ކުށްވެރިޔާ 65

"ހައްޖުގެ ފުރަތަމަ ދުވަސްކޮޅު ބޭކާރުކޮށްނުލާ ވީހާވެސް ހެޔޮ އަމަލުތައް ގިނަކުރަންވާނެއެވެ.ނޫނީ ފަހުން ހިތާމަ ކުރަން ޖެހިދާނެއެވެ." *** އަހެދް އެއްޗެކޭ ނުބުންޏަސް ނިގާބުގެ ފަހަތުގައި ފިލާހުރެ ހީލިއެވެ. އޭނައަށް ސިއްރުން ބަލައިލެވުނީ މުރުތަސިމްއަށެވެ. އެލޮލުން އެއްވެސް ކަހަލަ ހޫނުކަމެއް ފެނިލުމަށް އެދިއެވެ. އެކަމަކު އޭނަ އުޅުނީ ކާރުގެ ތަޅުދަނޑި ނުފެނިގެންނެވެ. ކޮންމެ ގޮތެއްވިޔަސް މާހައުލުގައި އެހެންކަހަލަ މުގައްދަސްކަމެއްވިއެވެ. ފަހަރެއްގައި ހުނުމާއި ދުރުހިލޭކަމުގެ ތެރެއިންވެސް ހިތްތައް ތައްޔާރުވަމުން އައީ ހަމައެކަނި ދަތުރަކަށްވެސް ނޫނެވެ. *** ﷲ ތައާލާ ގުރުއާނުގެ ބަގަރާ ސޫރަތުގެ ސަތޭކަ ނުވަދިހަ ހަ ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. "وَاَتِمُّوا الْحَجَّ وَالْعُمْرَةَ لِلّٰهِۜ ތިޔަބައިމީހުން ﷲއަށްޓަކާ ހައްޖާއި އުމްރާ ފުރިހަމައަށް އަދާކުރާށެވެ." ކޮންމެ މުސްލިމެއްގެ އެންމެ ބޮޑު އުއްމީދަކީ ހުވަފެނަކީ ﷲގެ ގެފުޅަށް ޒިޔާރަތްކޮށް އުމްރާއާއި ހައްޖުކުރުމުގެ ނަސީބުލިބުމެވެ. އެމާތް ބިމުގައި ފައިޖެހުމުގެ ނަސީބާއެކު ޒަހްރާގެ އާއިލާގެ އެންމެންވެސް އަވަސްވެގަތީ ހޮޓަލަށްވަދެ ކުޑަކޮށް ތައްޔާރުވެލައިގެން ހަރަމްއަށް ދިޔުމަށެވެ. އިހްރާމް ހެދުން ބޭލޭނީވެސް ތަވާފާއި ސައުޔުކޮށް ނިމިގެންނެވެ. އަހެދްގެ އެނދު ހުރީ ކޮޓަރީގެ ކުޑަދޮރުކައިރީގައެވެ.ދޮރުން ބޭރަށް ބަލައިލުމާއެކު ފެނުނީ ކްލޮކްޓަވަރ ދިއްލިފައިވާތަނެވެ. އަހެދް އެންމެން ގެނެސް އެ ހިތްގައިމު މަންޒަރުދެއްކިއެވެ. ގެފުޅަށް ދާހިތުން ކެތްނުލަވާފައި ތިބިކުދިން މާ ލަސްނުކޮށް ދަތުރުވަރުބަލި ފިލުވައިލުމެއްނެތި އަވަސްވެގަތީ ހަރަމަށް ދިޔުމަށެވެ. ފަރުބަދަ ސަރަހައްދުކަމުން ހަރަމާއި ދިމާލަށް ހިނގަމުން ދިޔައިރު ކުޑަކޮށް މައްޗަށް އަރަން ޖެހުމުން ޒަހްރާއަށް ވަރުބަލިކަން ކޮންމެވެސް ވަރަކަށް އިހުސާސްކުރެވުނެވެ. "މިއީ އެއްއިރެއްގައި ޕްރޮފެޓްއާއި ކޮމްޕޭނިއަންސް އުޅުއްވި މަގުތައް ދޯ...އައި ކާންޓް ބިލީވް އަހަރެމެންވެސް ހަމަ އެ ސޭމް ރޯޑްގައި މި ހިނގަނީ..ވަރަށް ހެވެންލީ ޕްލޭސްއެއް. ނޭގޭ ބުނާކަށް. ޖޫ މިތަނަށް އައީމަ މައިންޑް ކާމްވެއްޖެ..ރިފްރެޝްވެފައި...." ޖޫރީ ހުރީ ވަރަށް ފޯރިހިފާފައެވެ.އޭނަ ދީނަށް ހުންނަ ފޯރިއާއި އެއްވަރަށް ފޮޓޯނަގަން ވަރުހުރެއެވެ. ސެލްފީއާއި އެއްވަރަށް އެހެންމީހުންގެ ފޮޓޯއާއި ވީޑިއޯ ނަގާވަރުން އަހެދްވެސް ހުރީ ކަންބޮޑުވެފައެވެ. " ކޮންމެހެންވެސް ބްލެކްސްޓޯންއާއެކު ސެލްފީ ނަގާފައި އިންސްޓާކުރަންޖެހޭ............." "ސްޕިރިޗުއަލް ޓްރާންސްފޮމޭޝަން އަކަށް ތިއްތިބެމެން މިއައީ....ޖޫ ތިއުޅެނީ ދުނިޔެއަށް އިޝްތިހާރުކޮށް ސަވާބުކޮޅު ގެއްލުވައިލަން. އެހެންނޫނަސް އެސްފީނާ ޖެހިއްޖެއްޔާ ކިހިނެއް ހަދާނީ....ފޮޓޯ ނުލާތި..." އަލްބާން އަމުރުކުރިއެވެ. "މިއީ ދައްކާކަށް ނޫން. ޖޫގެ ހެޕިނެސް އެހެން ކުދިންނާއި ޝެއާކުރަންވެގެން. މިތަނަށް ނާދެވޭ ކުދިން ފޮޓޯ ބަލާފައި ހިތްހަމަޖެހޭނެ...ހެހެހ.."ޖޫރީ ވާހަކަ އަނބުރައިލިއެވެ. "ދަރިފުޅުމެން....މިފަދަ މާތް ބިމަކަށް އައިސް އަރައިރުންނުވެ ޒިކުރުކޮށްބަލަ..."ޒަހުރަ ނަސޭހަތްތެރިވިއެވެ. ހަރަމްގެ އެތެރެއަށް ވަންނަން ދިޔައިރު މީހުން ތޮއްޖެހިފައިވުމުން އަހެދް ކުޑަކޮށް ހާސްވާގޮތްވިއެވެ. ކޮންމެ ދެމީހަކު އަތުގައި ހިފަހައްޓާލައިގެން ކުރިއަށް ދިޔައިރު އަހެދް އަވަހަށް ހިފީ ބާބިލްގެ އަތުގައެވެ. އަލްބާން އޭނަގެ މަންމައަށް އެހީތެރިވިއެވެ. ހަރަމްފުޅުގެ އެތެރެއަށްވަދެފައި ބަސް ހުއްޓޭވަރުވިއެވެ. މުގައްދަސް އިހުސާސްތައް ވަރުގަދަވިއެވެ. އަމާންކަމާއި އެކު ރޫހާނީ އިހުސާސްތައް ވަށައިލިއެވެ. ބުނަންނޭގޭފަދަ އުފާވެރިކަމެއް ރޫހަށް ލިބުނެވެ. ހަރަމްފުޅުން އެތެރެއަށް ވަދެފައި އަހެދް ވެސް އާޝޯޚުވިއެވެ. އެކަމަކު ގެފުޅު ފެނުމުން އެކުރެވުނު ބަޔާންކުރަން ދަތި އަސަރާއެކު ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. ހިނިތުންވެލެވުނީ އުފަލުގެ ކަރުނަތައް ދިރުވައިލަމުންނެވެ. މައިރާއަށްވެސް ވީ އެވަރެވެ. އޭނައަށް ރޮވެންފެށިގޮތަށް ހުއްޓައިނުލެވުނީ ކީއްވެކަމެއްވެސް ނޭގުނެވެ. ހުރިތަނަށް ތިރިވެވުނެވެ. ﷲގެ ޚާއްސަ މެހުމާނެއްގެ ގޮތުގައި މި ގެފުޅަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކާ ހަމްދުކުރެވުނުއިރުވެސް ލޮލުން ކަރުނަ ނުފިހެއްޓެއެވެ.ހަގީގީ އުފަލަކީ މިއީއެވެ. ﷲއަށްޓަކާއި ކުރެވޭ އަޅުކަމެވެ. ތަވާފު ކުރުމާއި ސައުޔުވެސް އާތަޖުރިބާއަކަށްވިއެވެ. ވަރުބަލިކަމެއްނެތި އެންމެންނަށް އުމްރާ ފުރިހަމަކުރެވުނެވެ. ޖޫރީ ފޮޓޯތަކާއި ވީޑިއޯތައް ނެގުމުގައި އުޅުނަސް އޭނަގެ އުއްމީދު ފުރިހަމަވާގޮތެއްނުވިއެވެ. ހަޖަރުލްއަސްވަދުއާއި ކައިރިވާވަން އުޅުނަސް އޭނަގެ ބޭބެމެންހާއިހެދި މީސްތަކުންގެ ތެރެއިން ފުރާނާލައިގެން ދާން އުޅުނު ޚިޔާލުވެސް އެވަގުތަށް ނައްތާލަން ޖެހުނެވެ. ނަމަވެސް ހިތް ކުދިކިޔަމުން ދިޔައެވެ. އޭނަގެ އެކުވެރިންނަށް ގޮން ޖަހައިލެވޭވަރު ކަމަކަށްވާނީ ހަޖަރުލްއަސްވަދުގެ ފޮޓޯއެއް ނަގައިލެވުމުންނެވެ. "ބާގާ ކާނެތަނެއް ނެތްތަ؟"ޖޫރީ ބަނޑުގައި އަތް ކާއްތައިލިއެވެ. "ކްލޮކް ޓަވާތެރޭގައިވެސް ހުންނާނެ. އެކަމަކު އެތަން ފުރި ބާރުވެފައި މިގަޑީގައި..." "އެކަމަކު މިހާރު ބޭނުމީ ނިދާލަން...ވަރަށް ޓަޔަޑް..."ޖޫރީ ކުސްތަޅައިލިއެވެ. ހޮޓަލަށް އައިއިރު ތިރިއަށް ދެވޭކަމުގެ އިހުސާސްކުރެވި ކުރިއަށް ދާން ބޭނުންނުވިޔަސް ހިނގޭހެން ހީވިއެވެ. ޖޫރީ ހުރީ މަޖާވެފައެވެ. ކޮންމެވެސް މީހަކު ޒަމްޒަމްފެން ފުޅިތައް ބަހާތަން ފެނުމުން ޖޫރީވެސް އެތަނުގެ ތެރެއަށް ވަންނަން ހަދައިގެން ނުވެއްޓުނީވެސް ކިރިޔާއެވެ. ޒަވިއާރު އެމަންޒަރު ވީޑިއޯކޮށްފައި ފެމިލީ ގްރޫޕަށް ލިއެވެ. ފެނަށް ޖެހިފައިވާ ކުއްޖަކު މައްކާއިން ފެނުނު ކަމަށް ބުނުމުން ޖޫރީވެސް ޖަވާބު ދިނީ މަޖާވެފައެވެ. ހޮޓަލަށްއައުމާއެކު ޖޫރީ ފޯނު ހުޅުވައިގެން އޮވެ ފޮޓޯތައް ލާންފެށިގޮތަށް އެތައް ދަމެއްވާންދެން އެމަސައްކަތުގައި އޮތްއިރު އެހެން އެންމެން ތިބީ ފުން ނިދީގައެވެ. *** ފަތިސް ނަމާދުގަޑީގައި ތަންކޮޅެއް ފިނިކަން ގަދައެވެ. ޖޫރީ ހޭއްލަވައިލުމަކީ ކުރެވޭނެކަމަކަށް ނުވުމުން އެހެން އެންމެން ފަތިސް ނަމާދަށް ހަރަމަށް ގޮސް ޝޭޚު މާހިރުގެ ފަހަތުގައި ތިބެ ނަމާދުކުރިއިރުވެސް މައިރާއަށް ރޮވެމުން ދިޔައީ އާޔަތުގެ އަސަރުގަދަކަމުންނާއި މާނަ އެނގޭތީއެވެ. އޭނައަށް ކުރިން ކުރެވިފައިވާ ފާފަތައް ފުއްސެވުމަށް އެދި ދުޢާކުރެވުނެވެ. އަހެދްއާއި މުރުތަސިމް އެންމެންގެ ފަހަތުން ހިނގާލާފައި އައިސް ހޮޓަލާއި ހަމަވީއިރު ތަންކޮޅެއް މީހުން މަދެވެ. "އަހެދްވެސް ބަދަލުވާން ފަށައިފި....މާ ޖެންޓްލްވެ ރިފްލެކްޓިވް....އެކަމަކު...."އޭނަގެ ހިތުގައި ހިނގަމުންދަނީ ހަގުރާމައެކެވެ. އެލީޒީގެ މެސެޖް ފަތިހު އެރި އިރާއެކު ފެނުނެވެ. ހެޔޮ އެދުންތަކާއި ކުރު ދުޢާއެވެ. އޭނަ ހުރީ އިންތިޒާރުގައި ކަން ހަނދާންކޮށްދެމުންނެވެ. އޭނައަށް ޖެހުނޫ ޖަވާބު ދިނުމަށެވެ. އެކަމަކު ވަގުތުގެ ތަފާތާއިއެކު ރޫހާނީ ތަފާތުވެސް ބޮޑުވާންފަށައިފިކަމުގައި އޭނަގެ ހިތް ބުނީ ކީއްވެކަމެއް ނޭގެއެވެ. *** ހެނދުނުގެ ސަޔަށްފަހު ޒަހްރާ ކުޝަންތައް ޖައްސާލައިގެން އިށީދެލައިގެން އިންއިރު ކުޝަންމަތީގައި އޮތީ ހުޅުވާލެވިފައިވާ މުސްހަފެވެ. މައިރާގެ ހަދިޔާއެކެވެ. އޭނައަށް ފާހަގަކުރެވުނީ ޒަހްރާގެ އަތް ތުރުތުރުލާކަމެވެ. ގުރުއާން ކިޔަވަން އިންނަތާ ގަޑިއެއްހާއިރުވެދާނެއެވެ. "މަންމާ އާ ޔޫ އޯކޭ؟" މައިރާއަށް އަހައިލެވުނެވެ. "ޢާނ.....ހަމަ މުޅިން ބަރާބަރު އަލްހަމްދުލިﷲ...." ޒަހްރާ ހަގީގަތް ފޮރުވިއެވެ. ނަމަވެސް މައިރާ ހިތްހަމަޖަހުނީ ލޭގެ ޕްރެޝާ ހުރިވަރު ބަލާފައެވެ. ޒަހްރާ މާލެއިން ފުރިއިރުވެސް ތަބީއަތު މުޅިން ރަގަޅެއްނޫނެވެ. ހުޅުތަކުގައި ރިއްސުމާއި ލޮލުން ފެންއައުންފަދަ އެހެން އުދަގޫތަކެއްވިޔަސް އޭނަ ޝަކުވާއެއްނުކޮށް ދުޢާކޮށްގެން ކެތްތެރިވެގެން ހުންނަނީއެވެ. ޖޫރީ އުޅޭގޮތުން ހިތާމަކުރިޔަސް ދުޢާއަކީ ދަރިންނަށް ހިދާޔަތް ދެއްކެވުމެވެ. ތަގުވާވެރިވެ ޖަންނަރަށް މަސައްކަތްކުރާނެ ސޯލިހު ދަރިންކަމުގައި ލެއްވުމަށެވެ. ފަތިސް ނަމާދަށް ދާން ނަގަން އުޅުމުންވެސް ޖޫރީ ބޮލުގައި ރިއްސާކަމުގެ ބަހަނާ ދައްކާފައި އޮތީއެވެ. ރަށުގައި ހަދާހެން ދަންވާންދެން ހޭލާ ހުރުމުގެ އުސޫލު ހުރިއްޔާ ހޭލެވޭނީ ކިހިނެއްހެއްޔެވެ؟ ތަހައްޖުދަށް ހޭލާ މީހެއް ވިއްޔާ އެކަން ދަނެގެން ދިހައެއް ޖަހައިރަށް ނިދަން މަސައްކަތްކުރާނެއެވެ. "ޟުހާ ނަމާދަށް ދާން ތައްޔާރުވާންވީ ދެން.."މައިރާ ފާޚާނާއިން ނުކުމެ ކަޅު އަބާޔާއާއެކީ ބުރުގާ އަޅަންފެށިއެވެ. "އެހެން ކުދިން ތައް ކޮބާ؟" "އެއްޗެއް ގަންނަން ދިޔައީ ކަމަށް ވާނީ...މިހާރު އެބަ އަންނަމޭ އަހެދް މެސެޖްކޮށްފައި ބުނި...." ޖޫރީ އެގަޑީގައި ހޭލައިގެން އޭނައަށް ފަތިސްނަމާދަށް ނުގޮވައިގެން މައްސަލަޖެއްސިއެވެ. ޟުހާއަށް ދާންވެގެން ފާޚާނާއަށް ވަންގޮތަށް ހަޅޭއްލަވައިގަތުމުން މައިރާ ދިޔައިރު އޭނަ ހުރީ ފާޚާނާގެ ކުދަދޮރު ކައްސާލައިގެންނެވެ. ކުރިމަތީގައި ފެންނަން އޮތީ ފަރުބަދައެވެ. ފެހި ވިނައިން މުޅި ހިސާބު ފެހިކޮށްލާފައިވާއިރު ކުދި ދޫނިތައް ލަވަކިޔަމުން އުދުހެއެވެ. ތަންކޮޅެއް ދުރުން ހުދުކުލައަކަށްދާ ވިނަތަކުގައި ވައި އަޅުވާ މަންޒަރުވެސް އެހާ ނަލައެވެ. "ސަފާ މައުންޓެއިން ދޯ...މައިގޯޑް.. އެމޭޒިން..މަގޭ ފޯނު....ފްރެންޑްސް ވަރަށް ޖޭވާނެ..."ޖޫރީ ދުއްވައިގަތީ ފޯނު ބަލައެވެ. "ސުބުހާނަﷲ...."މައިރައަށްވެސް ބުނެވުނެވެ."ޖޫރީ. އެކަމަކު އަވަހަށް ސައިބޮއިގެން ނަމާދަށް ހިނގާ...."މައިރާއަށްވެސް އިރުކޮޅެއްވާންދެން ކުރިމަތިން ފެންނަ މަންޒަރުތަކަށް ބަލަން ހުރިއިރު ކުޅަދުންވަންތަކަމާއިމެދު ވިސްނި ޒިކުރުކުރެވުނެވެ. ޒަހްރާވެސް ވަރަށް އޯގާތެރިކަމާއެކު ނަސޭހަތްތެރިވިއެވެ މި މާތް ބިމަށް އައި މަގުސަދު ހަނދާންނައްތާނުލަން އެދުނެވެ. ފަތުރުވެރިކަމުގެ މަންޒިލެއްނޫނެވެ. މިއީ އަޅުކަމާއި ﷲގެ މަގަށް ރުޖޫއަވުމުގެ މަންޒިލެކެވެ. އޭނަގެ ޅީދަރިންނާއިމެދު ފަޚުރުވެރިވިއެވެ. އެކުދިންގެ ފަރާތުން ފެންނަނީ މުޅިންވެސް ހިތް އުފާވާ މަންޒަރެވެ. އަޅުވެރިކުދިންތަކެވެ. އޭނަގެ ދުޢާއަކީ މިފަދަ ކުދިންގެ ސަބަބުން އޭނަގެ ފިރިހެންދަރިންވެސް ބަދަލުވުމެވެ. *** ހޮޓަލުގެ ލޮބީގައި ހުރި ކުރެހުންއެޅި ރަންކުލައިގެ ގޮނޑިއެއްގައި އިށީދެލައިން އިން ޒަވިއާރުގެ އަތުގައި އޮތް ތަސްބީހަ އޭނަގެ އަތުން ސޮއްސައިލިއެވެ. "ދިސް ހޯލް ތިންގް އިޒް ޓޫ މަޗް..."ދަރުސްތަކާއި ގަވާއިދުތައްދެކެ އޭނަ ވަރުބަލިވެއްޖެއެވެ. އެއަށްވުރެ ދެރައީ އޭނައާއި މައިރާގެ ގުޅުން ހީނަރުވެފައިވާކަމުގެ ނުބައި އިހުސާސެވެ. "އަހަރެންގެ ޖޯކުތަކުން ހީވެސް ނަހަދާ...."ފަނަރަވަނަ ފަހަރަށް ފޯނު ޗެކްކޮށްލަމުން އޭނަ އަމިއްލަ ނަފުސަށް ބުނެލިއެވެ. އަލްބާން އޭނައާއި ކައިރިން ލާފައި ދިޔައިރު އޭނައަށް ވަކިކުރަންވެސް ނޭގުނެވެ. އޭނަ ހުރީ އަރަބި ޖުއްބާއަކާއިއެކު ފޮށާއެއް އަޅައިގެންނެވެ. ފޯނުން އޭނަގެ މަންމަގެ ނަން ދިއްލުމުން އަލްބާންގެ މޫނުން އުފާވެރިކަން ފެނުނެވެ. ފޯނު ނަގާފައި އަލްބާން ދައްކަން ފެށީ އުމްރާ ގްރޫޕެއް ހެދުމުގެ ވާހަކައެވެ. އެއީ ޒަހްރާގެ ހުވަފެނެވެ. ކުލަނުޖެހި އޮތް އުއްމީދެކެވެ. ޒަހްރާ މާލެއިން ފުރިއިރުވެސް އެފަދަ ޖަމާއަތެއް ހެދުމުގެ ޝައުގުވެރިކަން ފައުޅުކުރިޔަސް އެހެން އެއްވެސް ކުއްޖެއްގެ އެއްބާރެއް ނުލިބުނެވެ. އަމިއްލައަށް ދިޔުމުގެ ކުޅަދާނަކަން ނެތް މީހުން އުމްރާކުރުމުގެ މަގު ތަނަވަސްކޮށްދިނުމުގައި އެހީތެރިވާން ޒަހްރާ އަބަދުވެސް ބޭނުންވެއެވެ. އަލްބާންއަށްވެސް މިހާރު އެއީ ހަގީގީ މާނައިގާ ކުރެވިދާނެކަމެއްކަން ވިސްނިއްޖެއެވެ. މަންމަގެ އެ ހުވަފެން ފުރިހަމަކޮށްދޭން ހިތާހިތުން ވައުދުވެވުނެވެ. *** އަހެދް ކޮޓަރިއަށް އައީ ތަސްބީހައާއި އަތަރު އަދި މުސްހަފްވެސް ގަނެގެންނެވެ. ޒަހްރާއަށް ލިބުނު ހަދިޔާ ހިފައިގެން އެ ފުޅީގެ ވަސް ބަލަން އިންއިރު ޖޫރީ އެނދުމަތީގައި ނާސްތާ ނަގަމން ދެފައި ވަށްކޮށްލައިގެން އިނެވެ. އަހެދް ކުޑަދޮރުން ބޭރަށް ބަލަން އިންއިރު ވިލާތަކުގެ ތެރޭގައި ކްލޮކްޓަވަރ ފޮރުވުނެވެ. ހިތްގައިމު މަންޒަރެކެވެ. އޭނަ ރިކޯޑްކުރި އިމާމްގެ ގުރުއާން އަޑުއަހަން ޖައްސައިލިތަނާހެން މެސެޖެއް އައުމުން އާއިލާގެ ފަރާތުން ކަމަށް ހީކުރެވުނެވެ. އެކަމަކު އެއީ އޭނަ ފޯނުގައި އޮތް ނަމްބަރަކުން އައި މެސެޖެއްވެސް ނޫނެވެ. "އޭނަ ކައިރީ ބުނޭ އަހަރެން އިންތިޒާރުކުރާނަމޭ. ކިތަންމެ ދިގު އިންތިޒާރެއް ކުރަން ޖެހުނަސް ހެޔޮ..ހަމައެކަނި ހުރެގެން ހަގުރާމަކުރާވަރަށްވެސް ބައެއް އެއްޗެހީގެ އަގު ބޮޑު..." ޔަގީނެވެ. އެލީޒީ ގަސްތުގައި އޭނައަށް ފޮނުވި މެސެޖެކެވެ. ސަލާމް ކުރުމެއްނެތެވެ. ޅެން ބަހުރުވައިގެ ތެރޭގައި ބޮނޑިކޮށްލާފައިވާ ވިހަ ޚަންޖަރެކެވެ. އަހެދް ފޯނަށް ބަލަން އިންއިރު އޭނަގެ އިނގިލިތަކުގެ ހުޅުތައް ހުދުވަމުން ދިޔައެވެ. މިއީ ހަމަ އޮޅިގެން ކަމަށް ހެދިގެން ވިޔަސް އޭނައަށް ދެނެގެން ފޮނުވި މެސެޖެކެވެ. އޭނަގެ އިހުސާސްތަކަށް އެއްބަސްވެފައެވެ. އޭނަގެ ވުޖޫދުވެސް ރޫރޫ އަޅުވައިލުމަށްޓަކާ ގަސްތުގައި ދިން ބަހުގެ ހަމަލާއެކެވެ. އޭނަ އެކަން ކާމިޔާބުކޮށްފިއެވެ. އިރުކޮޅަކަށް ކުރީގެ އަހެދް ވުޖޫދަށް އައެވެ. މޭގެ ތެރޭގައި އަލިފާން ވާ އަންހެންކުއްޖާއެވެ. ލޭގެ ހޮޅިތަކުގައި އިންތިގާމް ދައުރުވަމުންދާ އަދި މިކައިވެނީގެ އެންމެ ސަބަބެއް ވާކަމުގައި ދެކޭ ކުއްޖާއެވެ. އެއީ ބަދަލުހިފުމެވެ. އޭނަގެ އަތް މުށްކެވުނެވެ. ކަނދުރާއަށްވެސް ހޫނުވާންފެށިއެވެ. އެކަަމަކު ދެން ވިސްނެންފެށީ ޒަހްރާއާއި ދޭތެރޭގައެވެ. އޭނައަށް މަންމައެއްފަދައިން ލޯބިވާންފެށީ ޒަހްރާއެވެ. އޯގާތެރިކަމާއެކު "ދަރިފުޅު"ގެ ނަމުން މުޚާތަބުކުރެއެވެ. ޒަހްރާ ތަސްބީހަ ކިޔަންއިންއިރު ރޭކާވެސް ނުލަނީ އޭނަގެ ފިރިހެންދަރިފުޅު މުރުތަސިމްގެ އަންހެނުން އެގެއަށް އައީ ހަގީގަތުގައި ވިހައިން ފުރިފައިވާ ހިތަކާއި އެކީގައި ކަމެވެ. އަހެދް ހިތް ހަމަޔަކަށް އަޅުވަން މަަސައްކަތްކުރިއެވެ. އޭނަގެ ހަގުރާމަ އޮތީ ހަމައެކަނި އެލިޒީއަކާއި ނޫނެވެ. އަމިއްލަ ނަފުސާއިވެސް މެއެވެ. ބަދަލުހިފަން އައި އަންހެންކުއްޖާ ވަޅުލެވެމުން ދިޔައީ ލޯތްބަށް ބޭނުންވެފައިވާ އަންހެނެއްގެ ދަށުގައެވެ. އޭނައަށް އެލޯބި ހައްގުކަމާއިމެދު ވެސް ޝައްކެވެ. ހައްތާ ބާރަށް ފޯނުގައި ހިފައިލެވުނެވެ. މުރުތަސިމް އެހެން މީހަކާއިއެކީ، އެހެން މީހަކާއިއެކު ހެމުން، އިތުބާރުކޮށް ހުރިހާ ވާހަކަ ހިއްސާކުރަމުން އެހެން އަންހެނަކު ހޮވުން ހިތަށް އަރާފައި ކުރީގެ އަލިފާންގަނޑު އަލުން ރޯވެގަނެއެވެ. ރުޅިވެރިކަމުގެ އިންތިހާއަށް ގޮސް ގާތްގަނޑަކަށް ކުޑަކުއްޖެހެން އޭނަގެ ހިތް ފަޅައިގެންދާވަރުވިއެވެ. އެއީ އޭނަގެ މީހެކެވެ. ހަލާކުކޮށްލަން ވިޔަސް ނޫނީ އެކުގައި ވުމަށްވިޔަސް މެއެވެ. އެކަމަކު އަތުން ބީވެދިޔަދީގެން ނުވާނެއެވެ. އޭނަ ފޯނު ތަޅުލާފައި މަޑުމަޑުން އިންއިރު އޭނަގެ ސިކުނޑި ތޫފާނެެއްފަދައިން އެނބުރެމުން ދިޔައެވެ. *** ނަމާދަށްފަހު ބައެއް މީހުން ބާޒާރުކޮށްލުމަކީ އާދައެކެވެ. ރަންފިހާރައެއްގެ ބިއްލޫރި ކޭސްތަކުގެ ކައިރީގައި ހުއްޓިލައިގެން ހަތަރު ޒުވާނުން ތިއްބެވެ. ޒަވިއާރު، މުރުތަސިމް، އަލްބާން އަދި ކައިލްއެވެ. ވެލްވެޓް ތަބައްތަކުގައި އަތުރާފައިވާ ގަހަނާތަކުގެ ދަޅައިން ލޯ ތަރަތަރަޖަހައިގެންދާ ވަރުވެއެވެ.ރަނާއި ރިހީގެ ގަހަނާތަކާއި ގަޑިތައްވެސް ހުއްޓެވެ. މުރުތަސިމްއަށް އަތްލެވުނީ ރަންކުލައިގެ ކެވެލިކޮޅެއްގައެވެ. މަލުގެ ކުރެހުން ކައިރިފަށުގައިވިއެވެ. ކައިލްއާއި ދެމީހުންނަށް އެއްފަހަރާ އަތް ގެންދެވުނެވެ. ދެމިހުން އެކަކު އަނެކަކަށް ބަލާފައި ހޭންފެށިއެވެ. "އޮފްކޯޒް...."މުރުތަސިމްއަށް މަޖާވިއެވެ."އަހަރެމެން ދެމީހުންނަށް ނެގުނީ އެކައްޗެއް. އެކަމަކު ޓްރަސްޓްމީ. އާސީ މިދެކެ ލައިކްނުވާނެ. އަބަދުވެސް އެނގެއެއްނު އެއީ ސިލްވާ ގާލްއެއްކަން...ގޯލްޑް ފެނުނީމަ ވަރަށް ޑްރެމެޓިކްވާނެ..." "ތިބުނަނީ މަގޭ އަންހެނުން މަށަށް ވުރެ ރަގަޅަށް އެނގެނީ ސިމް އަށޭތަ؟"އޭނަ އެއްބުމަ އަރުވައިލަމުން އެއްމިޔަކަނުން ހީލިއެވެ. މުރުތަސިމް ކައުންޓަރަށް ލެނގިލިއެވެ."އަހަރެން މިބުނިހާވެސް އެއްޗަކީ ތަންކޮޅެއް ސަމާލުކަން ދޭށޭ. ރީދޫކުލަ ހުންނަ ގަހަނާދެކެ އެކުއްޖާ ހޭޓްކުރޭ.." "ނޮޓް އެނީ މޯ...."ކައިލް ވިސްނުމަކާއި ނުލައި އަނެއްކާވެސް އެ ކެވެލިކޮޅުގައި އަތް ޖައްސައިލިއެވެ." ކުލަތައް ދިރާސާކޮށްފައި...މިހާރު ހަމަ ރަނާއި ހެދި އޮބްސެސްވެފައި. ހުރިހާ އެއްޗެއް މެޗްވާން ޖެހޭ އޭނަގެ އަންޑާޓޯން އޯ ސަމްތިން..." އާދައިގެ ގޮތަކަށް ދެކެވެމުން ދިޔަ ވާހަކަތަކަކަށްވިޔަސް ދެން ހުރި ލަފުޒު ބުނެވުނީ ބޭއިޚުތިޔާރުގައެވެ. "އެކަމަކު އަހެދްއަށް މިތާ މިހިރަ ސްޓޯންސްތައް ތަންކޮޅެއް ޑަލް. ޝީ ލަވްސް ރޫބީސް......." ހިނދުކޮޅެއްގެ ހިމޭންކަމެކެވެ. އޭރު މުރުތަސިމް ތަބަކުން ރަންމުތް ޖަހާފައި ހުރި އުޅާތަކަށް ބަލަނީއެވެ. ސޭޓް އަދަބުވެރިކޮށް ބޯ ޖަހާލާފައި ޖަވާހުރި ގަހަނާހުރި ސެޓްތައް ހުރި ދިމާލަށް އަންނަން ދައުވަތުދިނެވެ. އެކަމަކު އޭނަ މަޑުކޮށްލައިގެން ހުރީއެވެ. "އަހެދްއާއި ވާހަކަދައްކަންތަ؟" އޭނަގެ ރާގު ހުރީ އާދައިގެ ގޮތަކަށެވެ. ދިމާކުރާފާޑެއްވެސް ހުއްޓެވެ. ކައިލް ކަރުކަހައިލަމުން ކުޑަކޮށް ހީގަތީ ނުތަނަވަސްކަން ފޮރުވުމަށެވެ."ނޫން...ޑިނާ ތެރޭ ދެކެވޭ ވާހަތައް އިވޭނެއްނު. ދޯ...." މުރުތަސިމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެކަމަކު ލޮލުން ހުޝިޔާރުކަން ފެނިލިއެވެ."އަހް....ހޫމް ޔަގީން....އަހަރެން ހީކުރީ މި ކެވެލިކޮޅާއި ހެދީ ދެމީހުން ތަޅާފޮޅައިގަންނަން ޖެހޭނެހެން.." "ތީތި ނަގާ.."ކައިލް އަވަހަށް ފަހަތަށް ޖެހިލިއެވެ."ތިކަމާއިހެދި އަރައިރުންވާނެކަމެއް ނެތް.." އެކަމަކު އޭނަގެ އަޑުން ސަމާސާކަން ކެނޑުނެވެ. އަލްބާންއާއި ޒަވިއާރުއަށް މާހައުލުގައިވި ނުތަނަވަސްކަން ވިސްނުނަސް އެދެމީހުން ތިބީ ފޯނުން ކޮންމެވެސް އެއްޗެއް ބަލާށެވެ. އޭރު ކައިލްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭނަ އެހެން ބުނީ އަސްލު ވިސްނާފައެއްނޫނެވެ. އޮޅިގެންެވެ. ދޫވެސް އޭނައަށް ބޭވަފާތެރިވެ ބޭޒާރުކޮށްލަން އުޅުނީއެވެ. އެބުނެވުނީ މައުސޫމް ލަފުޒުތަކެވެ. އެކަމަކު ހަގީގަތަކީ އެއީއެއްނޫނެވެ. އޭނައަށް އަހެދްއަށް ކަމުދާ އެއްޗެހި ވަކިކުރާން އެނގެއެވެ. އަހެދް ޔާގޫތާއި ހެދި މޮޔަވާކަމާއި އޭނައަށް އެހާ ބޮޑަށް އެމެރަލްޑްއާއި ޑައިމަންޑް ކަމުނުދާކަންވެސް ހަނދާނުގައި ބިންވަޅުނެގިފައިވެއެވެ. މިއީ ހަމައެކަނި ސުފުރާމަތީގައި ދެކެވިގެން އޭނައަށް އެނގުނު މައުލޫމާތެއްނޫނެވެ. އަދި އެންމެ ނުބައި ތަންކޮޅަކީ މުރުތަސިމްއަށް ނޭގޭކަމެވެ. ކައިލް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އޭރު ބޯ ދުންހެން ކުށުގެ އިހުސާސް އޭނަގެ މޭގެ ތެރޭގައި ފެތުރެމުން ދިޔައެވެ. އޭނަ މިއިހުސާސްތައް ދެކެ ރުޅިއާދެއެވެ. ކޮންމެ ފަހަރަކު އަހެދްގެ ނަން ގަތުމުން މެޔަށްވާގޮތްތައް ދެކެ ރުޅިއާދެއެވެ. އެދެމީހުން ވަޅުލި މާޒީ ހަނދާންވުމުންނެވެ. އެހެން މީހަކު އެ މާޒީ ކޮނެގެން ގެންނާނީ ކޮންއިރަކުން ހެއްޔެވެ؟ މުރުތަސިމް ހީލިޔަސް އެލޮލުގައިވި ޚިޔާލުތައް ކައިލްގެ ސިކުނޑިން ކައްސާލައިގެނެއް ނުދިޔައެވެ. އިރުކޮޅަކަށް އެ ކެވެލިކޮޅު ވިދުމުގެ ބަދަލުގައި އަނދާހެން ހީވިއެވެ. ފިހާރަތެރޭގައި ދުވާ އޫދުވަހުން މުޅި މަގުގައިވެސް އަތަރުލެވިފައިވިއެވެ. އެ ރަން ފިހާރަތެރޭގައި މީހުން ގިނަވާންފެށިއިރު އެކި މީހުންތައް އެކި ގަހަނާތައް ނަގައިގެން އަގު އަހަމުން ދިޔައެވެ. ކޮންމެ މީހެއްގެ ޚިޔާލު ތަފާތެވެ. އެކި މީހުން ހޮވަނީ އެކި އެއްޗިއްސެވެ. އަލްބާންވެސް ޑިސްޕްލޭ ކައުންޓަރެއްގެ ކައިރީގައި ހުރެ އަނގޮޓިއެއްގައި އިނގިލި ޖައްސައިލިއެވެ. އެހާ ގޮތްބޮޑުނޫނަސް ލޮލުގައި އަޅައިގަންނަ ކަހަލަ ތަފާތުކަމެއްވިއެވެ. މެދުގައި ނިކަން ކުޑަ ކަނޑު ނީލަމެކެވެ. ވަށައިގެންވާ މައުދަންގެ ތެރެއިން އެ ނީލަން ފެންނަލެއް ނިކަން ރީއްޗެވެ. އެއީ ހިމޭންކަމާއެކު ލޯބިވާ، ހިތްތިރި އަދި އެތައް ބައިވަރު ބުރަދަނެއް ހިތުގައި އުފުލައިގެން އުޅޭ ކުއްޖަކަށްޓަކާ ހެދިފައިވާ އެއްޗެއްފަދައެވެ. މަޑު ޗޮކަކުން އެވަގުތުކޮޅު މެދުކެނޑުނެވެ. "ރިއަލީ؟ އޭނަ ހަށަން ބަދެލަމުން ވާހަކަދެއްކިއިރު ރާގުގައި މަލާމާތުގެ ގޮތްގަނޑުވެސް ހުއްޓެވެ." އަންހެންކުއްޖާއަށް ދޭން އެއްޗެހި ގަންނަން ހަމަ ވަރަށް މޮޅޭ ބުނެވޭނީ..." އެ މަލާމާތުެގެ ހިނިތުން ފުންވިއެވެ. "ސިމްޕަލް، އޯޑިނަރީ،އަދި ލިޓްލް މީނިންގލެސް...ނޫންތަ؟" އަލްބާން ހީގަތީ އޭނަގެ ހިތަށް ހެރުނު ކަށިތައް ފޮރުވަންވެގެންނެވެ."ކޮންކަމެއް އެނގިގެން ތިހެން ބުނީ؟" "ހީކުރާވަރަށް ވުރެ މާބޮޑަށް.."އޭނަ ކައިރިއަށް ޖެހިލިއެވެ. އަލްބާންއަށް ބުނާނެ އެއްޗެއް ނޭގުނެވެ. އޭނަ ނުތަނަވަސްވިއެވެ. އަދި އެ އަނގޮޓި އޮތްތާ ބޭއްވީ ފަރުވާތެރިކަމާއެކުގައެވެ. އެތަނަށްވެރިވި އުދާހުގެ ބޮޑުކަމުން އެ އަނގޮޓިވެސް ހަލާކުވެގެން ހިނގައިދާނެކަމުގެ ބިރަށެވެ. އޭނަ ދާން ހިގައިގަތީ ޒަވިއާރުއާއި ކައިރިން ލާފައެވެ. "ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަންވާނެ ދޯ އަލްބާން...ތިމާއަށްވުރެ މޮޅު މީހެއްކަމަށް ހެދިގެން ހުރެފައި ތި ފަހާދުވަނީ މީހެއްގެ އަންބެއް....އަދި އެއަށްވުރެ ނުބައި ތަންކޮޅަކީ ތިމާއާއި އެކަށީގެންނުވާ......." އަލްބާން އަތް އުފުލައިލިއެވެ. އެކަމަކު އެ އަތް ޒަވިއާރުއާއި ހަމަޔަށް ފޯރުމުގެ ކުރިން މުރުތަސިމް އެއަތުކުރީގައި ހިފެހެއްޓިއެވެ. އޭނަގެ ލޮލުންވެސް ދިލަނަގަމުން ދިޔައެވެ. ރަންފިހާރައިގެ ހަލަބޮލިކަން ކެނޑި އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ކައިލް އަވަސްއަވަހަށް ގޮސް ތަންކޮޅެއް ހަރުކަށިކޮށް ބުނެލިއެވެ."ހޭ....މިތާގައެއްނޫން. މިއީ ތިކަން ކުރަން ހުރިތަނެއްނޫން.." ޒަވިއާރުގެ ކަންކަތުރަށް ބާރުވެލިއެވެ. ކައިލްގެ ވާހަކަ ހުރިގޮތުމް މުރުތަސިމްވެސް ހައިރާންވިއެވެ. "އެންޑް ޔޫ......"ކައިލްއާއި ޒަވިއާރުގެ ހަތަރުކަޅި ބައްދަލުވިއެވެ."ތިކަންތައް ހުއްޓައިލަން ވެއްޖެއެއްނު. ދީނުގެ ތެރެއަށް ބޮޑާކަން ވެއްދުން. މި ދަތުރުމަތީގައިވެސް ތިއުޅެނީ ހަރުދަނާވާން މަސައްކަތްކުރަމުންދާ މީހުން ނަގާ ދިމާކުރަމުން. ކަޓް އިޓް އައުޓް..." ޒަވިއާރުގެ ނަޒަރު އަލްބާން މުރުތަސިމްއިން ގޮސް ކައިލްގެ މޫނަށް ހުއްޓުނެވެ." ޔޫ އާ އޯލް ޖަސްޓް އެ ޝިޓްޝޯ..." ހައިރާންވެ ހުއްޓިފައި ތިބި އުމްރާވެރިންގެ ތެރެއިން ހިނގާލާފައިގޮސް ޒަވިއާރު މަގަށް ނިކުތެވެ. މުރުތަސިމްވެސް އަލްބާންގެ އަތުން ދޫކޮށްލިއެވެ. އޭރުވެސް ހިތްހަމަނުޖެހިފައި ހުރި ކައިލް އަލްބާން ނަގަން އުޅުނު އަނގޮޓިއަށް ބަލައިލިއެވެ. "އެއީީ މީނިންލެސް އެއްޗެއްނޫން..އިޓްސް ތޯޓްފުލް..." އަލްބާން ޖަވާބެއް ނުދިނަސް އެތަނަސް ވެރިވެފައިވާ ހިމޭންކަމުން ސާފުކޮށްދެނީ އެކައްޗެކެވެ. އެންމެންގެ މޫނުމަތިން ފެންނަން ހުންނަ ޝުއޫރުތަކުގެ ފަހަތުގައި އެތައް ސިއްރުތަކާއި ހަމަނުޖެހުންވެސް ވެއެވެ. އެކިމީހުންގެ ހޮވުންވެސް ތަފާތެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ