ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ އިބްރާހިމް ފަރީދު މީގެ ކުރިން ކުރި ކަމެއް ނޫނެވެ. އެކަމަކު އިއްޔެ ވަރަށް ތަފްސީލުކޮށް އޭނާ ކިޔައިދިނީ އަންހެނުންގެ ދަތް ނަގަން ޖެހި، އެ ނަގަން ކުރަން ޖެހުނު ހަނގުރާމަ އެވެ. ބޭނުމަކަށްވީ ރާއްޖޭގެ ބޭސްފަރުވާގެ ނިޒާމު އޮތް ގޮތް ކިޔައިދީ، ހާލަތު ބަދަލު ކުރެވޭތޯ ބެލުމެވެ.
މިހާރު ވައިރަލް ވެފައިވާ ފޭސްބުކް ޕޯސްޓުގައި ފަރީދު ބުނި ގޮތުގައި، މިދިޔަ ރޯދަ މަސް ފެށުނުތަނާހެން، އޭނާގެ އަނބިމީހާގެ ތިން ދަތެއް ހަލާކުވެ އޭގެ ވޭންވަރު އަތުވެއްޖެ އެވެ. އެންމެ ފުރަތަމަ ދެއްކީ އޭނާ ދިރިއުޅެމުންދާ ރަށާ އެންމެ ކައިރި ތ. އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށެވެ. އެކަމަކު އެތަނުން ބުނީ ފަރުވާ ދެވެން ނެތް ކަމަށާއި މާލެ ދިޔުމަށެވެ.
ފަރީދު ބުނި ގޮތުގައި، މާލެ އައުމަށް ފަހު އެންމެ ފުރަތަމަ ދެއްކީ އޭޑީކޭ ހޮސްޕިޓަލަށެވެ. އައްސިކޮށްގެން ދަތް ނެގެން އޮތް ނަމަވެސް، އޭނާގެ އަންހެނުންނަކީ އައްސި ކުރާ އިންޖެކްޝަން ޖެހުމުން ހޭނެތޭ މީހަކަށްވުމުން، އެތަނަކުން އެކަމެއް ނުވި އެވެ. އޭޑީކޭއިން އެދުނީ އައިޖީއެމްއެޗަށް ނުވަތަ ހުޅުމާލޭ ހޮސްޕިޓަލަށް ދިޔުމަށެވެ.
އިންތިހާއަށް އަރަމުން ދިޔަ ވޭނާ އެކު، އަވަސްވީ ގޮތަކުން ޑޮކްޓަރަށް ދެއްކުމުގެ އުއްމީދުގައި ހުޅުމާލޭ ހޮސްޕިޓަލަށް ދިޔަ ނަމަވެސް އެކަން ދިޔައީ ފެނަށެވެ. ޑޮކްޓަރަށް ދެއްކުމަށް 700އަށް ވުރެ ގިނަ މީހުން ކިޔުގައި ތިއްބެވެ. އައިޖީއެމްއެޗުގެ ކިޔޫގައި 600 މީހުން ތިއްބެވެ. އެހެންވެ، އެހެން ގޮތެއް ނެތުމުން އެ ދެ ހޮސްޕިޓަލުން ވެސް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު ދެން ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުން އެއަށް ވުރެ ރަނގަޅު ގޮތެއް ފެނޭތޯ އެތަނަށެވެ.
"އެތަނަށް ގޮސް އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެން އެހީ މިތަނުން ހޭނައްތައިގެން ދަތް ނެގޭނެތޯ. އެ މީހުންގެ ޖަވާބަކަށްވީ އެކަން އެނގޭނީ ޑޮކްޓަރަށް ދައްކައި ބެލުމަށް ފަހުގައި ކަމަށް. ދެން ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމަށް އަތުން 5،000 ރުފިޔާ ހަރަދުވުމުން ބުނީ، ހޭނައްތައިގެން ދަތް ނުނެގޭނެ ކަމަށް،" ދެ ކުދިންގެ ބައްޕަ ކިޔައިދިނެވެ.
ކިތަންމެ ވޭނެއް އެޅި ނަމަވެސް، މާލެއިން އަވަސް ފަރުވާއެއް ނުލިބުމުން ދެން އެ ދެމަފިރިން އަނބުރާ ދިޔައީ ރަށަށެވެ. ފަރީދު ބުނިގޮތުގައި އޭރު އަނބިމީހާއަށް ކާއެއްޗެއް ނުކެވޭތާ މަސް ދުވަހަށް ވުރެ ގިނަ ވެއްޖެ އެވެ. ރަށަށް ދިޔަތާ 25 ދުވަސް ފަހުން، އައިޖީއެމްއެޗުން ގުޅާފައި، ޖެހިގެން އޮތް ހަފުތާއަށް އެޕޮއިންޓް ހަމަޖެހުނު ކަމަށް އެންގި އެވެ. އެހެންވެ، އަވަހަށް އުމުރުން 5 އަހަރުގެ ދޮށީ ދަރިފުޅު ރަށުގައި ބަހައްޓާފައި ހަގު ދަރިފުޅު ގޮވައިގެން އަނެއްކާ ވެސް އައީ މާލެ އަށެވެ.
އޭނާ ބުނި ގޮތުގައި، ވަޒީފާ އަދާކުރަމުން ދިޔަ ރިސޯޓުން ޗުއްޓީ ނުލިބުމުން، ބޭސްފަރުވާ ކުރުމަށް އަންނަން ޖެހުނީ އެތަނުން ކެނޑިގެންނެވެ. އެ ވަގުތު އޭނާގެ އެންމެ ބޮޑު އުއްމީދަކަށް ވެފައި އޮތީ އޮޕަރޭޝަންކޮށް، އަންހެނުންގެ ވޭނަށް ލުޔެއް ހޯދައިދިނުމެވެ.
"އެކަމަކު އައިޖީއެމްއެޗަށް ދިޔުމުން އެނގުނީ އެޕޮއިންޓްމަންޓް ހަމަޖެހިގެން އެތަނުން މި ގުޅީ ޑެންޓަލް އާދައިގެ ޑޮކްޓަރަކަށް ކަމަށް. އޭނާ އެދުނީ ޑެންޓަލް ސާޖެންޓަކަށް އެޕޮއިންޓް ހައްދަން،" ފަރީދު ކިޔައިދިނެވެ.
"ދެން ޑެންޓަލް ސާޖެންޓަކަށް އެޕޮއިންޓްމަންޓް ހައްދަން ދިޔައީމަ އައިޖީއެމްއެޗުން ބުނީ ހުރީ އެންމެ ޑޮކްޓަރެއް ކަމަށް. އަދި އޭނާ މި ވަގުތު ބަލަނީ ޖެނުއަރީގެ ބަލި މީހުން ކަމާއި ވެއިޓިން ލިސްޓުގައި 800 މީހުން ތިބި ކަމަށް. މިއީ އަދި ޑޮކްޓަރަށް ދެއްކުމަށް ތިބި މީހުންގެ އަދަދު. ކޮބައިތޯ އޮޕަރޭޝަން ކުރެވޭނެ ތާރީހު؟"
އަންހެނުންނަށް ނުކެވި ގިނަ ދުވަސްވުމާއި ވޭނަށް ލުޔެއް ނުލިބުމުން ދެން އެ މީހުންނަށް މަޖުބޫރުވީ ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދާށެވެ. މުޅި އާއިލާ އެކުގައި ލަންކާއަށް ގޮސް، ޑޮކްޓަރަށް ދައްކައި އިމަޖެންސީގައި އޮޕަރޭޝަންކޮށް ނިމުނީ، ފަރީދު ބުނިގޮ ތުގައި، މީގެ ތިން ދުވަސް ކުރިންނެވެ. އޭރު އަތުން 65،000އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއްޖެ އެވެ.
މިއީ އެ އާއިލާއަށް ވަރަށް ބޮޑު އަދަދަކަށް ވުމުން، ދެން އެ މީހުން އެދުނީ އާސަންދައިގެ އެހީތެރިކަމަށެވެ. އެކަމަކު އެއީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަނެއް ކަމަށް ބުނެ، އެއްވެސް ފައިސާއެއް ނުލިބުނެވެ. ބޭރަށް ދާން މަޖުބޫރުވީ ރާއްޖޭން ފަރުވާ ނުލިބުމުން ކަމަށް ބުނި ނަމަވެސް ފަރުވާލެއް ނެތެވެ.
"މިއީތޯ ހިލޭދޭ ބޭސްފަރުވާ އަކީ؟ އަހަރެމެން މުޅި އަހަރު ގަނަ ތެޅިގެން އެއްކުރި ލާރިކޮޅު ހަރަދު ކުރަން މިޖެހެނީ ސަރުކާރުން ހިލޭ ސާބަހަށް ކޮށްދެމޭ ބުނާ ކަންކަމަށް،" ފަރީދު ޝަކުވާ ކުރި އެވެ.
"މިގޮތަށް ކިތައް ނިކަމެތިން ތިބޭނެތޯ ކެތްކޮށްގެން އެ ބުނާ އެޕޮއިންޓްމެންޓެއް ލިބޭތޯ. އެކަމަކު ސަރުކާރުގެ އިސް މީހުންނާއި އެ މީހުންގެ ދަރިންނަށް ރާއްޖޭންނާއި ރާއްޖޭން ބޭރުން ފަސޭހައި ފަރުވާ ލިބޭ."
ފަރީދު ބުނި ގޮތުގައި، އެއްވެސް ފިރިއަކަށް ލޯބިވާ އަނބިމީހާ އެހާ ވޭނުގައި އުޅޭ ތަން ބަލާކަށް ކެތެއް ނުވާނެ އެވެ. އެކަމަކު ރާއްޖެއަކުން ފަސޭހައަކުން ބޭސް ފަރުވާ ކުރެވޭކަށް ނެތެވެ. ރާއްޖޭން ބޭރަށް ދާނެހާ އެންމެންގެ ތަނަވަސް ކަމެއް ނުުހުންނާނެ އެވެ. އެހެންވީމާ، މި ވަގުތު ވޭނަށް ކެތްކޮށްލައިގެން ހުރުން ނޫން ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ.
އަނބިމީހާގެ ދަތުގެ ވޭނާ އެކު ކިޔައިދިނީ ރާއްޖޭގެ ބޭސްފަރުވާގެ ހާލަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ