ވެރިކަމުން ދުރުކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން މަގާމުން ވަކިކޮށްފި
ދެކުނު ކޮރެއާގައި މިދިޔަ އަހަރު އިއުލާނުކުރި އަސްކަރީ ގާނޫނާ ގުޅިގެން އެ ގައުމުގެ ރައީސްކަމުން ވަކިކުރަން މަޖިލީހުން ނިންމި, ޔޫން ސުކް ޔޮލް މަގާމުން ވަކިކޮށްފިއެވެ. ދެކުނު ކޮރެއާގެ ގާނޫނުއަސާސީގައި އޮންނަ ގޮތުން، ރައީސަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އަދި މަގާމުން ވަކިވީ ކަމަކަށް ނުބަލާނެއެވެ. ޔޫންގެ މަގާމުން ދުރުކުރުމުގެ މަރުހަލާ ކުރިއަށް ގެންދަނީ ދުސްތޫރީ ކޯޓުގެ ވަކި ޝަރީއަތެއްގައެވެ. އެ މަނިކުފާނު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިކުރާނެތޯ ނުވަތަ އަލުން މަގާމަށް ދެއްވާނީތޯ ނިންމާނީ އެ ކޯޓުންނެވެ. ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހުކުމް ކުރި ކޯޓުގެ އެކްޓިން ޗީފް މޫން ހިޔުންގް ބޭ ވިދާޅުވިގޮތުގައި އަށް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ވަނީ ޔޫން ސުލް ޔޯލްގެ މައްޗަށް ކުރި ދައުވާ ސާބިތުވާކަމަށް ނިންމާފައެވެ. އެގޮތަށް ނިންމީ މާޝަލް ލޯ އިއުލާނުކުރީ ގާނޫނު އަސާސީއާއި އެހެނިހެން ގާނޫނުތަކާ ޚިލާފަށް ކަމަށް ފެންނާތީ ކަމަށް ފަޑިޔާރުން އިއްތިފާގްވެފައިވެއެވެ. އެ ހުކުމަކީ އެ ގައުމުގައި މަސްތަކެއް ވަންދެން ހިނގަމުން އަންނަ ސިޔާސީ ހަލަބޮލިކަމުގެ ނިމުމެކެވެ. އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމުގެ އިތުރުން، ގާނޫނު ހެދުމުގެ ބާރުގެ މަސައްކަތަށް ހުރަސްއެޅުމަށް ސިފައިންނާއި ފުލުހުން ބޭނުންކޮށްފައި ކަމަށް ވެސް އެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. "ޔޫން ވެލެއްވީ ރައްޔިތުންގެ އިތުބާރަށް ބޮޑު ޚިޔާނާތެއް. އަސްކަރީ ގާނޫނު އިއުލާނު ކުރެއްވުމުން ސިޔާސީ ހަލަބޮލިކަން އުފެދި، މުޖުތަމައުގެ ހުރިހާ ދާއިރާއަށް އޭގެ އަސަރުކުރި." މޫން ވިދާޅުވިއެވެ. ޔޫން މަގާމުން ވަކި ކުރުމަށް ހުކުމް އިއްވުމާއެކު އޭނާއަށް ދެކޮޅަށް އެއްވެތިބި އެތައް ހާސް ބަޔަކު ވަނީ އުފާ ފާޅުކޮށްފައެވެ. އަސްކަރީ ގާނޫނު އިއުލާނުކުރުމާ ގުޅިގެން ވަކީލު މެދުވެރިކޮށް ޔޫން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. އަސްކަރީ ގާނޫނާ ގުޅިގެން ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ގެނަން އުޅުމުގެ ތުހުމަތުކޮށް އުމުރުން 64 އަހަރުގެ ޔޫންގެ މައްޗަށް އިތުރު ޖިނާއީ ޝަރީއަތެއްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. ކުށް ސާބިތުވެއްޖެނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ އަދަބުވެސް ލިބިދާނެއެވެ. ޔޫން މަގާމުން ވަކި ކުރުމާ ގުޅިގެން ދެކުނު ކޮރެއާގެ ގާނޫނު އަސާސީގައި ބުނާ ގޮތަށް 60 ދުވަހުގެ ތެރޭގައި އާ ރައީސަކު އިންތިޚާބު ކުރަންޖެހެއެވެ. އާ ރައީސް ހުވާ ކުރެވެންދެން ރައީސްކަމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާނީ ބޮޑުވަޒީރު ހާން ޑަކް ސޫ އެވެ. ދެން ރައީސް ކަމަށް އެންމެ ބޮޑަށް ވާދަކުރާނީ 2022 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ކުޑަ ތަފާތަކުން ބަލިވި، ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޕޮޕިއުލިސްޓް ލީޑަރު ލީ ޖޭ މިޔުންގްއެވެ. ނަމަވެސް ކޮރަޕްޝަންގެ އެތައް މައްސަލަތަކެއްގައި ތާށިވެފައި ހުރުމުން އޭނާއަށް ގާނޫނު ގޮތުން ބޮޑު ގޮންޖެހުމެއް އެބަ އޮތް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ