ޝިމަން އާއި މަހްޒޫމް ހައްޔަރު ކުރި ފުލުހުންގެ މައްސަލަ ތަހުގީގު ކުރަން ޑިމޮކްރެޓްސް އިން ގޮވާލައިފި ޝިމަން އާއި މަހްޒޫމް ހައްޔަރު ކުރި ފުލުހުންގެ މައްސަލަ ތަހުގީގު ކުރަން ޑިމޮކްރެޓްސް އިން ގޮވާލައިފި

މާލޭގެ އުސް އިމާރާތަކުން ފުރާޅަކަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާއަށް އިންސާފު ހޯދައިދޭން ރޭ ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ދެ މީހަކު ހައްޔަރު ކުރި ފުލުހުންގެ ތަހުގީގު ކުރަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ، ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލައިގައި ޒުވާނުން އިސް ނަގައިގެން ކުރަމުންދަނީ ސުލްހަވެރި މުޒާހަރާތަކެއް ކަމަށެވެ. އެ މުޒާހަރާތަކަށް ހުރަސް ނޭޅުމަށް ފުލުހުންނަށް އެ ޕާޓީއިން ގޮވައިލި އެވެ.
މުޒާހަރާއަށް ހުރަސްއަޅައި، ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން އެ މުޒާހަރާއިން އައިޝަތު ޝިމަން އަހުމަދު، 19، އާއި އަބްދުﷲ މަހްޒޫމް މާޖިދު، 28، ހައްޔަރު ކުރި ފުލުހުންގެ މައްސަލަ ތަހުގީގުކޮށް އެ ފުލުހުންނާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުންޏެވެ.
"ސުލްހަވެރި އިހުތިޖާޖްތަކަށް ފުލުހުން ހުރަސްނޭޅުމަށާއި، ހާއްސަ ގޮތެއްގައި ޒުވާނުން މިހާރު ބާއްވަމުންގެންދާ ސުލްހަވެރި އެ އިހުތިޖާޖްތަކަށް ހުރަސްނޭޅުމަށާއި، އިހުތިޖާޖްގެ ބައިވެރިން ހިފައި ހައްޔަރުނުކުރުމަށް ގޮވާލަން. އަދި މިއަމަލު ހިންގި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅުއެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މި ޕާޓީން ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރޭގެ މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން ވަގުތުން މިނިވަން ކުރަން ވެސް ޑިމޮކްރެޓްސް އިން ފުލުހުންނަށް ގޮވައިލި އެވެ.
"ޒުވާނުން އިސްނަގައިގެން ސިލްސިލާކޮށް ބާއްވަމުންގެންދާ ސުލްހަވެރި އެއްވުމުގެ ތެރެއަށް މިރޭ ފުލުހުން ވަދެގަނެ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ޕެޕަސްޕްރޭޖަހައި މުޒާހަރާގެ ދެ ބައިވެރިން ކަމަށްވާ އައިޝަތު ޝިމަން އަހްމަދާއި އަބްދުالله މަހްޒޫމް ހައްޔަރުކޮށްފައިވާތީ ދަ ޑިމޮކްރެޓްސް އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަން. އަދި އައިޝަތު ޝިމަން އާއި އަބްދުالله މަހްޒޫމް ވަގުތުން މިނިވަންކުރުމަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީ އިން ލިބިދޭ ހައްގެއްކަން ފުލުހުންނަށް ހަނދާންކޮށްދޭ ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރުމަކީ ގާނޫނުއަސާސީން އެންމެހައި ރައްޔިތުންނަށް ލިބިގެންވާ ހައްގެއްކަން ފުލުހުންނަށް މި ވަގުތުގައި ވެސް ހަނދާންކޮށްދެން. ޒުވާނުން ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާތަކަކީ އައުލާކަންބޮޑު ޖާއިޒު މުޒާހަރާތަކެއް. ރާއްޖޭގެ ރައްޔިތުން ނުހަނު ކަންބޮޑުވެފައިވާ މައްސަލައެއް ކަމަށްވާ، ހައްވާ ޔުމްނު ވެއްޓި ޒަހަމްވި މައްސަލައިގެ ތަހުގީގާމެދު އުފެދިފައިވާ ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން، އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރަމުންގެންދާ މުޒާހަރާތަކެއް،" ޑިމޮކްރެޓްސް އިން ބުންޏެވެ.
ޝިމަން އާއި މަހްޒޫމް ހައްޔަރު ކުރީ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރެއް ވެސް ނުދީ އެވެ. މުޒާހަރާ ރޫޅާލި ހަމައެކަނި ސަބަބަކީ މަގުމަތީ މުޒާހަރާ ކުރުމުން ވިޔަފާރިތަކަށް ދަތިވުމާއި އޯލެވެލް ޓެސްޓު ހަދާ ކުދިންނަށް މުޒާހަރާގެ ސަބަބުން އުނދަގޫވުން ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ