ވަރަށް ބޮޑަށް ޒަޚަމްވެފައިވާ 23 ސިފައިން ޔޫކްރޭނާ ހަވާލުކުރާނެ ކަމަށް ޕުޓިން ވިދާޅުވެފައިވާ ކަމަށް ރަޝިއާގެ ކްރެމްލިން އިން ބުނެއެވެ. އެމެރިކާއިން ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، ޔޫކްރޭނަށް ދޭ ބޭރުގެ އަސްކަރީ އަދި ޖާސޫސީ އެހީތެރިކަން ނިމުމަކަށް ގެނައުމަށް ޕުޓިން ވަނީ ޓްރަމްޕަށް ގޮވާލައްވާފައެވެ. ޕުޓިން ވަނީ ޔޫކްރޭނުން ނޭޓޯއާ ގުޅުމުގެ ޝައުގުވެރިކަން ދޫކޮށްލުމާއި، ޔޫކްރެއިނުގެ ހަތަރު ސަރަހައްދެއް ރަޝިއާގެ ކޮންޓްރޯލުގެ ދަށަށް ގެނައުމާ، ޔޫކްރޭންގެ ސިފައިންގެ އަދަދު މަދު ކުރުމަށް ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ