މަސްވެރިން މާލީ ނިޒާމަށް | ދެން އުފެދެނީ މާލީ ބާރުވެރި އާ ވަޒީފާތަކެއް

މަސްވެރިންނަށް ކުރިން ލިބޭ ފައިސާ ދެނީ އަތަށެވެ. އަދި ބޭންކްއަށް ލިޔަސް އެއީ ދައުލަތް ދަންނަ ކަމެއް ނޫނެވެ. އެކަމަކު މަސްވެރިންގެ ދަފުރަރާއެކު މާލި ނިޒާމުން ވަސީލަތް ލިބުމުގެ މަގު ފަހިވާނެ އެވެ. މިއީ ދެން ފެންނާނެ އެންމެ ބޮޑު ބަދަލެވެ.
މީގެ ހައެއްކަ މަސް ކުރިން ފާނަ މަސްވެރިކަމުގައި އުޅޭ މީހަކާ ދިމާވި އެވެ. އެ ދުވަހު އޭނާ މާލެ އައިސް އުޅެނީ ދޯނީގެ ޕަންޕެއް ހަލާކު ވެގެން އެ ގަންނާށެވެ. އޭނާގެ ޝަކުވާއަކީ ޕަންޕެއް ގަންނަން ވިޔަސް އަތުގައި ހުރި ހުރިހާ ފައިސާއެއް އެއްކޮށް ދީފައި އެ ގަތުން ނޫން ގޮތެއް މަސްވެރިންނަށް ނެތުމެވެ. މަސައްކަތައް ހަރު މުދަލެއް ގަންނަން ޖެހުނަސް ނޫނީ އަމިއްލަ ބޭނުމަށް އެޗެއް ހޯދަން ޖެހުނަސް ނުވަތަ ގޭގެ ކޮޓަރިއެއް އަލަން ބޭނުންވިޔަސް މަސްވެރިނަކަށް އެކަންވާނެ ގޮތެއް ނޯވެ އެވެ. ރާއްޖޭގެ އެންމެ ގިނަ ދިވެހި މަސައްކަތްތެރިން ތިބި މަސްވެރިކަމުގެ ދާއިރާ މިހާތަނަށް އޮތީ ދައުލަތުގެ މާލީ ނިޒާމު ދަންނަ ބައެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް ސަރުކާރުން މަސްވެރިން ދަފުތަރުކޮށް ދައުލަތް ދަނަން ބަޔަކަށް ހެދުމާއެކު މާގިނަ ދުވަހެއް ނުވެ މަސްވެރިންނަކީ ރާއްޖޭގެ ބޭންކިން ނިޒާމުން ފުރުސަތު އޮތް ބަޔަކަށް ވެގެންދާނެ އެވެ. މިކަމުގެ ފެށުން އައިސްފައި މިވަނި މިދިޔަ ހަފުތާގައި ގައުމީ ބޭންކްއާއެކު މަސްވެރިކަމުގެ މިނިސްޓްރީން ކުރި ސޮޔާ ހަމައިންނެވެ. މިއީ ރާއްޖޭގެ މަސައްކަތްތެރިންނަށް މިހާތަނަށް ލިބިގެން ދިޔަ އެންމެ ބޮޑު އެންމެ ބޮޑު ކާމިޔާބީ އެވެ. މިހެން ބުނުމުގައި ސަބަބުތައް ގިނަ އެވެ. މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު މި ސިނާއަތަކީ އެހެން ދާއިރާތަކާ ހިލާފަށް ދިިވެހި އާއިލާތަކަށް މަންފާ އެންމެ ބޮޑަށް ލިބޭ އެއް ދާއިރާ އެވެ.
މަސްވެރިކަމުގެ ތަޖުރިބާކާރުންގެ ނަޒަރުގައި ސަރުކާރުން މިހާރު ގެންދާ ގޮތަށް މި ނިޒާމު ގެންގޮސްފިނަމަ މަސްވެރިކަމަކީ ޕްރޮޕެޝަނަލް ވަޒީފާއަކަށް ވެގެންދާނެ އެވެ. މިހާރު ގާއިމްވެފައިވާ ސިސްޓްމާއެކު މި ބަދަލު އަންނާނެކަން ޔަގީނެވެ. ސަބަބަކީ މިހާރު ދޯންޏަކަށް ފަޅުވެރިއެއް އެރުމާއެކު އެ ފަޅުވެރިއަކީ ސްޓާފް އައިޑީއެއް އޮތް ސެލެރީ ކޯޑުން މުސާރަ ދެވޭ މުވައްޒަފަކަށް ވެގެން ދިއުމެވެ. މިއީ މަސްވެރިކަން ރަސްމީ ވަޒީފާ އަކަށް ބަދަލުވުމެވެ. "ކުރިން މަސް ކިރުވާފަ ފައިސާ ދެނީ އެތަށް. މިހެންވުމުން މާލީ ގޮތުން އިސްލާމިކް ފައިނޭންސް ފަދަ ވަސީލަތެއް ވެސް ނެގޭނެ ގޮތެއް ނޯވެ. އޮޑިވެރިއާ އަށް ވެސް މާލީ ގޮތުން މަންފާ ލިބޭނެ ވަސީލަތެއް ނުހޯދެ. ނަމަވެސް މިހާރު މި ހުޅުވިގެން ދަނީ މުޅިން އާ ދޮރެއް މަސްވެރިންނަށް،" 
ރާއްޖޭގައި ރަސްމީކޮށް ކުރަނީ ތިން މަސްވެރިކަމެވެ. އެއީ ބޮޑު ކަންނެލީގެ މަސްވެރިކަމާއި ކަޅުބިލަ މަސް އަދި ފާނަ މަސްވެރިކަމެވެ. މި މަސްވެރިކަމުގައި 480 އޮޑި ހަރަކާތްތެރިވާ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި މީގެ ދޯންޏެއްގައި 15 ދިވެހިން މަސައްކަތް ކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މިގޮތުން ބަލާނަމަ މިއީ 7200 ދިވެހި އާއިލާ އެވެ. މި އާއިލާތައް ތިބީ ރާއްޖޭގެ އެކި ހިސާބުތަކުގަ އެވެ. 
މަސްވެރިން މާލީ ނިޒާމަށް ފައްކާ ވެގެން ދިއުމާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޮޑު ބަދަލެއް އައުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މިކަން ބިނާ ވެގެންދާނީ ސަރުކާރުން މިކަން ކުރިއަށް ގެންދާ ގޮތުންނެވެ. ސަބަބަކީ ދަފުތަރު އެކުލަވާލިތާ ދޮޅު އަހަރު ވެގެން ދިޔައިރު އަދި ބޭންކްއަކާއެކު ސޮޔެއް ކުރުމާ ހަމަައަށް ދިއުމަކީ މި މަސައްކަތުގެ ދުވެލި ގެންނަން ޖެހޭ ގޮތެއް ނޫނެވެ. މިކަމަކީ މަސްވެރިން ހޭލުންތެރި ކުރުވައި އަވަހަށް ކުރަން ޖެހޭ ކަމެކެވެ. ކުރީގެ ބޯދާ ވިސްނުމާ އަވަހަށް ދުރުވާންވީ ވަގުތަކީމި އެވެ. މަސްވެރިކަމުގެ މިނިސްޓްރީގެ ތެރޭގައި ސިޔާސީ މީހުން ވަޒީފާގައި ބޭތިއްބުމަށްވުރެ މިހާރު ބޭނުންތެރިކަން ބޮޑީ އެމީހުން ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވައި މި ދަފުތަރުގައި ހުރިހާ މަސްވެރިން ޖެއްސުމެވެ. މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލައި ސަރުކާރުން މިހާރު ވަނީ މަސްވެރިކަމުގައި ރަސްމީކޮށް ހަރަކާތްތެރިވާ އޮޑި ފަހަރުގެ 95 ޕަސެންޓް މި ދަފުތަރަށް ވައްދާފަ އެވެ. ބީއެމްއެލްއާއެކު މަސްވެރިކަމުގެ މިނިސްޓްރީން ކުރި ސޮޔާއެކު ފެން ފެނިގެން ދާނީ އެ މީހުންނަށް މާލީ ގޮތުން ލިބޭނެ މަންފާ ތަކެވެ. މަސްވެރިންނަށް ފައިނޭންސިން ވަސީލަތް ދޭން ފަށަން ގައުމީ ބޭންކުން ނެގި އިސްނެގުމަކީ އެ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ބައެކެވެ. މީގައި ރިސްކް އޮތްނަމަވެސް އެ ބޭންކުގެ މި ނިންމުން އައިސްފައިވަނީ ގައުމީ ބޭންކްއެއްގެ ގޮތުން ނަގަން ޖެހޭ ގައުމީ ޒިންމާގެ ތެރޭންނެވެ.
މި ފައިނޭންސިންއާއެކު މަސްވެރި އާއިލާތަކަށް އަންނަ ކުރިއެރުމާއެކު މިއީ ޒުވާނުން ދޯނި ފަހަރަށް އަރަން ހުޅުވިގެންދާނެ ދޮރެކެވެ. ސަބަބަކީ މިހާރު މަސްވެރިންނަށް ބަރާބަރަށް 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާ ކުރަމުން ދިއުމެވެ. ބީއެމްއެލްއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ބަންދު ސަރުކާރު ބަންދުވިނަަވެސް މަސްވެރިންގެ އެކައުންޓަށް ކިރުވާ މަހަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. މިގޮތުން އެންމެފަހުން ވެސް 56 ދޯންޏަކަށް 5.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިހާރުގެ މަސްވެރިކަމުގައި އެވްރެޖުކޮށް ދޯންޏެއްގެ ފަޅުވެރިއަކަށް ކޮންމެ ދެ ދުވަހަކުން އެންމެ މަދުވެގެން 2،000ރ. އާއި 3،000ރ ގެ އާމްދަނީއެއް ލިބޭނެ އެވެ. މިއީ މަސް ދުވަހަށް ބަލާނަމަ 40،000ރ. ގެ އާމްދަނީ އެކެވެ. މި ވަރަށް އާމްދަނީ ލިބޭނަމަ ބީއެމްއެލްއިން މަސްވެރިންނަށް އެންމެ ބޮޑެތި މާލީ ވަސީލަތްތައް ނެގުމުގެ މަގު ފަހިވާނެ އެވެ. އަދި މިކަމުގައި އެންމެ ހިތްހަމަ ޖެހުމެއް ލިބޭނެ ބަޔަކީ އޮޑިވެރިންނެވެ. އޮޑިވެރިން ދޯނީގެ އެއްޗެއް ބޭނުންވިނަމަވެސް މިހާރު ލޯނެއް ނުވަތަ އިސްލާމިކް ފައިނޭންސުގެ ތެރެއިން މިކަން ކުރަން މަގުފަހިވާނެ އެވެ. ބީއެމްއެލްއާއެކު ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ބޮޑުކަންނެލި ޔޫނިއަންގެ އިސްވެރިއަކު ގައުމީ ޕީއެސްއެމް އަށް ވިދާޅުވެފައިވާ ގޮތުގައި މި ބަދަލާއެކު ދޯނިތަކުން ފޭބި މަސްވެރިން އަލުން ދޯނިތަކަށް އެރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.  
ބީއެމްއެލްއާއެކު ކުރި ސޮޔާއެކު އާއްމު އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްގޮތަށް މަސްވެރިންނަށް ވެސް ބީއެމްއެލް މޮބައިލް އެލުން ލޯނަށް އެޕްލައި ކުރެވޭނެ އެވެ. 
ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ އެ ބޭންކުން މައުލޫމާތު ނަގާނީ މަސްވެރިިންގެ ގައުމީ ދަފުތަރުން ކަމަށާ މިއީ ލިބިގެން ދިޔަ ބޮޑު ފަސޭހައެއް ކަމަށެވެ."މައުލޫމާތު ކަށަވަރު ކުރަން އަޅުގަނޑުމެން ރިޔާއަތް ކުރާނީ މަސްވެރިންގެ ގައުމީ ދަފުތަރަށް. މި ދަފުތަރުން [ބޭންކް] އަށް ލިބޭނެ މަސްވެރިޔާގެ ދަފުރަތު. މަސްވެރިޔާ މަސައްކަތް ކުރައްވާ ދޯނި. އުޅެފައިވާ މުއްދަތު އަދި ފައިސާ ޖަމާކުރާ އެކައުންޓުގެ މައުލޫމާތު އެނގޭނެ،" ބަދުރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބީއެމްއެލްއިން މި ވަސީލަތް މަސްވެރިނަނަށް ދޫކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތް ތަކެއް ވެސް ބޭންކުން ހަމަޖެހިގެންދާނެ އެވެ. މިއީ މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރުކަން އޭނާ ފާހަގަ ކުރެއްވި އެވެ. 
"ލޯނު / ފައިނޭސިން އަނބުރާ ދެއްކުމުގެ މުއްދަތު ފަސް އަހަރަށް އޮތް ނަމަވެސް ރިޕޭމަންޓު މަސްވެރިކަމުގެ ލޯ ސީސަންގައި ހަމަޖެހިފައިވަނީ ކުޑަކޮށް. ހައި ސީޒަންގައި ބޮޑުވާނެ. މިހާރު 10،000ރ. އިން 300،000 ލުއި ލޯނަށް ހުށަހެޅޭނެ،" ބަދުރުއްދީން ވިދާޅުވި އެވެ.
ބީއެމްއެލްއާއެކު މިވަގުތު މި ވަސީލަތް ލިބުނުނަމަވެސް ކުރިމަގުގައި އެހެން ބޭންކްތައްވެސް މަސްވެރިން ފަހަތުން ދުވަން ފަށާނެ އެވެ، ސަބަބަކީ މަސްވެރިންނަކީ ހަގީގަތުގައި ބޭންކިން ނިޒާމުގައި މިހާރު ވެސް ތިބެން ޖެހޭ ބަޔަކަށްވުމެވެ. މަސްވެރިންނަކީ ޓޫރިޒަމް ސިނާއަތެކޭ އެއްގޮތަށް ބޮޑު ސިނާއަތެކެވެ. އެ ސިނާއަތުގައިވެސް މަސައްކަތް ކުރަނީ މުވައްޒަފުންނެވެ. މުސްތަގުބަލުގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ތިބޭނީ ވެސް މުވައްޒަފުންނެވެ. އެގޮވީވެސް އެގޮތަށެވެ. މަސްވެރި ވަޒީފާގައި އުޅޭ މަސައްކަތްރިންގެ ގޮތުގަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ