ގައްޒާގެ ޞިއްޙީ ނިޒާމު: ޔަހޫދީންގެ ހަމަލާތަކުން މުޅި ނިޒާމު ފުނޑުފުނޑުވެއްޖެ

ގައްޒާގެ ސިއްހީ ނިޒާމަކީ މިއަދު ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ލިބިފައިވާ އެއް މައްސަލައެވެ. ގައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެތަނުގެ ސިއްހީ ނިޒާމު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ސިއްހީ ނިޒާމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ލިބެމުންދާ ގެއްލުމެވެ. ގިނަ ހޮސްޕިޓަލްތައް ވަނީ ބޮންގޮއްވާލުމުގެ ސަބަބުން ހަލާކުވެފައެވެ. މީގެ ސަބަބުން ބޭސްފަރުވާ ކުރެވޭނެ ތަންތަން މަދުވެ، ބަލިމީހުންނަށް ފަރުވާ ދިނުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ގައްޒާގެ ޞިއްޙީ ނިޒާމު މިހާރު ވަނީ އެންމެ ފަހު ފައްތަރަށްގޮސް، އިތުރަށް ބުރަ ނުއުފުލޭ ހިސާބަށް ގޮސްފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިންޒާރުދީފައެވެ. އިސްރާއީލުގެ އަސްކަރީ ހަމަލާތަކާއި، އާބާދީ ސަރަޙައްދުތަކުން ނެރުމުގެ އަމުރުތަކުގެ ސަބަބުން އަދި ބޭނުންވާ އެހީ ގައްޒާއަށް ވަނުމަށް ޔަހޫދީން ހުރަސްއަޅަމުންދާތީ ޞިއްޙީ ނިޒާމު ވަނީ ފުނޑުފުނޑުވެގެން ގޮސްފައެވެ.
ގައްޒާގެ އުތުރުގައި ހުރި ބައިތުލް ލަހިޔާ އަދި ޖަބާލިޔާ ސަރަޙައްދުތަކުގައި ހުރި އިންޑޮނީޝިއާ ހޮސްޕިޓަލް، ކަމާލް އަދްވާން ހޮސްޕިޓަލް އަދި އަލް-އަވްދާ ހޮސްޕިޓަލް ހިމެނެނީ އިސްރާއީލުން މީހުން ނެރެ ހުސްކުރަން އަންގާފައިވާ ސަރަޙައްދުގެ ތެރޭގައެވެ. މީގެ އިތުރުން އެހެން ދެ ހޮސްޕިޓަލެއް ހުރީ މި ސަރަޙައްދުގެ 1 ކިލޯމީޓަރު ދުރުމިނުގައެވެ.
ކަމާލް އަދްވާން ހޮސްޕިޓަލް މިހާރު ވަނީ ހަމަލާތަކުގެ ސަބަބުން ޚިދުމަތް ދިނުން ހުއްޓާލާފައެވެ. އަދި އިންޑޮނީޝިއާ ހޮސްޕިޓަލަށް ވަދެވޭ ގޮތެއް ނެތެވެ. އެއީ އިސްރާއީލު ސިފައިން އެ ސަރަޙައްދު ވަށައިގެން އުޅޭތީއެވެ. އަލް-އަވްދާ ހޮސްޕިޓަލް އަދިވެސް ޚިދުމަތް ދެމުން ދިޔަ ނަމަވެސް، އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލް ވަނީ މުޅިން ބަންދުކުރެވިފައެވެ.
"އެއްވެސް މީހަކަށް ބޭރަށް ނުކުމެވޭކަށް ނެތް. އަދި ބޭރުން އެއްވެސް ބަލިމީހަކު ގެނެވޭކަށްވެސް ނެތް،" ޑިރެކްޓަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަޙައްދުގައި ޑްރޯނެއް އުދުހެމުންދާ އަޑު އިވޭ ކަމަށާއި، 400 ނުވަތަ 500 މީޓަރު ދުރުން ޓޭންކުތަކުން ހަމަލާދޭ އަޑު އިވޭ ކަމަށެވެ.
ބޭހާއި މެޑިކަލް ސާމާނު ގައްޒާއަށް ވަންނަ މަގުތައް ބަންދުކުރެވިފައިވުމުގެ ސަބަބުން، ބޭނުންވާ ބޭސްތަކާއި މެޑިކަލް ސާމާނު ގެނައުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. މީގެ ސަބަބުން ގިނަ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ނުލިބި، އެމީހުންގެ ފުރާނައަށް ނުރައްކާވެފައިވެއެވެ. ގިނަ ޑޮކްޓަރުންނާއި ނަރުހުން ވަނީ ހަނގުރާމައިގެ ތެރޭގައި ޝަހީދުވެފައެވެ. އަދި ބައެއް މީހުން ވަނީ ގައްޒާއިން ބޭރަށް ފުރައިގެން ގޮސްފައެވެ. މިކަމުގެ ސަބަބުން ބަލިމީހުންނަށް ފަރުވާ ދިނުމަށް ތިބި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވެއެވެ.
ގައްޒާގައި ކަރަންޓާއި ސާފު ފެނުގެ ދަތިކަން ފާހަގަކުރެވެއެވެ. ގިނަ ހޮސްޕިޓަލްތަކުގައި ކަރަންޓު ނެތުމުގެ ސަބަބުން، މުހިންމު މެޑިކަލް އާލާތްތައް ބޭނުން ނުކުރެވި ހުއްޓިފައިވެއެވެ. އަދި ސާފު ފެން ނެތުމުގެ ސަބަބުން ސާފުތާހިރުކަން ކުޑަވެ، ބަލިތައް ފެތުރުމުގެ ފުރުސަތު އިތުރުވެފައިވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ވެރިޔާ ޑރ. ޓެޑްރޮސް ވިދާޅުވި ގޮތުގައި ޞިއްޙީ މަރުކަޒުތަކަށް ސީދާ ހަމަލާ ނުދިނަސް، ނުވަތަ އެ ތަންތަން ހުސްކުރަން މަޖުބޫރު ނުކުރިޔަސް، ހަނގުރާމައިގެ ޙާލަތާއި އަސްކަރީ ވަޖޫދުގެ ސަބަބުން ބަލިމީހުންނަށާއި މުވައްޒަފުންނަށް ފަރުވާ ހޯދަން ދިއުމަށް ހުރަސްއެޅެއެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ހޮސްޕިޓަލުތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްވެސް ދަތިވެއެވެ. މިކަމުގެ ސަބަބުން ވަރަށް އަވަހަށް ހޮސްޕިޓަލުތައް ހިންގުން ހުއްޓާލަން ޖެހިދާނެއެވެ.
ފާއިތުވި ހަފްތާގައި ގައްޒާގެ މުޅި ސަރަޙައްދުން މަދުވެގެން 20 ޞިއްޙީ މަރުކަޒަށް ގެއްލުން ލިބި، ނުވަތަ އެއްކޮށް ނުވަތަ ބައެއް ޚިދުމަތް ދިނުން ހުއްޓާލަން ޖެހިފައިވެއެވެ. މިއީ އިސްރާއީލުގެ އެއްގަމު ޢަމަލިއްޔާތުތަކާއި، ވައިގެ ހަމަލާތަކާއި، އާބާދީ ނެރުމުގެ އަމުރުތަކުގެ ސަބަބުންނެވެ.
މާރޗު 2 ވަނަ ދުވަހު އިސްރާއީލުން މުޅި ގައްޒާ ބަންދުކޮށްގެން ތިބުމުން ދެ މަސްދުވަސް ފަހުން އަލުން ހަމާސްއާ ދެކޮޅަށް އަސްކަރީ ހަމަލާތައް ފެށިއެވެ. އިސްރާއީލުން ބުނާ ގޮތުގައި މިއީ ހަމާސްއިން ހައްޔަރުކޮށްގެން ގެންގުޅޭ 58 ރަހީނުން ދޫކޮށްލުމަށް ބާރުއެޅުމަށް ކުރާ ކަމެކެވެ. މި ރަހީނުންގެ ތެރެއިން މިހާރު ދިރިތިބީ 23 މީހުން ކަމަށް ޔަހޫދީން ދަނީ ބުނަމުންނެވެ.
ޖައްބާރު ބެންޖަމިން ނެތަންޔާހޫ ބުނާ ގޮތުގައި ބޭނުމަކީ މުޅި ގައްޒާ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސް، އެމީހުންގެ ޕްލޭންގައި ހިމެނޭ ގޮތަށް ގައްޒާގެ އުތުރުން ރައްޔިތުން ނެރެ، އެމީހުން މަޖުބޫރުން ދެކުނަށް ބަދަލުކުރުނެވެ.
ގައްޒާގެ ހަމާސް ހިންގާ ޞިއްޙަތު މިނިސްޓްރީން ބުނާ ގޮތުގައި ފާއިތުވި ހަފްތާގައި ގައްޒާގެ އެކި ކަންކޮޅުތަކުގައި 600 އަށްވުރެ ގިނަ މީހުން މަރުވެ، 2,000 އަށްވުރެ ގިނަމީހުންނަށް އަނިޔާވެފައިވެއެވެ. އދ. އިން ބުނާ ގޮތުގައި ދާދި ފަހުން އެތައް ދިހަހާސް ބަޔަކު ވަނީ އަމިއްލަ ވަޒަން ދޫކޮށް ދާން މަޖުބޫރުވެފައެވެ.
މަދު މިންވަރެއްގެ އެހީ ގައްޒާއަށް ވައްދަން އިސްރާއީލުން ހުއްދަދީފައިވީނަމަވެސް އެ އެހީ ނުލިބޭ ކަމަށް ހޮސްޕިޓަލްތަކުންވެސް ވަނީ ބުނެފައެވެ. އާދީއްތަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފައިވަނީ ގައްޒާގެ ޞިއްޙީ ނިޒާމަށް ހަމަލާތައް އަމާޒުވަމުންދާ ކަމަށާއި، ފަރުވާ ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ތަކެތީގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. ހޮސްޕިޓަލްތައް ވަނީ އަނިޔާވެފައިވާ މީހުން ގިނަ ކަމުން ފުރިބާރުވެފައެވެ. ކުޑަކުދިންނާއި އަންހެނުންގެ ރުއިމުގެ އަޑު ހޮސްޕިޓަލްތަކުން ކެނޑިގެން ނުދެއެވެ. އެމީހުންނަށް ބޭނުންވާ ބޭސްފަރުވާގެ އިތުރުން ކާއެއްޗާއި ފެން ނުލިބެއެވެ.
ގައްޒާގެ ކުޑަކުދިންނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ބަލާލާއިރު، ކުއްލި ހާލަތުގައި ވިހެއުމާއި، ނުރައްކާތެރި ހާލަތުގައި ތިބި ކުޑަކުދިންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން، ކުޑަކުދިންގެ މަރުވާ މިންވަރު އިންތިހާއަށް އިތުރުވެފައިވެއެވެ. އަދި ކުޑަކުދިންނަށް ބޭނުންވާ ވެކްސިންތައް ނުލިބުމުގެ ސަބަބުން، ކުރިން ކޮންޓްރޯލް ކުރެވިފައިވާ ބައެއް ބަލިތައް އަލުން ފެތުރެމުންދާކަން ފާހަގަކުރެވެއެވެ.
ބައިނަލްއަޤްވާމީ އެހީ ދޭ ޖަމާއަތްތަކަށް ގައްޒާއަށް ވަނުމަށް ހުއްދަ ނުލިބުމާއި، އެހީގެ ގޮތުގައި ފޮނުވާ ތަކެތި ގައްޒާއަށް ވައްދަން ދަތިވުމުގެ ސަބަބުން، ބޭރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.
ގައްޒާގެ ސިއްހީ ނިޒާމުގެ މިހާރުގެ ހާލަތަކީ ވަރަށް ކަންބޮޑުވާންޖެހޭ ހާލަތެކެވެ. ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ލިބިފައިވާ ގެއްލުމާއި، ބޭހާއި މެޑިކަލް ސާމާނުގެ ދަތިކަމާއި، ސިއްހީ ދާއިރާގެ މުވައްޒަފުންގެ ދަތިކަމާއި، ކަރަންޓާއި ސާފު ފެނުގެ ދަތިކަމުގެ ސަބަބުން ގައްޒާގެ ރައްޔިތުންނަށް އަސާސީ ސިއްހީ ޚިދުމަތްތައް ލިބުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. މި ހާލަތު ރަނގަޅުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވެއެވެ. ގައްޒާގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ސިއްހީ ނިޒާމު އަވަހަށް ރަނގަޅުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ